އިސްރާއީލުގެ އުތުރަށް ރެކްޓަ މިންގަޑުން 3.8 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ.
މިއީ މި މަހުގެ ތެރޭގައި އިސްރާއީލަށް އައި ދެވަނަ ބިންހެލުމެވެ.
ރިޕޯޓުތައް ބުނާގޮތުން ރޭގެ ވަގުތެއްގައި އެ ބިންހެލުން އައިސްފައި ވަނީ އިސްރާއީލުގެ ހައިފާ އަދި ލޯވާ ގަލީލީ ސަރަހައްދަށެވެ. 17 ކިލޯމީޓަރު އަޑިން އައި އެ ބިންހެލުމާ ގުޅިގެން ސުނާމީއެއްގެ އިންޒާރު ނެރެފައެއް ނުވެއެވެ. ބިންހެލުމާ ގުޅިގެން އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމަކަށް ވެސް ރިޕޯޓުކޮށްފައެއް ނުވެއެވެ.
އިސްރާއީލުގެ ނޭޝަނަލް ޖިއޮލޮޖިކަލް އިންސްޓިޓިއުޓާ ހަވާލާދީ އެނާޖީ އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ވަނީ ބިންހެލުން އައިކަން ކަށަވަރުކޮށްދީފައެވެ.
އެ ބިންހެލުން އައިސްފައިވާއިރު، މީގެ ހަފްތާއެއް ކުރިން ވެސް އިސްރާއީލަށް ވަނީ ބިންހެލުމެއްގެ އަސަރުކޮށްފައެވެ. ރެކްޓާ މިންގަޑުން 3.4 ގެ ބާރުމިނުގައި އެ ބިންހެލުން އައިސްފައި ވަނީ ޖޯޑަން ވާލީގެ އެކި ސަރަހައްދުތަކަށެވެ. ބިންހެލުމާ ގުޅިގެން ބައެއް ސަރަހައްދުތަކުން މީހުން ހުސްކޮށްފައި ވެސް ވެއެވެ.
އިސްރާއީލަށް ކުދިކުދި ބިންހެލުން އައުމަކީ އާންމުކަމެކެވެ. ނަމަވެސް މި ފަހަކަށް އައިސް އަންނަ ކުދި ބިންހެލުންތަކަކީ ބޮޑު ވަރުގަދަ ބިންހެލުމެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.