ހދ. ވައިކަރަދޫގައި ކަރަންޓު ކެނޑުމުގެ މައްސަލަ ބޮޑުވެ، ޝަކުވާތަކާއެކު ކަންކަން ބޮއްސުންލުމާއެކު އެ މައްސަލަ ހައްލުކުރުމަށް މަދަމާ އެ ރަށަށް ޖަނަރޭޓަރެއް ފޮނުވާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ.
ވައިކަރަދޫއަށް ރަނގަޅަށް ކަރަންޓު ނުލިބޭތާ ފަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އެ ރަށު ރައްޔިތުން އަންނަނީ އެކަމާ ނުރުހުން ފާޅު ކުރަމުންނެވެ.
އެގޮތުން މިދިޔަ ހޯމަ ދުވަހުން ފެށިގެން އެރަށަަށް ރަނގަޅަށް ކަރަންޓު ނުލިބޭ ކަމަށާއި ހަތަރު ދުވަސް ވަންދެން ވައިކަރަދޫ އޮތީ ކަނު އަނދިރީގައި ކަމަށް އެރަށު މީހަކު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގަވެއެވެ.
މިކަމާ ގުޅިގެން ވައިކަރަދޫ ކައުންސިލަރު އާމިނަތު ޒީނިޔާ 'ސަން'އަށް ވިދާޅުވީ ފުރަތަމަ ދެ ދުވަހު ކަރަންޓް ކެނޑުނީ ކުއްލިއަކަށް ކަމަށާއި ޚިދުމަތް ދިނުމުގައި އެންމެ ޖަނަރޭޓަރެއް ބޭނުން ކުރެވޭތީ ޝެޑިއުލަކާ އެއްގޮތަށް މިހާރު ރަށުގެ އެކި ސަރަހައްދުތަކަށް ކަރަންޓް ދެމުން އަންނަ ކަމަށެވެ.
“އެއް ޖަނަރޭޓަރު ބޭނުންކޮށްގެން ކަރަންޓް ދޭތީ ކޮންމެ ވަގުތަކު ވެސް ކަރަންޓް ކެނޑިދާނެ ކަމަށް ޝެޑިއުލްގެ ތިރީގައި ބަޔާންކޮށްފައި އެބައޮތް. ކަނޑައެޅިފައިވާ ޝެޑިއުލެއް އޮތަސް، ޝެޑިއުލާ ޚިލާފަށް އެކި ވަގުތުތަކުގައި [ކަރަންޓް ކެނޑޭ]،” ޝިދާތާ ވިދާޅުވި އެވެ.
އެއާއެކު، ވައިކަރަދޫ ރައްޔިތެއް ފެންވަރަނިކޮށް ގެއިން ކަރަންޓް ކެނޑުމުން ގައިގައި ހުރި ސައިބޯންޏާއެކު ތުވާލި އަނދެގެން މަގުމަތީ ހުރި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ރޭ ވަނީ އާންމުވެފައެވެ. އެ ވީޑިއޯގައި އެމީހާ ފާހަގަކޮށްފައި ވަނީ ގޭގެ ވަޅު ބިމުގެ އަޑީގައި ހުރުމުން ފެން ނަގާނެ ގޮތެއް ނެތް ކަމަށެވެ
މި ކަމާ ގުޅިގެން ފެނަކަ ކޯޕަރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ރަށުގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް 250 ކިލޯވޯޓްގެ އާ ޖަނަރޭޓަރެއް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން އާ ޖަނަރޭޓަރު އިންސްޓޯލްކުރުމުގެ މަސައްކަތް މާދަމާ ކުރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
މީގެއިތުރުން، ފެނަކައިން ވަނީ މި ދަނޑިވަޅުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް މާފަަށް އެދިފައެވެ. އަދި މި ކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.