މައިކްރޯޗިޕް ލެއްވި މީހާ އޮންލައިންކޮށް ރާޒުވާ ކުޅޭ ވީޑިއޯއެއް

މަހުޖަނު އިލޮން މަސްކްގެ ނިއުރަލިންކް ކުންފުނިން ބްރެއިން ޗިޕް އިމްޕްލާންޓްކުރި ފުރަތަމަ މީހާ އޮންލައިންކޮށް ރާޒުވާ ކުޅޭ ލައިވްސްޓްރީމެއް ދައްކާލައިފިއެވެ.

އީލޮން މަސްކްގެ ބްރެއިން ޗިޕް ސްޓާޓްއަޕް، ނިއުރަލިންކުން ވަނީ އެ މީހާގެ ސިކުނޑި ބޭނުންކޮށްގެން ކޮމްޕިއުޓަ މައުސްއާއި ކީބޯޑު ވެސް ކޮންޓްރޯލް ކުރެވޭނެ ފަދަ ގާބިލުކަން ލިބޭނެ ކަމަށް ބުނެ، އެ މީހާ އޮންލައިންކޮށް ރާޒުވާ ކުޅޭތަން ފެންނަ ވީޑިއޯއެއް ލައިވްސްޓްރީމްކޮށްފައެވެ.

އެކްސް ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި މިދިޔަ ބުދަ ދުވަހު ނިއުރަލިންކުން އާންމުކުރި އެ ވީޑިއޯގައި ފެންނަގޮތުގައި ބްރެއިން-ކޮމްޕިއުޓާ އިންޓަފޭސް ޓެކްނޮލޮޖީން އިމްޕްލާންޓްކުރި ފުރަތަމަ އިންސާނީ ޕޭޝަންޓެއްގެ ގޮތުގައި ނޯލަންޑް އާބާގް، 29، ރާޒުވާ ކުޅޭތަން ފެނެއެވެ.

ޑައިވިން އެކްސިޑެންޓެއްގައި ކޮނޑުން ފެށިގެން ތިރި އެއްކޮށް ޕެރަލައިޒްވެފައިވާ އާބަގް ބުނީ ސްކްރީނުގައި ކާސަރު މޫވްކުރަން އޭނާ ވިސްނާލުމުން އެކަން ފަސޭހަކަމާ އެކު ވާކަމަށެވެ.

"މައިގަނޑު ގޮތެއްގައި އެއީ ކާސަރުގައި "ދަ ފޯސް" ބޭނުންކުރުން ފަދަ ކަމެއް، އަހަރެންގެ ބޭނުން ތަނަކަށް ބަދަލުކޮށްލެވޭނެ. ހަމައެކަނި ސްކްރީނުގެ ކޮންމެ ވެސް ތަނަކަށް ބަލަހައްޓައިގެން، އަހަރެން ބޭނުންވި ހިސާބަށް ކާސަރު ހިނގައިދާނެ، މިއީ ފުރަތަމަ ފަހަރަށް ދިމާވި ވަރަށް ވައިލްޑް އެކްސްޕީރިއަންސެއް،" ސްޓާ ވޯސްގެ ފިލްމުތަކުގައި ފެންނަ ހެން ޖެޑީގެ އަތުގައި ހުރި ސުޕަޕަވާތަކަށް އިޝާރާތްކޮށް އާބާގް ބުންޏެވެ.

އާބާގް ބުނީ އެ ޑިވައިސްގެ ސާޖަރީއަކީ ވަރަށް ފަސޭހަ ސާޖަރީއެއް ކަމަށާއި ސާޖަރީ ކުރިތާ އެއް ދުވަސް ފަހުން ހޮސްޕިޓަލުން އޭނާ ދޫކޮށްލާފައިވާ ކަމަށެވެ. އަދި، މިކަން ކުރަން ލިބުމުގެ ފުރުޞަތު ލިބުމުން ކުރެވުނު ހިތްގައިމު އިޙްސާސްތައް ބުނެދޭން ވެސް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

އެ ޓެކްނޮލޮޖީއަކީ ފުރިހަމަ ޓެކްނޮލޮޖީއެއް ނޫން ކަމަށާއި އޭގައި އަދި ވެސް ފުރިހަމަ ކުރަންޖެހޭ ބައިވަރު މައްސަލަތައް އެބަހުރި ކަމަށް ވެސް އާބާގް ބުންޏެވެ.

"އަހަރެން ބޭނުމެއް ނޫން މިއީ ދަތުރުގެ ނިމުންކަމަށް މީހުން ވިސްނާކަށް. އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި، އެކަމަކު އޭގެ ސަބަބުން އަހަރެންގެ ދިރިއުޅުން މިހާރު ވެސް ބަދަލުވެއްޖެ،" އޭނާ ބުންޏެވެ.

ކުރިން 2016 ވަނަ އަހަރު ނިއުރަލިންކް އުފެއްދި މަސްކް އެކްސްގައި ވިދާޅުވީ އޭނާގެ ކުންފުނިން "ޓެލެޕެތީ" ދައްކައިދީފައިވަނީ "ހަމައެކަނި ވިސްނައިގެން" ކޮމްޕިއުޓަރެއް ކޮންޓްރޯލް ކުރުމުގެ ފުރުސަތު ދީގެން ކަމަށެވެ.

މިކަމާ ގުޅިގެން ނިއުރަލިންކުން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ.

ނިއުރަލިންކަކީ ބަލި މީހަކަށް ވިސްނައިގެން ކޮމްޕިއުޓަރު ބޭނުންކުރެވޭ ގޮތަށް އިމްޕްލާންޓެއް ބޭނުންކުރި ފުރަތަމަ ކުންފުންޏެއް ނޫނެވެ.

ބޮލުގެ ނާށިގަނޑު ކަފަން ނުޖެހޭ ގޮތަށް ނުވަތަ އެއްވެސް އޮޕަރޭޝަނަކައިނުލައި ކުޑަ އިންވޭސިވް ޓެކްނިކެއް ބޭނުންކުރާ އޮސްޓްރޭލިއާގެ ސިންކްރޮންއިން ވަނީ 2022 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ބަލި މީހެއްގެ ގައިގައި ކާމިޔާބުކަމާ އެކު އެފަދަ ޑިވައިސްއެއް އިމްޕްލާންޓްކޮށްފައެވެ.

comment ކޮމެންޓް