އިންޑިއާއަކީ މުސްލިމުންގެ ޙަޟާރަތާއި ތާރީޚާ އަދި ސަގާފަތުގެ ބޮޑު އަދި މުހިއްމު މަރުކަޒަކެވެ. އެެހެން ނަމަވެސް ހިންދޫ ހަރުކަށި ފިކުރުގެ ޕާޓީއެއްކަމަށްވާ ބަރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިންޑިއާގެ ވެރިކަމަށް އައިފަހުން އިންޑިއާއިން މުސްލިމުންގެ ދީނީ ސަގާފީ އަދި ތާރީޚީ ތަރިކަ ނައްތާލުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް އެބަގެންދެއެވެ.
އިންޑިއާގައި ވެރިކަންކުރާ ދީނީ ގޮތުން ހަރުކަށި ފިކުރުގެ ބީޖޭޕީގެ މި މަސައްކަތްތަކުގެ ސަބަބުން އިންޑިއާއިން މުސްލިމުންގެ ސަގާފަތާއި ތަރިކަ ވަނީ ވަރަށް ބޮޑަށް ގެއްލެންފަށާފައެވެ. އަދި ޒަމާނުއްސުރެ އިންޑިއާގައި މުސްލިމުންނާއި ހިންދޫން ސުލްހަވެރިކަމުގައި އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމްކޮށްގެން އުޅުނު ސުލްހަވެރި އުޅުން މިވަނީ ގަޑުބަޑުވެފައެވެ.
ބީޖޭޕީން ހަރުކަށި ހިންދޫ ފިކުރަށް ވާގިވެރިވުމުގެ ނަތީޖާއަކަށްވީ ހަރުކަށި ހިންދޫ ފިކުރު އިންޑިއާގައި ވަރަށް ބޮޑަށް ފެތުރިގެން ދިޔުމެވެ. ހަރުކަށި ހިންދޫން އިންޑިއާގައި އާދަޔާ ޚިލާފަށް ގިނަވެ މުސްލިމުންނާ ހިންދޫންނާ ދެމެދު ދާޚިލީ ބޮޑު ހަމަނުޖެހުމެއް ކައިރި މުސްތަގްބަލެއްގައި އުފެދިދާނެކަމުގެ ބިރު ބޮޑުވެގެން ދިޔުމެވެ. މިހާރުވެސް ހަރުކަށި ހިންދޫންގެ އުނދަގޫ މުސްލިމުންނަށް އިންތިހާއަށް ބޮޑެވެ.
މިކަމާބެހޭ ކަންބޮޑުވުންތައް އިންޑިއާއިން ބޭރުގައި ދިރިއުޅޭ އެ ގައުމުގެ މުސްލިމުންނާ އަދި ހިންދޫންގެވެސް މެދުމިނުގެ ސެކިއުލާ ފިކުރުގެ އިލްމީ އަދި ފިކުރީ ފަރާތްތަކުން ފާޅުކުރަމުން ގެންދާއިރު ލަންޑަންގައި ނުކުންނަ "ފައިނޭންޝަލް ޓައިމްސް" ނޫސް ބުނާގޮތުން އިންޑިއާގައި ވެރިކަންކުރާ ބީޖޭޕީ ގެންދަނީ "ޓެންޕަލް ރެސްޓޮރޭޝަން މޫމެންޓް" ގެ ނަމުގައި ހިންދޫންގެ ދީނީ ހަރުކަށި ފިކުރު އަލުން ދިރުވައި ކުރިން ވަޅުޖެހިފައިވާ ހިންދޫ ހަރުކަށި ފިކުރު އަލުން އާލާކޮށް އެ ފިކުރަށް ވާގިވެރިވެ އެ ފިކުރު ފަތުރައި އިންޑިއާއިން މުސްލިމުންގެ ޒަމާންވީ ޙަޟާރީ ތަރިކަ ނައްތާލުމަށް ފާޅުގައާއި ސިއްރިޔާތުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ނަތީޖާއަކަށްވާނީ ކުރިން އަމާންކަމާއި ސުލްވެރިކަމުގައި ދިރިއުޅުނު އިންޑިއާގެ ބައިމަދު މުސްލިމުންނާ ހިންދޫންނާ ދެމެދު ނުރައްކާތެރި ކުރިމަތިލުންތައް ހިނގައި އިންޑިއާގެ އެތެރެ ގަޑުބަޑުވެ އިންޑިއާ ބައިބައިވުމަށް މަގުފަހިވުމެވެ. އިންޑިއާއަކީ 200 މިލިޔަނަށްވުރެ ބޮޑު މުސްލިމް އާބާދީއެއް އޮތް ގައުމަކަށްވާއިރު މުސްލިމުންނަށް ބޭނުންހާ ގޮތެއް ހަދަން ބަލަން މުސްލިމުން ނުތިބޭނެކަމަށް އިންޑިއާގެ ހާލަތު ދިރާސާކުރުމަށްފަހު "ފައިނޭންޝަލް ޓައިމްސް" ޝާއިއުކޮށްފައިވާ ރިޕޯޓު ބުނެއެވެ.
