މީޑިއާ ޓައިކޫން ޖިމީ ލައިއަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

ހޮންކޮންގްގެ ޑިމޮކްރަސީއަށް ވަކާލާތުުކުރާ މިޑިއާ ޓައިކޫން ޖިމީ ލައި. އޭނާގެ މައްޗަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި. ފޮޓޯ/އޭޕީ

ހޮންގްކޮންގެ ޑިމޮކްރަސީއަށް ވަކާލާތުކުރާ މީޑިއާ ޓައިކޫން ޖިމީ ލައިގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އެ ގައުމުގެ ކޯޓަކުން އިއްވައިފިއެވެ.

ޗައިނާއިން ހޮންކޮންގައި ތަންފީޒުކުރަންފެށި ގައުމީ ސަލާމަތާ ބެހޭ ގާނޫނުގެ ދަށުން އިއްވި އެ ހުކުމަކީ އެ ގާނޫނުގެ ދަށުން އިއްވާ އެންމެ ހަރުކަށި ހުކުމެވެ.

އުމުރުން 78 އަހަރުގެ ޖިމީ ލައިގެ މައްޗަށް މިދިޔަ ޑިސެމްބަރު މަހު ވަނީ ބޭރު ގައުމުތަކާ ގުޅިގެން ރޭވުންތައް ރޭވުމުގެ ދެ ދައުވާއަކާއި، ފިތުނަ އުފެއްދުމުގެ ދައުވާއެއް ސާބިތުވެފައެވެ.

ކޯޓުން ހޯމަ ދުވަހު ނެރުނު ހުލާސާ ރިޕޯޓުގައިވާ ގޮތުން، މިހާރު އިއްވި 20 އަހަރުގެ ހުކުމުގެ ތެރެއިން 18 އަހަރު އޭނާ ތަންފީޒު ކުރަންޖެހޭނީ މަކަރާއި ހީލަތުގެ މައްސަލައެއްގައި މިހާރުވެސް އޭނާ ތަންފީޒު ކުރަމުންދާ ފަސް އަހަރުގެ ޖަލު ހުކުމާ ގުޅުވައިގެންނެވެ.

ލައި މިހާރުވެސް ފަސް އަހަރަށްވުރެ ގިނަ ދުވަސް ޖަލުގައި ހޭދަކޮށްފައިވާއިރު، އޭނާގެ އުމުރަށް ބަލާއިރު މި ހުކުމަކީ އޭނާގެ ހަޔާތުގެ ބާކީ ބައި ޖަލުގައި ހޭދަކުރަންޖެހޭނެ ފަދަ ހުކުމެކެވެ.

ނަމަވެސް ލައިގެ އާއިލާއާއި، ވަކީލުން އަދި ސަޕޯޓަރުން ވަނީ އޭނާގެ ހިތުގެ މައްސަލަތަކާއި ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްޙީ މައްސަލަތަކާއިހެދި ޖަލުގައި މަރުވެދާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެ މިނިވަންކުރުމަށް ގޮވާލާފައެވެ.

އިނގިރޭސި ޕާސްޕޯޓެއް ގެންގުޅޭ ލައި އަކީ ޗައިނާއަށް އެންމެ ބޮޑަށް ފާޑުކިޔާ އެކަކެވެ. އެޕަލް ޑެއިލީ ނޫހަކީ ހޮންކޮންގަށް ފާޑުކިޔަން ލައި ގެންގުޅުނު އެއް ވަސީލަތެވެ. އެ ނޫހުގެ ކުރީގެ ހަ އެގްޒެކެޓިވުންނަށްވެސް ވަނީ ޖަލު ހުކުމް އިއްވާފައެވެ.

ހުކުމް އިއްވުމުގެ ކުރިން ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާތަކާއި ހުޅަނގުގެ ސަރުކާރުތަކުން ވަނީ ލައި ދޫކޮށްލުމަށް ގޮވާލާފައެވެ.

ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓުން ނެރުނު ބަޔާނެއްގައި ބުނީ ލައިގެ ޝަރީއަތަކީ ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތް ކުރަން ޖެހޭ ހޮންކޮންގުގެ ގާނޫނުތަކާ މުޅިން ފުށުއަރާ ކަމެއް ކަމަށެވެ.

މިފަދަ ފާޑުކިޔުންތަކަކީ ހޮންކޮންގުގެ ޝަރުއީ ނިޒާމަށް ފާޑުކިޔަން ކުރާ މަސައްކަތެއް ކަމަށް އެ ގައުމުން ބުނެފައިވާއިރު، ކަމާބެހޭ ފަރާތްތަކުން ބުނަނީ ލައިގެ މައްސަލައަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅުމެއް ނެތް މައްސަލައެއް ކަމަށެވެ.

ލައިގެ ހުކުމް އިއްވުމުން ބޭރުގެ ސަރުކާރުތަކާ އެކު އޮންނަ ޗައިނާގެ ޚާރިޖީ ގުޅުން ހީނަރުވެދާނެ ކަމަށް ބެލެވިފައިވާއިރު، ހުކުމާ ގުޅިގެން އިނގިރޭސިވިލާތާއި އެމެރިކާގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

އިނގިރޭސި ބޮޑުވަޒީރު ކިއާ ސްޓާމާ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޖިމީ ލައި މިނިވަންކުރުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގްގެ އަރިހުން އެދިވަޑައިގެންފައެވެ.

ހޮންކޮންގައި 2020 ވަނަ އަހަރު ގައުމީ ސަލާމަތުގެ ގާނޫނު ތައާރަފްކުރި އެ ގައުމުގައި ނޫސްވެރިކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، ރިޕޯޓާސް ވިތައުޓް ބޯޑާސްއިން ހާމަކުރާ ގޮތުގައި ފާއިތުވި ހަތަރު އަހަރު ތެރޭގައި އެ ގައުމުގެ 900 އަށްވުރެ ގިނަ ނޫސްވެރިންގެ ވަޒީފާ ވަނީ ގެއްލިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް