ކޮންކާކަފް ނޭޝަންސް ލީގު އެމެރިކާއިން ކާމިޔާބުކޮށްފި

މިއީ އެމެރިކާއިން މިމުބާރާތް ކާމިޔާބު ކުރި ތިންވަނަ ފަހަރު / ފޮޓޯ: އޭޕީ

އުތުރާއި މެދުތެރޭ އެމެރިކާ އަދި ކެރީބިއަން ސަރަހައްދުގެ ޤައުމުތަކުގެ މައްޗަށް އެކުލެވޭ ކޮންކާކަފް ނޭޝަންސް ލީގުގެ ތަށި އެމެރިކާއިން ކާމިޔާބު ކޮށްފިއެވެ.

މިމުބާރާތުގެ ތަށި އެމެރިކާއިން ކާމިޔާބު ކުރީ ޓެކްސަސްގެ އާލިންޓަންގައި ކުޅުނު ފައިނަލް މެޗުގައި މެކްސިކޯއާ ބައްދަލުކޮށް ދެ ލަނޑު ސުންލަނޑުން ކާމިޔާބު ކޮށްގެންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އެމެރިކާއިންނެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ކާމިޔާބު ނުކުރެވި ހާފު ނިމެން ދަނިކޮށް މެޗުގެ ފުރަތަމަ ލަނޑު އެމެރިކާއަށް ކާމިޔާބު ކޮށްދިނީ ޓައިލާ އެޑަމްސްއެވެ.

އެމެރިކާއިން ކާމިޔާބުކުރި ދެވަނަ ލަނޑު 63 ވަނަ މިނެޓުގައި ޖަހައިދިނީ ޖިއޮވާނީ ރޭނާއެވެ. މިއީ އޭނާ އެމެރިކާއަށް ކާމިޔާބު ކޮށްދިން އަށް ވަނަ ލަނޑެވެ.

މިމެޗުގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށް ލިބުނު ނަމަވެސް އެފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު އެމެރިކާއިން ވަނީ 2019-2020 ވަނަ އަހަރު ތައާރަފުކުރި ކޮންކާކަފް ނޭޝަންސް ލީގުގެ މިހާތަނަށް ބޭއްވި ތިން މުބާރާތްވެސް ކާމިޔާބުކޮށްފައެވެ. އަދި މިއީ ކުރިއަށް އޮތް ކޮޕާ އެމެރިކާ މުބާރާތުގައި ކުޅުމުގެ ފުރުސަތު ލިބިފައިވާ އެމެރިކާއަށް އެމުބާރާތާ ކުރިމަތިލާއިރު ލިބިގެންދާނެ އިތުރު ހިތްވަރެކެވެ.

މިމެޗު ކުޅެމުންދިޔަ ވަގުތު ކުޅިބެލުންތެރިންގެ ފަރާތުން ކުޅިވަރު ރޫހާ ޚިލާފަށް ސަޕޯޓް ކުރަމުންދިއުމާ ގުޅިގެން މެޗު ތިންފަހަރަށް މެދުކަނޑާލަން ޖެހުނެވެ. އަދި މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑުން ބޭރުކުރި ކޮންކާކަފްއިން ހާމަކޮށްފައިވެއެވެ.

ދެހާސް ސައްބީސް ވަނަ އަހަރުގެ ފީފާ ވާލްޑް ކަޕް އެމެރިކާ، މެކްސިކޯ އަދި ކެނެޑާއިން ގުޅިގެން ބޭއްވުމަށް ތައްޔާރުވަމުންދާއިރު މިގޮތަށް ކުޅިބެލުންތެރިންގެ އަމަލު ހުރުން މިއީ ކަންބޮޑުވާ ކަމެއް ކަމުގައި ކޮންކާކަފްއިން ހާމަކުރެއެވެ. އަދި މިކަން ރަނގަޅު ކުޅުމަށް ކުރިއަށް އޮތްތާނގާ ހުރިހާ ޤައުމަކާ ގުޅިގެން މަސައްކަތް ކުރާނެކަމަށްވެސް އެއިދާރާއިން ބުނެއެވެ.

comment ކޮމެންޓް