އެ ރިޕޯޓް ބުނާގޮތުން ބީޖޭޕީން ހިތްވަރުދޭ "ޓެންޕަލް ރެސްޓޮރޭޝަން މޫމެންޓް" ނުވަތަ ހިންދޫންގެ ފައްޅިތައް އަލުން އަނބުރައި ހޯދުމުގެ ނަމުގައި ބީޖޭޕީ ހިތްވަރު ދީގެން ހަރުކަށި ހިންދޫން ހިންގާ ހަރަކާތް ބިނާކޮށްފައިވަނީ އިންޑިޔާގައިހުރި ތާރީޚީ ގަދީމީ މިސްކިތްތަކާއި އާސާރީ ތަންތަން ތަޅާލުމުގެ މައްޗަށެވެ. އެ މިސްކިތްތައް ހުރިތަންތަނުގައި ހިންދޫ ފައްޅިތައް ބިނާކުރުމުގެ މައްޗަށެވެ. އިންޑިއާއިން މުސްލިމުންގެ ސަގާފަތާއި ހެރިޓޭޖް މުޅިން ނައްތާލުމުގެ މައްޗަށެވެ.
އިންޑިއާއަކީ ތަފާތު ދީންތަކަކާއި ތަފާތު ފިކުރުތަކާ އަދި މަލްޓި ކަލްޗަރަލް ތަނެއްގެ ގޮތުގައި ޒަމާނުއްސުރެ އޮތް އޮތުން ބަދަލުކޮށް މުޅި އިންޑިއާއަކީ ދީނީ ގޮތުންނާއި ސަގާފީ ގޮތުންވެސް ހަމައެކަނި ހިންދޫންގެ ތަނަކަށް ހެދުމުގެ ހަރުކަށި ފިކުރު ފަތުރައި ލޭއޮހޮރުވައިގެން ނަމަވެސް އެކަން ތަންފީޒުކުރުމުގެ މައްޗަށެވެ.
މިދިޔަ ޖަނަވަރީ މަހު، އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ވަނީ އުއްތުރަ ޕްރަދޭޝްގެ އަޔޯދިޔާގެ މަޝްހޫރު ބާބްރީ މިސްކިތް ހުރިތަނުގައި ހިންދޫންގެ ފައްޅިއެއް ބިނާކުރުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތެއް ޝަރަފުވެރިކޮށް ދެއްވާފައެވެ. މިރަސްމިއްޔާތުގައި މޯދީވަނީ ބީޖޭޕީ ގެ ހަރުކަށި ހިންދޫން ހިންގާ "ޓެންޕަލް ރެސްޓޮރޭޝަން މޫމެންޓް" އަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. އެއީ އިންޑިއާގެ ހިންދޫންގެ މާޒީގެ ސަގާފަތާއި ހިންދޫންގެ އިލާހުންގެ ހައްގުތައް އަލުން ހޯދައި ރެސްޓޯ ކުރުމުގެ އަމަލެއްކަމަށް ސިފަކުރައްވައި މޯދީވަނީ ހިންދޫ ހަރުކަށި ފިކުރަށް ހިތްވަރު ދެއްވައި ވާހަކަ ދައްކަވާފައެވެ.
ބާބްރީ މިސްކިތަކީ ބީޖޭޕީ ވެރިކަމަށް އައުމުގެ ކުރިން ހަރުކަށި ހިންދޫންގެ ބަޔަކު 1992 ވަނަ އަހަރު ތަޅާލި އިންޑިއާގެ މުސްލިމުންގެ ވަރަށް ތާރީޚީ އަދި ސަގާފީ މިސްކިތެކެވެ. ބާބްރީ މިސްކިތް ބިނާކޮށްފައިވަނީ މީލާދީން 16 ވަނަގަރުނުގައި އިންޑިއަން ސަބްކޮންޓިނެންޓްގެ ބޮޑު ސަރަހައްދެއްގައި ވެރިކަންކުރި އިސްލާމީ ރަސްކަމެއްކަމަށްވާ މުގަލް އެންޕަޔާގެ ދުވަސްވަރުގައެވެ.
