ޑޮލަރުގެ އަގު ހަމައަކަށް އެޅެން ފަށައިފި، އަދިވެސް ދައްވާނެ ކަމަށް ބެލެވޭ: މިނިސްޓަރު

އިކޮނޮމިކް މިނިސްޓަރު --

ޑޮލަރުގެ އަގު މިހާރު ހަމައަކަށް އެޅެން ފަށައިފި ކަމަށާއި އަގު އަދިވެސް ދަށްވާނެ ކަމަށް ބެލެވޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިދިޔަ އަހަރު ނޮވެމްބަރު މަހު ރާއްޖެ އޮތް ދަތި ހާލަތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބުރަ މަސައްކަތުން މިހާރު އަރައިގަނެވިފައިވާ ކަމަށެވެ.

އެގޮތުން ރަމަޟާން މަހަކީ އުމްރާ ކުރަން ގިނަ ބަޔަކު ދާ ދުވަސްވަރެއްކަން ފާހަގަކުރައްވައި މިހާރު ޑޮލަރުގެ އަގު ހަމައަކަށް އެޅެމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ޑޮލަރުގެ އަގު ދަށްވާނެކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މީގެ ކުރިން ވަނީ، ޑޮލަރުގެ އަގު ދަށްވަމުން އަންނަކަން ފާހަގަ ކުރައްވައިފައެވެ. އެގޮތުން ޑޮލަރުގެ އަގު ދަށްވާން ފެށީ ފައިސާ ޗާޕުކުރުން ހުއްޓާލައި، ފައިސާގެ ސްޓޮކް ދަށްކުރުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަތީޖާއެއްގެ ގޮތުން އިންފްލޭޝަން ދަށްވެ، ތަކެތީގެ އަގު ވެސް ދަށްވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ކަންބޮޑުވާ މިންވަރެއްގައި އޮތް ނަމަވެސް އިގްތިސާދީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އޭގެ ތެރެއިން އެއް ކަމެއް ކަމަށް މި ސަރުކާރުން ފާހަގަކުރަނީ ފައިސާ ޗާޕުކުރުން ހުއްޓާލުމެވެ.

ކުރީ ސަރުކާރުގައި ޚަރަދަށް ޒިންމާވުމުގެ ގާނޫނު ސަސްޕެންޑުކޮށް، ފައިސާ ޗާޕުކުރީ ކޮވިޑާ ގުޅިގެން ދިމާވި އިގުތިސާދީ ކާރިސާއިން އަރައިގަތުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިންނެވެ. އެ ހާލަތު ދަންމާލައި ކުރީ ސަރުކާރަށް އަހަރެއްގެ ތެރޭ 4.4 ބިލިއަން ރުފިޔާ ޗާޕުކުުރުމުގެ ހުއްދަ ދިނެވެ.

މަރުކަޒީ ބޭންކު، އެމްއެމްއޭއިން ފޮރިން އެކްސްޗޭންޖް ރޭޓް މިހާރު 15.45 ރުފިޔާގައި ހިފަހައްޓާފައި އޮތް ނަމަވެސް، މިއަދަކު އެ ރޭޓަކުން ޑޮލަރެއް ނުލިބެއެވެ.

ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު އުޅެނީ 17 ރުފިޔާއާއި 17.40 ރުފިޔާއާ ދެމެދުގައެވެ.

comment ކޮމެންޓް