ރޭސިން ސައިކަލު އެކްސިޑެންޓާ ގުޅިގެން އެކަކު ބަންދުގައި

ހުޅުމާލެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ހުކުރު ދުވަހުގެ ރޭ އުމުރުން ދުވަސްވީ މީހަކު ތަރާވީސް ނަމާދުކޮށްގެން ގެއަށް ދިޔަ މަގުމަތިން ރޭސިން ސައިކަލަކުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ މި މައްސަލައާ ގުޅިގެން ހަމަ އެ ރޭ 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއްވައެވެ.

އެ އެކްސިޑެންޓް ހިނގީ ހުޅުމާލޭ، ރަޝީދު މިސްކިތުން ފައިބައިގެން ގެއަށް ދިޔަ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގައި ރޭސިން ސައިކަލެއް ޖެހުމުންނެވެ.

އެ އެކްސިޑެންޓްގައި އަނިޔާވި މީހާގެ ދަރިފުޅު މުޙައްމަދު ސައިފް ބުނިގޮތުގައި މި އެކްސިޑެންޓްގައި އޭނާގެ ބައްޕަ ވަނީ ވަރަށް ބޮޑަށް ޒަހަމްވެފައެވެ.

އެގޮތުން ފަސް އިންޗިއަށްވުރެ ބޮޑަށް ބޯފަޅައިގެން ގޮސް، ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށާއި މި ވަގުތު ފަރުވާ ދެމުންދަނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ކަމަށް އޭނާ ބުންޏެވެ.

ފޮނިބޮޑުކޮށް، ގަވާއިދާ ހިލާފަށް ދުއްވާ މީހުންގެ ސަބަބުން ރާއްޖޭގައި އެތައް ބައެއްގެ ފުރާނަ ގެއްލި އެތައް ބަޔަކު ނުކުޅެދޭ ހާލަތަށް ގޮސްފައި އެބަހުއްޓެވެ.

ނަމަވެސް މި ފަދަ މައްސަލަތައް އަންނަނީ ދުވަހަކަށް ވުރެން ދުވަހެއް އިތުރުވަމުންނެވެ. މިފަދަ ކުށްތައް ހުއްޓުވުމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ނުކުޅެދިފައެވެ.

comment ކޮމެންޓް