މޫދަށް ކުނި އަޅާ މީހުން ކައުންސިލްތަކާ ގުޅިގެން ދެނެގަނެ، ފިޔަވަޅު އަޅަނީ

އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް: މޫދަށް ކުނި އަޅާ މީހުން ކައުންސިލްތަކާ ގުޅިގެން ދެނެގަނެ، ފިޔަވަޅު އަޅަން ތައްޔާރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

މޫދަށް ކުނި އަޅަމުންދާ މީހުން، ކައުންސިލްތަކާ ގުޅިގެން ދެނެގަނެ ގާނޫނުގައި ވާގޮތުގެ މަތިން އެމީހުންނާމެދު ފިޔަވަޅު އެޅުމަށް ތައްޔާރުވަމުން އަންނަކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ މޫދަށް ކުނިއަޅާ މައްސަލައަކީ މިހާރު ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށެވެ.

ކަނޑު ދަތުރުކުރާ ބޯޓު ފަހަރުގައި އުފެދޭ ކުންޏަށް އަމަލުކުރަންވީ ގޮތް ގާނޫނުގައި ވަރަށް ސާފުކޮށް ބުނެދީފައި ވާކަމަށާއި ނަމަވެސް މިހާރު ފެންނަނީ ބޯޓުތަކުގައި އުފެދޭ ކުނި ކަނޑަށާއި ރައްރަށުގެ އަތިރިމައްޗަށް އަޅަމުންދާ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މިފެންނަނީ ދޯނި ފަހަރުން ކަނޑަށާއި ގޮނޑުދޮށްތަކަށް ކުނި އަޅާ މަންޒަރު. މީގެ ސަބަބުން ރައްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކާ އެބަ ކުރިމަތިލާން ޖެހޭ." ތޯރިގު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރަށްތަކުގައި އުފެދޭ ކުނި އެންމެ ރަނގަޅު ގޮތުގައި މެނޭޖް ނުކުރެވިގެން އުޅޭއިރު ގޮނޑުދޮށަށް ކުނި ލެއްގުމުން އެ ލައްގާ ކުންޏަށް ވެސް ރައްޔިތުން ޒިންމާވާން ޖެހޭ ކަމުގައެވެ. އަދި މިއީ ކައުންސިލްތަކުގެ ފަރާތުން މިހާރު ވަރަށް ގިނައިން އަންނަ ޝަކުވާއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މޫދަށް ކުނިއެޅުމަކީ ގާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައި ވާކަމެއްކަން ފާހަގަކުރައްވައި، އެ މައްސަލައިގައި ފިޔަވަޅު އަޅަން ތައްޔާރުވަމުން އަންނަ ކަމަށް ތޯރިގު ވިދާޅުވިއެވެ.

މީގެ އިތުރުން ރަށު ކައުންސިލްތަކާ ގުޅިގެން މި މައްސަލަ ވަރަށް ގާތުން ބަލާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް