ދަރުމަވަންތަ މިސްކިތުގައި ހުރި ދެ ފަންކާ ވަގަށް ނަގައިފި

ދަރުމަވަންތަ މިސްކިތުގައި ފަންކާ ހަރުކޮށްފަ ހުރި ފާރު --- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

މާލޭ ދަރުމަވަންތަ މިސްކިތުގައި ހުރި ދެ ފަންކާއެއް ވަގަށް ނަގައިފިއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ދަރުމަވަންތަ މިސްކިތުގެ ފާރުގައި ހަރުކޮށްފައި ހުރި ފަންކާތަކެއް ރޭގެ ވަގުތެއްގައި ވަގަށް ނަގާފައިވާ ކަމަށެވެ.

އެހެންވެ، އެ މައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައިވާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.

މިދިޔަ ހަފުތާ ތެރޭގައި މާލޭގެ ދެ މިސްކިތެއްގެ އަންހެނުން ވުޟޫ ކުރާ ބައިގެ ފެން އިސްކުރުތަކަށާއި ފާހަނަތައްޓަށް ގެއްލުންދިން މައްސަލައެއް ފެންމަތިވިއެވެ.

އޭރު މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މި ފަދަ ނާތަހުޒީބު އަމަލުތައް ހުއްޓުވުމަށް ހުރިހާ ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

އެއާއެކު، މި ފަދަ އަަމަލުތައް ނުކުރާ ބަޔެއް ކަމުގައި ދެމިތިބުމަށް މޭޔަރު ވަނީ ގޮވައިލައްވާފައެވެ.

މިސްކިތްތަކަށް ގެއްލުން ދިނުމަކީ މަދުން ނަމަވެސް ދިމާވާ ކަމެކެވެ. މިސްކިތްތަކުގައި ސީސީޓީވީ ހަރުކޮށްފައި ހުންނަ ނަމަވެސް މި ކަމަށް އެދެވޭ ހައްލެއް މިހާތަނަށް އައިސްފައެއް ނުވެއެވެ.

comment ކޮމެންޓް