ހެއިޓީގެ ގޭންގް ހަމަނުޖެހުންތައް މުޅި ގައުމަށް ފެތުރުމުގެ ސަބަބުން އެ ގައުމުގެ ގާތްގަޑަކަށް ދެބައިކުޅައެއްބައި މީހުން ބަނޑުހައިހޫނުކަންމަތީގައި ތިބި ކަމަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ބުނެފިއެވެ.
އިންފްލޭޝަނާއި ދަނޑުވެރިކަން ދަށްވުމަކީ ވެސް ކާބޯތަކެތި ލިބުން ދަތިވެފައިވާ ސަބަބުތައް ކަމަށް ޖަމިއްޔާތަކުން ބުނެއެވެ.
"ބަނޑުހައިހޫނުކަން އިތުރުވަމަކީ ގައުމުގެ ހަމަނުޖެހުމަށް ލިބޭ އިތުރު ބާރެއް. އެކަން ހައްލު ކުރުމަށް މިހާރުން މިހާރަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ،" ދުނިޔޭގެ ކާނާއާބެހޭ ޕްރޮގްރާމް (ޑަބްލިޔުއެފްޕީ)ގެ ހެއިޓި ޑިރެކްޓަރު ޖީން މާޓިން ބައުއާ ވިދާޅުވިއެވެ.
ބަނޑުހައިހޫނުކަން ވަޒަންކުރުމަށް އދ.އާއި ސަރުކާރުތަކުން ބޭނުންކުރާ މިންގަނޑު ކަނޑައަޅާ ޖަމިއްޔާއެއް ކަމަށްވާ އިންޓަގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލަސިފިކޭޝަން (އައިޕީސީ)އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައ ހެއިޓީގެ ގާތްގަނޑަކަށް 11.5 މިލިއަން މީހުންގެ އާބާދީގެ ތެރެއިން 4.97 މިލިއަން މީހުންނަކީ ކާބޯތަކެތި ނުލިބޭ މީހުންނެވެ.
ހެއިޓީއަށް މިހާރު ކުރިމަތިވެފައިވަނީ އެ ގައުމަށް މިހާތަނަށް ކުރިމަތިނުވާ މިންވަރުގެ ބަނޑުހައިހޫނުކަމަކާ ކަމަށް ޑަބްލިޔުއެފްޕީން ބުނެއެވެ.
ހަތިޔާރު އެޅި ޖަމާއަތްތަކުން ދަނޑުވެރިންގެ ބިންތައް ހިފެހެއްޓުމާއި ދަނޑުވެރިކަން ކޮށްގެން ލިބޭ ތަކެތި ވަގަށް ނަގަމުންދާތީ، ހެއިޓީގެ ގިނަ ބަޔަކު ތިބީ ވަރަށް ހާލުގައި ކަމަށް ވެސް އެ ޖަމާއަތުން ބުނެއެވެ.
އަނިވާވެރިކަމާއި ދަތިކަމުގެ ސަބަބުން މިދިޔަ ދެ ހަފުތާ އެކަނި ވެސް 30،000 އަށް ވުރެ ގިނަ މީހުން އެ ގައުމުން ފިލައިގެން ގޮސްފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ. އޭގެ ތެރެއިން ގިނައީ މީގެ ކުރިން ގެދޮރު ގެއްލި، ކޭމްޕުތަކުގައި ނުވަތަ އެހެން އާއިލާތަކާ އެކު ދިރިއުޅެމުން ދިޔަ މީހުންނެވެ.
ހެއިޓީގައި ގޭންގް ހަމަނުޖެހުންތައް އިތުރުވެ، ދާދި ފަހުން އެ ގައުމުގެ މައި ޖަލު ފަޅާލައި އެތައް ހާސް ގައިދީންނެއް ވެސް ވަނީ ފިލައިފައެވެ. އަދި، އެ ހަމަނުޖެހުމުގައި އެތައް ހާސް ބަޔަކު މަރުވެ، ލައްކައެއްހާ މީހުން ގެދޮރު ވަނީ ގެއްލިފައެވެ.
ގޭންގުތަކުގެ ޕްރެޝަރާހެދި އެ ގައުމުގެ ބޮޑުވަޒީރު އެރިއެލް ހެންރީ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.