ޕޫޓިން ރަޝިއާގެ ރިޔާސީ އިތުރު ދައުރެއް ކާމިޔާބު ކުރައްވައިފި

ޕޫޓިން

މޮސްކޯ (17 މާޗް 2024): ރަޝިއާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން ރައީސް ވްލަދިމިޔަރ ޕޫޓީން އެއިންތިޚާބު ކާމިޔާބު ކުރައްވައިފިއެވެ.

ރަޝިއާގެ މީޑިއާ ބުނާގޮތުން މިހާތަނަށް ގުނާފައިވާ 99.7 އިންސައްތަ ވޯޓުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސް ޕޫޓިންނަށް ވޯޓުގެ 87.3 އިންސައްތަ ވޯޓު ވަނީ ލިބިވަޑައިގެންފައެވެ.

ރަޝިއާގެ ރިޔާސީ އިންތިޚާބުގައި ރައީސް ޕޫޓިންއާ ވާދަކުރެއްވީ ތިން ބޭފުޅެކެވެ. އެއީ ރަޝިއާގެ ކޮމިއުނިސްޓް ޕާޓީގެ ކެންޑިޑޭޓް ނިކޮލައި ޚަރްތިނޯވް އާއި ނިއު ޕީޕަލްސް ޕާޓީގެ ކެންޑިޑޭޓް ވްލަދިސްލާވް ދަވަންކޯވް އާއި ލެބެރަލް ޕާޓީގެ ކެންޑިޑޭޓް ލިއޮނިޑް ސޮލޮތޮސްކީ އެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން މި ތިން ބޭފުޅުންގެ ތެރެއިން ނިކޮލައި ޚަރްތިނޯވްއަށް ލިބުނީ 4.28 އިންސައްތަ ވޯޓެވެ. ވްލަދިސްލާވް ދަވަންކޯވްއަށް ލިބުނީ 3.85 އިންސައްތައެވެ. ލިއޮނިޑް ސޮލޮތޮސްކީއަށް ލިބުނީ 3.16 އިންސައްތައެވެ.

ރަޝިއާގައި ރިޔާސީ އިންތިޚާބުގެ ކަންކަން ހިނގަމުންދިޔައިރު މާބޮޑު މައްސަލަތަކެއް ކުރިމަތިވެފައި ނުވިނަމަވެސް ރަޝިއާގެ ރަސްމީ ފަރާތްތަކުންވަނީ އިންތިޚާބާ ދިމާކޮށް ރަޝިއާގެ ހަރުކަށި އަދި ގާނޫން ބޭރުގައިވާ ބައެއް ކުދިކުދި ޖަމާއަތްތައް ބޭނުންކޮށްގެން އިންތިޚާބު ގަޑުބަޑު ކުރުމަށް މަސައްކަތްކުރިކަމުގެ ތުހުމަތު ޔުކްރެއިންގެ މައްޗަށް ކޮށްފައެވެ.

މިގޮތުން އިންތިޚާބާ ގާތްވެފައިވަނިކޮށް ހަތިޔާރުއެޅި ރަޝިއާގެ ޖަމާއަތެއްކަމަށްވާ "ފްރީޑަމް އޮފް ރަޝިޔާ ލިޖަން" އެގައުމުގެ ހުޅަނގުގެ ކޫރްސްކް ސަރަޙައްދުގައިވާ ތެލުގެ މަރުކަޒަކަށް ހަމަލާތަކެއް ދިނެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާގެ ބުނާގޮތުން އެޖަމާއަތަކީ ޔުކްރެއިންގެ އެހީގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތެކެވެ. ރިޕޯޓްތައް ބުނާގޮތުން ރަޝިއާގެ ބައެއް ޖަމާއަތްތަކުންވަނީ މަގުތަކަށް ނުކުމެ މުޒާހަރާތައްކޮށް ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް އުފައްދާފައެވެ. ނަމަވެސް އިންތިޚާބަށް ލޮޅުންއަރާވަރުގެ ކަމެއް ހިނގާފައެއް ނުވެއެވެ.

ރަޝިއާގެ ރިޔާސީ ދައުރެއްގެ މުއްދަތަކީ ހަތަރު އަހަރެވެ. އެހެންކަމުން ރިޔާސީ އިތުރު ދައުރެއް ލިބިވަޑައިގަތުމުން ކުރިއަށް އޮތް ހަތަރު އަހަރުގައިވެސް ރަޝިއާގެ ރައީސްކަމުގައި ހުންނަވާނީ ޕޫޓިންއެވެ. ޕޫޓިން ރަޝިއާގެ ބޮޑުވަޒީރުކަމަށް ފުރަތަމަ ވަޑައިގެންފައިވަނީ 1999 ވަނަ އަހަރުގައެވެ. އެއަށްފަހު އޭނާ ރަޝިއާގެ ރައީސްކަން ފަސް ދައުރުގައި އަދާކުރައްވައި ރަޝިއާއަށް ބޮޑެތި ބަދަލުތަކެއް ގެނަސްދެއްވާފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް