އދ.ގެ ގަރާރަށް އިސްރާއީލުން ފުރިހަމައަށް ތަބާވުމަށް ރައީސް ގޮވާލައްވައިފި

ރައީސް ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ޣައްޒާގައި އިސްރާއީލުން ކުރަމުން ގެންދާ އިންސާނިއްޔަތާ ހިލާފު ހަނގުރާމަ ހުއްޓާލުމަށް ޑިމާންޑްކޮށް އދ ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރަށް އިސްލާއީލުން ފުރިހަމައަށް ތަބާވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފިއެވެ.

އިސްރާއިލުން، ފަލަސްތީނުގެ ޣައްޒާ ދެމުން ގެންދާ ހަމަލާތައް މިހާރުން މިހާރަށް ހުއްޓައިލަން ގޮވައިލައި ގަރާރެއް އދ.ގެ ސަލަމާތީ މަޖިލީހުން ރޭ ވަނީ ފާސްކޮށްފިއެވެ.

މިކަމާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ އދ.ގެ ސަލާމަތީ މަޖިލީހުން ގަރާރު ފާސްކުރުމުން އެ ކަމަށް ތައުރީފު ކުރައްވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ އެ ގަރާރު ފާސްކުރެވުނީ ވަރަށް ގިނަ ދުވަސްތަކެއް ފަހުން ކަމަށެވެ.

ރޭ ފާސްކުރި ގަރާރު ފުރިހަމައަށް ތަންފީޒު ކުރުމަށް ޑިމާންޑްކޮށް، ރައީސް ވަނީ އިސްރާއީލުން އެ ގަރާރަށް ފުރިހަމައަށް ތަބާވުމަށް ގޮވާލައްވައިފައެވެ.

އިސްރާއިލާއި ފަލަސްތީނާ ދެމެދު ކުރަމުން ގެންދާ ހަނގުރާމަ ހުއްޓާލުމަށާއި، ނަސްލު ނައްތާލުމުގެ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން މަސައްކަތް ކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި އެހެން ގައުމުތަކުން ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި އިތުރު ކަންތައްތަކެއް ކޮށްދޭންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

ރޭ މި ގަރާރު ފާސްކޮށްފައިވާއިރު، އދ. ގެ ސަލަމާތީ މަޖިލީހުގެ 15 ގައުމުގެ ތެރެއިން އެމެރިކާ ފިޔަަވައި ހުރިހާ ގައުމަކުން ވަނީ ވަގުތުން ހަމަލާތައް ހުއްޓާލަން ތާއީދުކޮށްފައެވެ.

އެ ވޯޓަށްފަހު ވާހަކަދައްކަވަމުން އެމެރިކާއިން އދ. އަށް ކަނޑައަޅައިފައި ހުންނަ ސަފީރު ލިންޑާ ތޯމަސް ގްރީންފީލްޑް ވަނީ ހަނގުރާމަ ހުއްޓައިލުމުގެ ސުލްހައިގެ އެއްބަސްވުމަކާ ހަމައަށް ވާސިލްވުން ލަސްވީ ހަމާސްއާހެދި ކަމަށް ވިދާޅުވެ ހަމާސް ކުށްވެރިކުރައްވައިފައެވެ.

އަދި އެމެރިކާއިން ހަނގުރާމަ ހުއްޓައިިލަން އެއްބަސް ނުވާ ކަމަށް ވިދާޅުވިއެވެ.

ހަނގުރާމަ ކުރިއަށްދާތާ ގާތްގަނޑަކަށް ހަ މަސް ދުވަސްފަހުން މިފަދަ ގަރާރެއް ފާސްކުރެވުނުއިރު މިއީ ހަނގުރާމަ ހުއްޓައިލުމާ ދިމާއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޣައްޒާގެ 2.3 މިލިއަން މީހުންގެ އާބާދީގެ ތެރެއިން 90 ޕަސެންޓު މީހުން ވަނީ އެކި ސަރަހައްދުތަކަށް ހިޖުރަކުރަން މަޖުބޫރުވެފައެވެ. 32،000 އަށްވުރެ ގިނަ މީހުން ހަނގުރާމައިގައި ވަނީ މަރުވެފައެވެ.

ދިރިތިބީންނަށް ބަނޑުހައިހޫނު ކަމާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

comment ކޮމެންޓް