"ފައިނޭންޝަލް ޓައިމްސް" ބުނާގޮތުން ބީޖޭޕީއަށް ނިސްބަތްވާ ހަރުކަށި ހިންދޫން މިހާރު މަސައްކަތް ކުރަނީ އުއްތުރަ ޕްރަދޭޝްގެ މަތުރާ ސިޓީއާއި އެ ސްޓޭޓްގެ ވަރަނާސީ ސިޓީގައިވާ މުސްލިމުންގެ ވަރަށް ތާރީޚީ ދެ މިސްކިތެއް ތަޅާލައި އެ ދެ މިސްކިތް ހުރިތަނުގައި ހިންދޫންގެ ދެފައްޅި ބިނާކުރުމަށެވެ. މި ދެ ސިޓީގައިވާ ގަދީމީ ދެ މިސްކިތަކީ މީލާދީގޮތުން 17 ވަނަ ގަރުނުގައި މުގަލް ޑަޔަނަސްޓީގެ މުސްލިމް ރަސްކަލެއްކަމަށްވާ އޮރުންޖިބްސް ބިނާކުރެއްވި ދެ މިސްކިތެވެ.
ހަރުކަށި ހިންދޫން ދައުވާކުރާ ގޮތުގައި މީގެތެރެއިން މަތޫރާ ގައިވާ ތާރީޚީ މިސްކިތްތައް ބިނާކޮށްފައިވާ ތަނަކީ ހިންދޫންގެ "އިލާހެއް" ކަމަށް ބުނާ "ކްރިޝްނާ" އުފަންވި ތަނެވެ. ނަމަވެސް އެއްވެސް ލިޔެކިޔުމަކުން އަދި ހެއްކަމުން މިކަން ސާބިތު ކުރެވޭނެ ގޮތެއް ނެތެވެ. މިސާލަކަށް މިއީ ހަގީގަތެއްކަމަށް ވިޔަސް އެތަށް ގަރުނެއްގެ ކުރިން ހިނގާފައިވާ މިފަދަކަންކަން ފަހުން އަނެއްކޮޅަށް ޖަހަން މަސައްކަތްކުރުމަކީ ތަނުގައި ހަމަނުޖެހުން އުފެދޭނެ ކަމެކެވެ.
މުސްލިމުންނާއި ހިންދޫންގެ މެދުގައި އަރާރުމާއި ނަފްރަތާއި ހަސަދަ އުފެދި މުޖްތަމައު ހަލާކުވެގެން ދިޔުމަށް މަގުފަހުވާނެކަމެކެވެ. ވަރަނާސީ ގައިވާ ގަދީމީ މިސްކިތްކަމަށްވާ "ގިޔަންވާޕީ މިސްކިތް" ބިނާކޮށްފައިވާ ތަނަކީ ހިންދޫންގެ އެހެން "ކަލާންގެ" އެއްކަމަށް ބުނާ "ޝީފާ" އުފަންވި ތަންކަމަށްވެސް ހަރުކަށި ހިންދޫން ދައުވާ ކުރެއެވެ.
އިންޑިއާގެ އެންމެ ބޮޑު ސްޓޭޓްކަމަށްވާ އުއްތުރަ ޕްރަދޭޝްއަކީ ބީޖޭޕީ ވެރިކަމަށް އައިފަހުން ހަރުކަށި ހިންދޫ ފިކުރު ވަރަށް ބޮޑަށް އާލާވަމުންދާ ސްޓޭޓެކެވެ. އެ ސްޓޭޓްގެ ޗީފް މިނިސްޓަރަކީވެސް ހިންދޫ ހަރުކަށި ފިކުރުގެ ބޭފުޅެކެވެ.
އުއްތުރަ ޕްރަދޭޝްގެ ލޯކަލް ސަރުކާރުގެ އެއްބާރުލުމާއެކު ހަރުކަށި ހިންދޫން މިދިޔަ ފެބްރުއަރީމަހު ވަނީ "ގިޔަންވާޕީ" މިސްކިތުގެ އެތެރޭގައި ހިންދޫންގެ "ކަލާންގެތަކެއް" ގެ ބުދުތަކެއް ބަހައްޓައި އެ މިސްކިތުގެ ތެރޭގައި ހިންދޫންގެ އަޅުކަމުގެ ހަރަކާތްތައް ފަށާފައެވެ. މިއާއެކު "ގިޔަންވާޕީ" މިސްކިތް މިހާރު ވަނީ މުސްލިމުންގެ އިތުރުން ހިންދޫންވެސް އަޅުކަންކުރާ ތަނަކަށް ހަދާފައެވެ. މިކަމުގެ ސަބަބުން އެ ސްޓޭޓްގެ މުސްލިމުންގެ އިތުރުން މުޅި އިންޑިއާގެ މުސްލިމުންގެ ރުޅިވެރިކަން ވެސް ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
ބީޖޭޕީން ހިންގާ "ޓެންޕަލް ރެސްޓޮރޭޝަން މޫމެންޓް" ގެ ދަށުން މި އަހަރު ފެށުމާއެކު، ދިއްލީގައި ހުރި ހަ ގަރުނުވީ މިސްކިތަކާއި އުއްތުރަކާންދުގައި ހުރި ހަ ގަރުނުވީ މިސްކިތެއްވެސް ވަނީ ތަޅާލާފައެވެ. މީގެ އިތުރުން ދިއްލީ ގެ ލޯކަލް ސަރުކާރުގެ އިދާރާއެއްކަމަށްވާ "ދިއްލީ ސްޓޭޓް ޑިވެލޮޕްމެންޓް އޮތޯރިޓީ" ން ދާދިފަހުން ވަނީ އެ ސިޓީގެ ދެކުނުގައިވާ އާސާރީ މިސްކިތަކާއި އެ މިސްކިތާ ގުޅިފައިވާ މުސްލިމުންގެ އާސާރީ ދީނީ މަދްރަސާއަކާއި މުސްލިމުންގެ މަގްބަރާއެއްގައިވާ އާސާރީ ގިނަ ޒިޔާރަތްތަކެއްވެސް ތަޅައި ބިމާހަމަކޮށްލާފައެވެ.
ދީނީ މަދްރަސާއާއި މިސްކިތް ތަޅާލި ބުލްޑޯޒަރު ބޭނުންކޮށްގެންނެވެ. މުސްލިމުން އެކަމާ ދެކޮޅު ހަދަހަދާ ތިއްބައެވެ. އެ ދެ ތަން ތަޅާލީ އެތަނުގައިހުރި ކީރިތި ގުރުއާނުގެ ޒަމާންވީ މުސްހަފްތަކާއި ދީނީ ފޮތްތަކަށްވެސް ވަރަށް ބޮޑަށް އިހާނާތްކުރެވޭ ގޮތަކަށް ކަންކަން ރާވައިގެންނެވެ. މުސްލިމުންގެ ރުޅިވެރިކަން އިތުރުވާގޮތަކަށެވެ. ކީރިތި ގުރުއާނަށް އިހާނާތްކުރީ އެ މިސްކިތުގައި ހުރި މުސްހަފުތައް ބުލްޑޯޒަރުގެ ދަށުގައި ލައިގެންނެވެ. ދީނީ މަދްރަސާ ތަޅާލީ އެތަނުގައި ކިޔަވައިދޭ މުދައްރިސުން ގަދަބާރުން އެތަނުން ބޭރުކުރުމަށްފަހު އެ މީހުންގެ އަގުބޮޑު އަމިއްލަ ތަކެއްޗާވެސް އެކުގައެވެ.
ދިއްލީގެ އިސްލާމީ ރަސްމީ އިދާރާއެއްކަމަށްވާ "އަވްގާފާބެހޭ ކައުންސިލް" ބުނާގޮތުން މިތަންތަނަކީ މުސްލިމުންގެ ވަގުފު ބިންތަކެވެ. މިތަންތަން މިގޮތަށް ތަޅާލުމާއި ވަގުފު ބިންތައް ފޭރިގަތުމަކީ އިންޑިއާގެ ގާނޫނުތައް މުޅިން މަނާކުރާ ކަމެކެވެ. ނަމަވެސް މި ބިންތައް މިހާރު ވަނީ ފޭރިގެންފައެވެ. ތަން ވަނީ ތަޅާލާފައެވެ. ދިއްލީގައި ތަޅާލި ގަދީމީ މިސްކިތަކީ މީލާދީގޮތުން 12 ވަނަ ގަރުނުގައި ދިއްލީގައި ވެރިކަންކުރި މުސްލިމް ރަސްކަލެއްކަމަށްވާ "އިލްތުތްމިޝް" ގެ ވެރިކަމުގައި ބިނާކުރި މިސްކިތެއް ކަމަށްވެއެވެ. ތަޅާލި ޒިޔާރަތްތަކަކީ ހަތަރު ގަރުނުވެފައިވާ އާސާރީ ޒިޔާރަތްތަކެކެވެ.
މިފަދަ ތާރީޚީ އަދި އާސާރީ ތަންތަނަކީ މުސްލިމުންގެ ޚަޟާރަތާ ގުޅިފައިވާ ތަންތަންކަމަށް ވިޔަސް އެއީ އެކަމުގެ ފައިދާ ފަތުރުވެރިކަމުގެ ދާއިރާގައި މުޅި އިންޑިއާއަށް ކުރާނެކަމެކެވެ. އަދި މަލްޓި ކަލްޗާގެ ގޮތުން އިންޑިއާއަށް ބޮޑު މުއްސަނދިކަމެއް ގެނެސްދޭ އާސާރުތަކެކެވެ. އެހެން ނޫނަސް ދީނީ ހަރުކަށި ފިކުރުގައި މިފަދަ ތާރީޚީ ތަންތަން ތަޅާލާނީ ވަރަށް ބޯދާ ވަރަށް ނާތަހުޒީބު ބައެކެވެ. މިކަމަށް ހިތްވަރުދޭނީވެސް ޒަމާނާ ނުގުޅޭ ނާތަހުޒީބު ބައެކެވެ.
މިފަދަ އާސާރީތަންތަން ހިމާޔަތްކުރުމުގެ ގާނޫނެއް އިންޑިއާގައި އޮވެއެވެ. އަދި މިފަދަ ތަންތަން ތަޅާލުމަކީ އިންޑިއާގެ ގާނޫނުގައި މުޅިން މަނާކަމެކެވެ. ނަމަވެސް ބީޖޭޕީގެ ވެރިކަމުގައި މި މައްސަލަތައް ބަލާނެ ފަރާތެއް ނެތެވެ. މި މައްސަލަ ވަނީ އިންޑިއާގެ ހައިކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް މި މައްސަލަ ބެލޭނެކަން ނުވަތަ ނޫންކަންވެސް އެ ކޯޓުން ނިންމާފައެއް ނުވެއެވެ. މައްސަލަ ވަނީ ދިގުލާފައެވެ.
މީގެ ކުރިން މުސްލިމުން ހުށަހަޅާފައިވާ މިފަދަ މައްސަލަތަކަށްވެސް ބީޖޭޕީގެ ވެރިކަމުގައި ކޯޓުތަކުން ހައްލު ލިބިފައެއް ނުވެއެވެ. މުސްލިމުން ތުހުމަތުކުރާގޮތުގައި އިންޑިއާގެ ކޯޓުތަކަކީވެސް ބީޖޭޕީގެ ނުފޫޒާއި ބާރު ހިނގާ ތަންތަނެވެ. އިންޑިއާއަކީ ޑިމޮކްރެޓިކް ނިޒާމެއް އޮތް ގައުމަކަށްވިޔަސް މެދުމިނުގެ ހިންދޫންނާ އަދި މުސްލިމުން ދެކޭގޮތުގައި ބީޖޭޕީގެ ވެރިކަމުގައި އިންޑިއާ ދަނީ އެއް ޕާޓީގެ ޑިކްޓޭޓާޝިޕަކަށް ބަދަލުވަމުންނެވެ.
މިހާރު އިންޑިއާގެ ހުރިހާ ކަމެއް ކޮންޓްރޯލް ކުރަނީ އެންމެ ޕާޓީއަކުން (ބީޖޭޕީ) ކަމަށް ބޭރުގެ ރިޕޯޓްތައްވެސް ބުނެއެވެ. ސެކިއުލާ ގައުމެއްގެ ގޮތުގައި އޮތް އިންޑިއާ ބީޖޭޕީގެ ވެރިކަމުގައި ގެންދަނީ ހިންދޫ ހަރުކަށި ފިކުރުގެ ދީނީ ހާއްޔަކަށް ހަދަމުންނެވެ.
މީގެއިތުރުން ދިއްލީގެ ލޯކަލް ސަރުކާރުން ގެންދަނީ ދިއްލީގެ ތާރީޚީ އެހެން މިސްކިތެއް ކަމަށްވާ "ސުނަހްރީ މަސްޖިދު" ނުވަތަ ގޯލްޑެން މޮސްކު ތަޅާލުމަށްވެސް މަސައްކަތް ކުރަމުންނެވެ. މިއީ މިހާރުވެސް މުސްލިމުން ބޭނުންކުރާ އަދި ނަމާދުކުރާ މިސްކިތެކެވެ. މި މިސްކިތް ތަޅާލުމަށް ދައްކާ ބަހަނާއަކީ އެ މިސްކިތް ހުންނަ ތަނުން ދިއްލީގެ ޓްރެފިކަށް ދަތިވާ މައްސަލައެވެ.
މިދިޔަ އަހަރު އިންޑިއާގެ "ޕްރަޔަގްރާޖް" ގައި ހުންނަ ތާރީޚީ މިސްކިތެއްކަމަށްވާ "މަސްޖިދު ޝާހީ" ނުވަތަ ޝާހީ މިސްކިތް ވެސްވަނީ މަގު ފުޅާކުރުމަށްކަމަށް ބުނެ ތަޅާލާފައެވެ. އާސާމް ސްޓޭޓަށް ބަލާއިރުވެސް ބީޖޭޕީގެ ވެރިކަމުގައި ތާރީޚީ ގިނަ މިސްކިތްތަކަކާއި އިސްލާމްދީން ކިޔަވައިދޭ ގިނަ ސްކޫލްތަކެއް އެކި އެކި ބަހަނާތަކުގައިވަނީ ތަޅައި ބިމާ ހަމަކޮށްލާފައެވެ. އުއްތުރަކާންދުގައި ފާއިތުވި ދެ އަހަރުތެރޭގައި 350 އަށްވުރެގިނަ މުސްލިމުންގެ މަގްބަރާތަކާއި ޒިޔާރަތްތަކާއި މަޒާރުތައް ހަރުކަށި ހިންދޫން ވަނީ ތަޅާލާފައެވެ.
އިންޑިއާގައި ބީޖޭޕީ ވެރިކަންކުރާ ސްޓޭޓްތަކުގައި މިހާރު މުސްލިމުންގެ ތާރީޚީ ތަންތަން ތަޅައި ބިމާހަމަކުރަނީ ފާޅުގައެވެ. ކެރެލާއާއި ޓެމިލްނާޑޫފަދަ ބީޖޭޕީގެ ލޯކަލް ސަރުކާރުތައް ނެތް ސްޓޭޓްތަކުގައި އެ ޕާޓީގެ މި ހަރުކަށި ފިކުރު ފަތުރަން އެ ޕާޓީއަށް ދަތިތަކެއް ކުރިމަތިވެއެވެ. ނަމަވެސް ފަރުދާގެ އަނެއް ފަރާތުން ބީޖޭޕީގެ ހަރުކަށި ހިންދޫން ގެންދަނީ އެ މީހުންގެ ހަރުކަށި ފިކުރު މި ސްޓޭޓްތަކުގެ އާންމުންގެ ހިތްތަކަށް ވައްދަން މަސައްކަތް ކުރަމުންނެވެ.
އިންޑިއާގައި ބީޖޭޕީ ވެރިކަންކުރާ ސްޓޭޓްތަކުގައި މުސްލިމުންގެ އާސާރީތަންތަނާއި މިސްކިތްތައް ތަޅާލަނީ މިހާރު ފާޅުގައެވެ. ބީޖޭޕީ އަށް ނިސްބަތްވާ ލޯކަލް ސަރުކާރުތަކުން އެކަން ކުރަނީ ބުލްޑޯޒަރުތައް ބޭނުންކޮށްގެންނެވެ. ބީޖޭޕީގެ ވެރިކަމެއް އޮންނަ ގުޖުރާތުގައިވެސް 2022 ވަނަ އަހަރު ވަނީ ބުލްޑޯޒަރުތައް ބޭނުންކޮށްގެން މުސްލިމުންގެ ތާރީޚީ ގަދީމީ އަވަށެއް އެއްކޮށް ތަޅައި ބިމާހަމަކޮށްލާފައެވެ. މުސްލިމް މި އަވަށުގައި ތާރީޚީ މިސްކިތްތަކާއި ދީނީ މަދްރަސާތަކާ އަދި ޒިޔާރަތްތައް ވަރަށް ގިނައެވެ. ތަޅާލީ އެ ހުރިހާ ތަންތަނާއެކުގައެވެ.
އދ. ގެ ކަމާބެހޭ އިދާރާތަކުން 2022 ވަނަ އަހަރު ވަނީ އިންޑިއާއިން މުސްލިމުންގެ ސަގާފަތާއި ތާރީޚީ ތަރިކަ ނައްތާލުމަށް ބީޖޭޕީން ހިންގާ ހަރަކާތްތައް ކުށްވެރިކޮށް އެކަމަށް ކުރާ މަސައްކަތްތަކަކީ މުސްލިމުންނާ ދެކޮޅަށް ހިންގާ ކޮލެކްޓިވް ޕަނިޝްމަންޓެއްކަމަށް ސިފަކޮށް އެކަންތައް ހުއްޓާލުމަށް އިންޑިއާގެ މައި ސަރުކާރަށް ގޮވާލައި 3 ސިޓީ ފޮނުވާފައެވެ. ނަމަވެސް އިންޑިއާ ސަރުކާރުން މިއިން ގޮވާލުމަށް އިޖާބައެއް ނުދެއެވެ. ކަހާތަން ހިރުވާވެސް ނުލައެވެ.
އިންޑިއާގެ މުސްލިމުން ދެކޭގޮތުގައި ބީޖޭޕީގެ މަގްސަދަކީ އިންޑިއާއިން މުސްލިމުންގެ ސަގާފަތާއި ތާރީޚާއި އަދި ތަރިކަ މުޅިން ނައްތާލުމެވެ. މުޅި އިންޑިއާއަކީ ހިންދޫންގެ ތަނަކަށް ހެދުމެވެ. ބީޖޭޕީގެ ފިކުރަނީ ހަރުކަށި އާރުއެސްއެސް ފިކުރެވެ. ހިންދޫންނަކީ އެހެން ދީންތަކާއި އެހެން ނަސްލުތަކުގެ މީހުންނަށްވުރެ މާ މަތީބައެއްކަމުގެ ފިކުރެވެ. ހިންދޫ ސްޕީރޮއޮރިޓީ ފިކުރެވެ. އިންޑިއާއަކީ ޒަމާނުއްސުރެ އިންޑިއާއެވެކިޔާ ސަބްކޮންޓިނެންޓްގައި ދިރިއުޅުނު ހުރިހާ ދީންތަކެއްގެ މީހުންގެ ހިއްސާ އޮތްތަނެއްކަމަށް އޮތް އޮތުން ބަދަލުކޮށް މުޅި އިންޑިއާއަކީ ހަމައެކަނި ހިންދޫންގެ ތަނެއްކަމަށް ހެދުމުގެ ހަރުކަށި ފިކުރެވެ.
ނަމަވެސް އިންޑިއާ ގެ ގާނޫނު އަސާސީ މިއާ ޚިލާފެވެ. އިންޑިއާގެ ގާނޫނު އަސާސީ އެގައުމުގައިވާ ހުރިހާ ދީންތަކަށާއި ސަގާފަތްތަކަށާއި ތާރީޚީ ތަންތަނަށް އިހުތިރާމު ކުރެއެވެ. ބީޖޭޕީ ން ހިންގާ ހަރުކަށި އަމަލުތަކަށް ތަނެއް ނުދެއެވެ. އިންޑިއާ ގެ ގާނޫނު އަސާސީ ބުނާގޮތުން އެއީ އެކިދީންތަކާއި އެކި ސަގާފަތުގެ ގައުމެކެވެ.
އެދީންތަކާއި ސަގާފަތުތަކަށް އިހުތިރާމްކޮށް ހުރިހާ ދީންތަކެއްގެ ހެރިޓޭޖް އިންޑިއާގެ ސަރުކާރުތަކުން ހިމާޔަތްކުރަން ޖެހޭނެއެވެ. ނަމަވެސް ބީޖޭޕީ ގެ ވެރިކަމުގައި އިންޑިއާގެ ގިނަ މިނިވަން މުއައްސަސާތަކަށާ އަދި އިންޑިއާގެ މީޑިއާއަށްވެސް ވަނީ ހަރުކަށި ފިކުރު ވަދެފައެވެ. އިންޑިއާގައި މީގެކުރިން ވެރިކަންކުރި ކޮންގްރެސް ޕާޓީގެ ވެރިކަމުގައި އިންޑިއާގެ ސެކިއުލަރިޒަމަށް ވަރަށް ބޮޑަށް އިހުތިރާމް ކުރިއެވެ.
ހަގީގަތަށް ބަލާއިރު އިންޑިއާގައިވާ ހެރިޓޭޖްތަކުގެ ތެރެއިން ދުނިޔޭގެ ފެންވަރުގެ އާރުލާ ހެރިޓޭޖަކަށް އޮތީވެސް މުސްލިމުންގެ ހެރިޓޭޖްއެވެ. އެއީ ތާޖްމަހަލް އާއި ދިއްލީ ގެ ގުތުބް މުންނާރާއި ޖުމްއާ މަސްޖިދާއި ދަރުވާޒާ ގޭޓްވޭ އާއި ޝާހުރުޚް އާލަމް މަގްބަރާ ފަދަ ދުނިޔޭގެ ފެންވަރުގައިވެސް ނަންމަޝްހޫރު މައާލިމް ތަކެވެ. ދުނިޔޭގެ ފެންވަރުގެ މުހިއްމު ހެރިޓޭޖްގެ ގޮތުގައި ހިންދޫންގެ އާރުލާ މާގިނަ ތަނެއްނެތެވެ. މިދެންނެވި ތާޖް މަހަލް އާއި ދިއްލީގެ ގުތުބް މުންނާރުފަދަ އިންޑިއާގެ މުސްލިމް ހެރިޓޭޖްތައް ތަޅާލަން ބީޖޭޕީއަށް އަދި ނުކެރުނުނަމަވެސް މިތަންތަނަށް ދޭ ސަމާލުކަމާއި އަޅާލާމިންވަރާއި ރައްކާތެރިކަންދޭ މިންވަރު ބީޖޭޕީ ގެ ވެރިކަމުގައިވަނީ ވަރަށް ބޮޑަށް ކުޑަކޮށްފައެވެ.
މިއީ އިންޑިއާގެ އާންމު އިންތިޚާބުގެ ކޭންޕޭންގެ ދުވަސްވަރެވެ. އެހެންކަމުން އިންޑިއާގެ އަޣްލަބިއްޔަތު ބޮޑު ހިންދޫންގެ ވޯޓުތައް ހޯދުމަށްޓަކައި ބީޖޭޕީ ސަރުކާރުންވަނީ މުސްލިމުންނާ ދެކޮޅު ސިޔާސަތު ތަންފީޒުކުރާ މިންވަރު މިދުވަސްވަރު ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. މީގެތެރޭގައި އިންޑިއާގައި ޑޮކިއުމެންޓެއް ނެތި ޒަމާނުއްސުރެ ދިރިއުޅޭ އެކި ދީންތަކުގެ މީހުންގެ ތެރެއިން އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ މީހުންނަށް ފަސޭހައިން އިންޑިއާގެ ރަށްވެރިކަން ލިބޭ ގޮތަށާ އަދި ޑޮކިއުމެންޓްނެތް މުސްލިމުން ރައްވެހިކަމުން މަހްރޫމްކުރެވޭގޮތަށް ފާސްކޮށްފައިވާ ރަށްވެހިކަމުގެ ގާނޫނު ތަންފީޒުކުރުންވެސް މިހާރުވަނީ މެކުހަށް ޖަހާފައެވެ.
