ޒަކާތު ހައުސްއިން އެހީގެ ގޮތުގައި މިދިޔަ މަހު 7 ލައްކަ ރުފިޔާ ޚަރަދުކުރި

ޒަކާތް ދެއްކުމަށް ބަޔަކު އިސްލާމިކް މިނިސްޓަރުގައި ހުންނަ ކައުންޓަރު ކައިރީގައި --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މިދިޔަ މަހު މޯލްޑިވްސް ޒަކާތު ހައުސްއިން އެހީގެ ގޮތުގައި ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ އިދާރާއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހު ފަގީރުންނާއި މިސްކީނުންގެ ތެރެއިން 69 މީހުންނަށް ބޭސްފަރުވާގެ އެހީގެ ގޮތުގައި ޖުމްލަ 740،805.79 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

އޭގެ ތެރޭގައި:

  • ކެންސަރު ބަލީގެ ފަރުވާއަށް: 245،948.50 ރުފިޔާ
  • ހިތުގެ އޮޕަރޭޝަންތަކަށް: 16،962 ރުފިޔާ
  • ޓްރާންސްޕްލާންޓްތަކަށް: 76،329 ރުފިޔާ
  • ސިކުނޑީގެ އޮޕަރޭޝަންތަކަށް: 16،962 ރުފިޔާ
  • އެހެނިހެން ޚަރަދުތައް: 473،746 ރުފިޔާ

އެ އިދާރާއިން ފެބްރުއަރީ މަހުގެ ތެރޭގައި އެހެނިހެން ޚަރަދުގެ ގޮތުގައި ދީނީ އެކި ޕްރޮގްރާމްތައް ހިންގުމަށާއި އިދާރީ މުވައްޒަފުންގެ އުޖޫރަ ހަމެޖެއްސުމުގެ އިތުރުން ޖަލްސާ އަދި ސެމިނާ ފަދަ ކަންކަމަށް ވަނީ ޚަރަދުކޮށްފައެވެ.

އެގޮތުން، ދީނީ ޕްރޮގްރާމްތައް ހިންގުމަށް 374،950.28 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި އިދާރީ މުވައްޒަފުންނަށް އުޖޫރަ ދިނުމަށް 192،432.81 ރުފިޔާ ނިމުނު ފެބްރުއަރީ މަހުގައި ޚަރަދުކޮށްފައިވާ ކަމަށް ޒަކާތުހައުސްގެ ހިސާބުތަކުން ދައްކައެވެ. އަދި، ޖަލްސާ އަދި ސެމިނާ ފަދަ ކަންކަމަށް 93،761.61 ރުފިޔާ މިދިޔަ މަހު އެ އިދާރާއިން ވަނީ ޚަރަދުކޮށްފައެވެ.

ޒަކާތު ހައުސްއިން ޚާއްސަ ހާލަތްތައް މެދުވެރިވެގެން ވެސް 12،750 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް އުފެއްދީ މި ސަރުކާރުންނެވެ. އެއީ، ޒަކާތާ މެދު މީހުން އަހުލުވެރިކުރުވައި ލޯބި ޖެއްސުމުގެ ބޭނުމުގައި ކުރި ކަމެއް ކަމަށް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް