ނަމާދުން އަންނަނިކޮށް ރޭސިން ސައިކަލަކުން ޖެހި އައިސީޔޫގައި

ހުޅުމާލެ ސްކޭޓު ޕާކް ކުރިމަތީ އޮންނަ ހުސްބިން -- ސަން ފޮޓޯ

މިދިޔަ ހުކުރު ދުވަހުގެ ރޭ އުމުރުން ދުވަސްވީ މީހަކު ތަރާވީސް ނަމާދުކޮށްގެން ގެއަށް ދިޔަ މަގުމަތިން ރޭސިން ސައިކަލަކުން ޖެހުމުން އަނިޔާވެ އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް އާއިލާއިން ބުނެފިއެވެ.

އެ އެކްސިޑެންޓް ހިނގީ ހުޅުމާލޭ، ރަޝީދު މިސްކިތުން ފައިބައިގެން ގެއަށް ދިޔަ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގައި ރޭސިން ސައިކަލެއް ޖެހުމުންނެވެ.

އެ އެކްސިޑެންޓްގައި އަނިޔާވި މީހާގެ ދަރިފުޅު މުޙައްމަދު ސައިފް ބުނިގޮތުގައި މި އެކްސިޑެންޓްގައި އޭނާގެ ބައްޕަ ވަނީ ވަރަށް ބޮޑަށް ޒަހަމްވެފައެވެ.

އެގޮތުން ފަސް އިންޗިއަށްވުރެ ބޮޑަށް ބޯފަޅައިގެން ގޮސް، ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށާއި މި ވަގުތު ފަރުވާ ދެމުންދަނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ކަމަށް އޭނާ ބުންޏެވެ.

"މި ފުރުސަތުގައި ބައްޕަ ހޮސްޕިޓަލަށް ގެންދަން އެހީތެރިވި ފަރާތްކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ހެޔޮ ޖަޒާ ދެއްވާށި. އަދި ކޮއްކޮ އެހީތެރިކަމަށް ގޮވުމުން ވެސް މަންޒަރު ބަލަން ތިބި މީހުnqނަށް ހެޔޮ ވިސްނުން ދެއްވާށި،" ސައިފް ފޭސްބުކުގައި ލިޔެފައިވެއެވެ.

ސައިފް ވަނީ ކުށްކުރާ މީހުން މިނިވަން ކަންމަތީ ރާއްޖޭގައި އުޅެމުން އަންނަކަން ކަންބޮޑުވުމާއެކު ފާހަގަކޮށްފައެވެ.

"ހެޔޮ ނުވާނެ ތިމާއަށް ތިމާ ފެނިގެން އުޅޭވަ އްތަރަށް ނުދުއްވަބަލަ. މި ފަދަ މީހުންގެ އަމަލުގެ ސަބަބުން ކިތައް ކިތައް އާއިލާ ތޯ ދާއިމަށް ނުކުޅެދި، ދުނިޔެ ދޫކޮށް އެ ދެރަ ތަހައްމަލް ކުރަމުން އެދަނީ! އެކަމު ކުއްކުރާ މީހުން ހެވިފަ، މިނިވަން ކަންމަތީ،" ސައިފް ބުންޏެވެ.

"މި ރާއްޖެއަކީ އިންސާފެއް ލިބޭނެ ތަނެއް ނޫން، މީ ކުށްކުރާ މީހުންނަށް ސުވަރުގެއެއް,"

މި މައްސަލާގައި ފުލުހުންގެ ބަހެއް ހޯދާލުމަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދޭތީ ބަހެއް ވަނީ އަދި ލިބޭ ގޮތް ނުވެފައެވެ.

ފޮނިބޮޑުކޮށް، ގަވާއިދާ ހިލާފަށް ދުއްވާ މީހުންގެ ސަބަބުން ރާއްޖޭގައި އެތައް ބައެއްގެ ފުރާނަ ގެއްލި އެތައް ބަޔަކު ނުކުޅެދޭ ހާލަތަށް ގޮސްފައި އެބަހުއްޓެވެ.

ނަމަވެސް މި ފަދަ މައްސަލަތައް އަންނަނީ ދުވަހަކަށް ވުރެން ދުވަހެއް އިތުރުވަމުންނެވެ. މިފަދަ ކުށްތައް ހުއްޓުވުމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ނުކުޅެދިފައެވެ.

comment ކޮމެންޓް