މިގާނޫނު ބުނާގޮތުން 2014 ވަނަ އަހަރާ ހަމައަށް އިންޑިއާގައި ދިރިއުޅޭ ޑޮކިއުމެންޓްނެތް ޣައިރު މުސްލިމުންނަށް ފަސޭހައިން އިންޑިއާގެ ރައްޔިތުކަން ލިބޭނެއެވެ. ނަމަވެސް 2014 ވަނައަހަރާ ހަމައަށް އިންޑިއާގައި ދިރިއުޅޭ މުސްލިމުންގެ ތެރެއިން ޑޮކިއުމެންޓްނެތް މީހުންނަށް އިންޑިއާގެ ރައްޔިތުކަން ދިނުމަށްވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިކޮށްފައިވެއެވެ. ބޮޑެތި ޝަރުތުތަކަކާއި ހޯދެންނެތް ލިޔެކިޔުންތައް މުސްލިމުން ހުށަހަޅަންޖެހޭނެކަމަށް އެގާނޫނު ބުނެއެވެ.
ޕާކިސްތާނާއި ބަންގްލަދޭޝް އަދި އަފްޣާނިސްތާނުން ޒަމާނުއްސުރެ އިންޑިއާއަށް ހިޖުރަކޮށްގެން އުޅޭ ޣައިރު މުސްލިމުންނަށް އިންޑިއާގެ ރަށްވެހިކަން ފަސޭހައިން ލިބޭގޮތަށް މިގާނޫނު ބައްޓަންކޮށްފައިވާއިރު އެ ގައުމުތަކުން ޒަމާނުއްސުރެ އިންޑިއާއަށް ހިޖުރަކޮށްގެން އުޅޭ މުސްލިމުންނަށް އިންޑިއާގެ ރައްވެހިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިގާނޫނުގައި ދީފައެއް ނުދެއެވެ.
މި ހުރިހާ ކަމަކަށް ބަލާއިރު މިއީ މުސްލިމުންނާމެދު ހިންގާ ވަރަށް ބޮޑު ތަފާތުކުރުމެކެވެ. މިކަން އދ. ންނާއި އެމެރިކާވެސް ފާހަގަކޮށް ދާދުފަހުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިގާނޫނުގެ ސަބަބުން އިންޑިއާގައި މިހާރު ޑޮކިއުމެންޓް ނެތި ދިރިއުޅޭ 13 ވަރަކަށް މިލިޔަން މުސްލިމުންގެ ރައްވެހިކަން ގެއްލުމުގެ ބިރު ބޮޑުކަމަށް ބުނެ އދ. ންވަނީ މިގާނޫނާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިގާނޫނު ތަންފީޒު ކުރުމުގެ ތިންވަނަ މަރުހަލާއަކީ މިގާނޫނުގެ ދަށުން އިންޑިއާގެ ރަށްވެހިކަމުން މަހުރޫމުވާ އެގައުމުގެ މުސްލިމުންނަކީ ޣައިރުގާނޫނީ ގޮތުން އިންޑިއާގައި އުޅޭބައެއްކަމަށް ނިންމައި އެމީހުން ހައްޔަރުކޮށް ކޭންޕްތަކުގައި ބޭތިއްބުމެވެ.
އެއީ މިޔަންމާއިން ރޮހިންގްޔާ މުސްލިމުން ބަންގްލަދޭޝް އަށް ބޭރުކޮށްލިގޮތަށް މިއެންމެން އިންޑިއާއިން ބޭރުކޮށްނުލެވޭނެތީއެވެ. ޚާއްސަކޮށް ޕާކިސްތާނާއި އަފްޣާނިސްތާނަށް މިމީހުން ބޭރުކޮށްލުމަކީ އިންޑިއާއަށް ކުރެވޭނެކަމަކަށް ނުވާތީއެވެ. ބަންގްލަދޭޝްއިންވެސް މިގޮތަށް އެތަށް މިލިޔަން ބަޔަކު ބޭރުކޮށްލުމުން އެމީހުން ބަލައިނުގަންނާނެތީ އެމީހުން ގައުމުން ބޭރުކޮށްލެވޭނެ ގޮތެއް އިންޑިއާއަކަށް ނެތެވެ. އިންޑިއާގައި ބީޖޭޕީ ގެ ވެރިކަން ނެތް ސްޓޭޓްތައް މިގާނޫނާ މުޅިން އިދިކޮޅެވެ.