ސިންގަޕޫރު ދަތުރުފުޅަށް ފަހު ރައީސް ރާއްޖެ ވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު: ނުރަސްމީ ދަތުރުފުޅަށް ފަހު ރައީސް ވަނީ ރާއްޖެ ވަޑައިގެންފައި -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށްފަހު މިރޭ ރާއްޖެ ވަޑައިގެންފިއެވެ.

ރައީސާއި އަނބިކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގަތީ ބުރާސްފަތި ދުވަހުގެ ރޭގައެވެ.

އެ ދަތުރުފުޅާ ގުޅޭ އެއްވެސް މައުލޫމާތެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.

މީގެ ކުރިން ވެސް ރައީސްގެ ދެކަނބަލުން ވަނީ އެއްފަހަރު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފައެވެ. އެއީ, މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި އެ މަނިކުފާނު އިންތިޚާބީ ރައީސްގެ ގޮތުގައި ހުންނެވި އިރެވެ.

އެ ދަތުރުފުޅުގައި އެމަނިކުފާނު ހޭދަކުރެއްވީ ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަހެވެ.

ވެރިކަމަށް އިންތިޚާބުވުމަށް ފަހުގައި އެންމެ ފުރަތަމަ ރައީސް ދަތުރުފުޅެއް ކުރެއްވީ ތުރުކީއަށެވެ. އެއަށް ފަހު، އެ މަނިކުފާނުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރެއްވީ ޗައިނާއަށެވެ.

comment ކޮމެންޓް