ވާދަވެރި ލިވަޕޫލް ރޮއްވާލައި، އިނގިރޭސި އެފްއޭ ކަޕްގެ ސެމިފައިނަލުން މެންޗެސްޓާ ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ސެމީފައިނަލުން ޔުނައިޓެޑު ޖާގަ ހޯދާފައިވަނީ ކުއާޓާ ފައިނަލުގައި ވާދަވެރި ލިވަޕޫލް 4-3 އިން ބަލިކޮށްފައެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ލިވަޕޫލުން ބޯޅަ ގެންގުޅުނުއިރު ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ.
މެޗުގެ 10 ވަނަ މިނެޓުގައި ސްކޮޓް މެކްޓޮމިނޭ ޖަހައިދިން ލަނޑާ އެކު ޔުނައިޓެޑުން ވަނީ މެޗުގެ ކުރީކޮޅު ލީޑު ވެސް ނަގައިފައެވެ. މި ހާފުގައި މެކްޓޮމިނޭއަށް ވަނީ ލަނޑު ޖަހާނެ އިތުރު ފުރުސަތެއް ވެސް ލިބިގެން ގޮސްފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް އެލެކްސިސް މެކް އެލިސްޓާ ޖަހައިދިން ލަނޑާ އެކު މެޗުގެ ނަތީޖާ ލިވަޕޫލުން އެއްވަރު ކުރިއެވެ. އަދި، އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި މުހައްމަދު ސަލާހް ޖަހައިދިން ލަނޑާ އެކު ލިވަޕޫލުން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގިއެވެ. މިއީ ޔުނައިޓެޑާއި ދެކޮޅަށް ސަލާހް ކުޅުނު 14 މެޗުގައި ކާމިޔާބުކުރި 13 ވަނަ ލަނޑެވެ.
ދެވަނަ ހާފުގައި މޮޅަށް ކުޅެފައިވަނީ ލިވަޕޫލުންނެވެ. އަދި، ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބިގެންދިއުމާ އެކު ވެސް އޭގެ ބޭނުން ލިވަޕޫލަށް ހިފޭގޮތެއްނުވިއެވެ. ނަތީޖާއަކަށް ވެގެންދިޔައީ 90 މިނެޓުގެ ކުޅުން ހަމަވާން ތިން މިނެޓަށް ވެފައިވަނިކޮށް ޔުނައިޓެޑްގެ ބަދަލު ކުޅުންތެރިޔާ އެންތަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނުމެވެ. މެޗު ނިމެން ގާތްވެފައިވަނިކޮށް ޔުނައިޓެޑްގެ ފޯވަޑް މާކަސް ރަޝްފަޑަށް ވަނީ މެޗު ޔުނައިޓެޑަށް ކާމިޔާބު ކޮށްދޭނެ ރަނގަޅު ފުރުސަތެއް ލިބިގެންގޮސްފައެވެ. ނަމަވެސް އޭނާ ފޮނުވައިލި ހަމަލާ ކާމިޔާބުވާ ގޮތެއްނުވިއެވެ.
ފުރިހަމަ ވަގުތު ހަމަވިއިރު 2-2އިން ދެ ޓީމު އެއްވަރުވުމާ އެކު ނަތީޖާ ނެރުމަށްޓަކައި އިތުރު ވަގުތުގެ ދެ ހާފު ކުޅެވުނެވެ.
މެޗުގެ 105 ވަނަ މިނެޓުގައި ލިވަޕޫލްގެ ބަދަލު ކުޅުންތެރިއެއް ކަމަށްވާ ހާވީ އެލިއޮޓް ވަނީ ލަނޑެއް ޖަހައި ލިވަޕޫލަށް ދެވަނަ ފަހަރަށް މެޗުގައި ލީޑު ނަގައިދީފައެވެ. މެޗުގައި ޔުނައިޓެޑުން އެއްވަރުކޮށްފައިވަނީ މެޗުގެ 112 ވަނަ މިނެޓުގައި ރަޝްފަޑް ޖަހައިދިން ލަނޑުންނެވެ. މެޗު ޔުނައިޓެޑަށް ކާމިޔަބުކޮށްދިނީ އިތުރު ވަގުތުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ޔުނައިޓެޑުން އުފެއްދި ކައުންޓާ އެޓޭކެއްގައި ބަދަލު ކުޅުންތެރިޔާ އަމަދު ޑިއާލޯއެވެ. މި ލަނޑާއެކު ޔުނައިޓެޑަށް ސެމީފައިނަލްގެ ޖާގައެއް ކަށަވަރު ވެގެންދިޔައިރު ލަނޑު ޖެހުމަށް ފަހު ޑިއާލޯ އުފާފާޅު ކުރުމަށްޓަކައި ޖާޒީ ބޭލުމާ ގުޅިގެން އޭނާއަށް ވަނީ ދެވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ވެސް ދައްކައިފައެވެ.
މި ކާމިޔާބީއާ އެކު މި ސީޒަން ތައްޓަކާ އެކު ނިންމައިލުމަށް ޔުނައިޓެޑުން ކުރަމުންދާ އުންމީދު އަދިވެސް އޮތީ ކުރިއަށެވެ. ޔުނައިޓެޑުން ސެމީ ފައިނަލްގައި ބައްދަލުކުރަން ހަމަޖެހިފައިވަނީ ޗެމްޕިއަންޝިޕްގެ ކޮވެންޓްރީ ސިޓީއާކަމުން ފައިނަލަށް ދިއުމުގެ ފުރުސަތު ވެސް އެ ޓީމަށް ވަރަށް ބޮޑަށް އޮތް ކަމަށް ދެކޭ މީހުން ގިނައެވެ.