ދާދިފަހުން ބަލިވެއިންކަން އިއުލާނުކުރި ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދުކޯންއާ އެކު ފިރިމީހާ ރަންވީރު ސިންގް މެޓާނިޓީ ޗުއްޓީ ނަގަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
އިންޑިއާގެ ޓައިމްސް ނައު ނޫހާ ހަވާލާދީ މީޑިއާތަކުން ބުނެފައިވަނީ ރަންވީރު ސިންގް ފިލްމީ މަސައްކަތްތަކުން އެއް އަހަރު ދުވަހުގެ ބޮޑު ބްރޭކެއް ނަގަން ނިންމާފައިވާ ކަމަށެވެ.
އަލަތު ދަރިފުޅަށް ބަލިވެއިނުމާ ގުޅިގެން ބަތަލާ ދިޕިކާ ޕަދުކޯން ވަނީ ކުރިން ނިންމަން ހުރި ގިނަ ފިލްމީ މަސައްކަތްތައް ނިންމާލައިފައެވެ. ބޮލީވުޑްގެ އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭ ހިމެނޭ ދީޕިކާ ފިލްމީ މަސައްކަތްތައް ނިންމާލުމަށް ފަހު މެޓާނިޓީ ޗުއްޓީއަށް ތައްޔާރުވަމުން އަންނައިރު ދީޕިކާ ވިހެއުމާ ހަމައަށް ރަންވީރު ވެސް ނިންމާފައިވަނީ 12 މަސް ދުވަހުގެ ޕެޓާނިޓީ ޗުއްޓީއެއް ނަގަން ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
މިއީ މި ދެމަފިރިންގެ ހަޔާތުގައި ވެސް އަންނާނެ އެންމެ މުހިއްމު ހާއްސަ ދުވަސްތައް ކަމަށްވެފައި މިއީ ދީޕިކާއަށް ފިރިމީހާގެ އެހީ އެންމެ ބޮޑަށް ބޭނުންވާނެ ދުވަސްކަމަށްވުމުން ރަންވީރު ނިންމީ ބަތަލާގެ ގާތުގައި މަޑުކޮށްލުމަށް ކަމަށް މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
ރަންވީރު އަލަށް ސޮއިކޮށް މި އަހަރުގެ ޖުލައި މަހު މަސައްކަތް ފަށަން ތައްޔާރުވަމުން އައި ފިލްމު "ޑޮން3"ގެ މަސައްކަތް ވެސް މި އަހަރުގެ ފަހުކޮޅު ފެށުމަށް ނިންމާފައިވާ ކަމަށް ބައެއް މީޑިއާ ޚަބަރުތަކުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ވެސް ރަންވީރު މަސައްކަތް ފަށަން ތައްޔާރުވަމުން އައި ގިނަ ފިލްމީ ޕްރޮޖެކްޓުތައް މި ވަގުތަށް މަޑުޖައްސާލާފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. މި ފިލްމުތަކުގެ މަސައްކަތް ރަންވީރު ފަށަން ނިންމާފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހަށް ފަހު ކަމަށް ވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ރަންވީރު ސިންގްއާއި ބަތަލާ ދީޕިކާ ޕަދުކޯންއަކީ ބޮލީވުޑްގެ އެންމެ މަގުބޫލު ދެމަފިރިންނަކީ ބެލުންތެރިންގެ ލޯބި ވެސް އިންތިހާއަށް ލިބެމުން އަންނަ ދެ ތަރިންނެވެ.