އެމްއެމްޕީއާރުސީ ރީސްޓްރަކްޗާކޮށް، އިންވެސްޓްމަންޓް އިތުރުކުރަން މަޓާޓޯއިން ގޮވާލައިފި

މަޓާޓޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން --

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ރިސްޓްރަކްޗާކޮށް، މާކެޓިންއަށް ކުރާ އިންވެސްޓްމެންޓް މިހާރަށްވުރެ ތިންގުނަ އިތުރުކޮށް، އެސްއޯއީ މޮޑެލް މުޅިން ބަދަލުކުރުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން އަނެއްކާ ވެސް ގޮވާލައިފިއެވެ.

މަޓާޓޯއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ދައުލަތުން ޖީޑީޕީ 12 ބިލިއަން ޔޫއެސް ޑޮލަރަށް ވާސިލްކުރުމަށް މިސްރާބު ޖަހާފައިވާ ދަނޑިވަޅެއްގައި، އަދި ރާއްޖޭގެ އިގްތިޞާދު ފަތުރުވެރިކަމުގެ ސިނާއަތަށް މިހާބޮޑަށް ބަރޯސާވެފައިވާއިރު، ފަތުރުވެރިކަން އިޝްތިހާރުކޮށް ކުރިއެރުވުމަށް އިތުރު އަހައްމިއްޔަތެއް ދިނުމަކީ ދެމެހެއްޓެނިވިކޮށް މިސިނާއަތް ފުޅާކޮށް އިގްތިޞާދު ކުރިއެރުވުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މަންޒިލް މާކެޓްކުރުން އެއީ އެހެން ހުރިހާކަމަކަށްވުރެ މުހިއްމުކަމެއްކަމުގައި ވޭތުވެ ދިޔަ އަހަރުތަކުގައި ވެސް މަޓާޓޯއިން ތަކުރާރުކޮށް ގޮވާލާފައި ވާނެކަމަށް މަޓާޓޯއިން ބުންޏެވެ.

އެގޮތުން 2017 ވަނަ އަހަރު ނެރެފައިވާ ޚާއްސަ ރިޕޯޓެއްގައި ރާއްޖެއާއި ވާދަވެރި ޤައުމުތައް ކަމުގައިވާ ސްރީލަންކާ، މޮރިޝަސް އަދި ސީޝެލްސްއަށް ދިމާވެފައިވާ ގޮންޖެހުންތައް ދިރާސާކޮށް، ރާއްޖެއަކީ ފަތުރުވެރިންނަށް ސަލާމަތްތެރި ތަނެއްގެގޮތުގައި އިޝްތިހާރުކުރުން އިތުރަށް ފުޅާކުރުމުން ލިބޭނެ ގިނަ ގުނަ ފައިދާތައް ތަފްޞީލްކޮށް ބަޔާންކޮށްދީފައިވާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

މަޓާޓޯއިން ނެރުނު ބަޔާނުގައި ވަނީ، މިދިޔަ އަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު، އެމްއެމްޕީއާރުސީގެ ޒަރިއްޔާއިން ދިވެހި ސަރުކާރުން މަންޒިލް މާކެޓް ކުރުމަށްޓަކައި ހޭދަކޮށްފައިވަނީ ބޮލެއްގެ މައްޗަށް އެންމެ ހަތަރު ޔޫއެސް ޑޮލަރުކަން މަޓާޓޯއިން ބެލިބެލުމުން އިނގޭ ކަމަށެވެ.

"ނަމަވެސް ދިވެހި ދައުލަތަށް، ރިޓާން އޮން އިންވެސްޓްމަންޓް (އާރްއޯއައި)ގެ ގޮތުގައި ސީދާ އަދި ނުސީދާގޮތުން ފަތުރުވެރިކަމާއިި ގުޅިފައިވާ ޓެކްސް އާއި ފައިދާއަށްބަލާއިރު، ބޮލަކަށް 600 ޔޫއެސް ޑޮލަރު ވަދެފައިވާ ކަމަށް އަންދާޒާކުރެވެއެވެ. ޔަޢުނީ، 12،000 ޕަސަންޓުގެ އާރްއޯއައި ރާއްޖެއަށް ލިބިފައިވެއެވެ،" އެ ބަޔާނުގައި ވެއެވެ.

އެހެންކަމުން ފަތުރުވެރިކަމުން ލިބޭ އާމްދަނީއަށް ޤައުމު އިންތިހާއަށް ބަރޯސާވެފައިވީއިރު، ފަތުރުވެރިކަން މާކެޓްކުރުމަށް ފަރުވާ ކުޑަކޮށްފި ނަމަ މާލީގޮތުން ކޮށްފާނެ ނޭދެވޭ އަސަރުތައްކޮށް ދައުލަތުގެ އިކޮނަމީއަށް ލޮޅުންއެރުން ގާތްކަމަށް ބަޔާނުގައިވެއެވެ.

މަޓާޓޯއިން ބުނީ އެ ޖަމިއްޔާއިން މަންޒިލް މާކެޓް ކުރަން މެދުކެނޑުމެއްނެތި ގޮވަމުން އަންނަ ޙާލަތުގައި އެމްއެމްޕީއާރުސީން އަމިއްލަ ފުދުންތެރިކަމަށް މަސައްކަތްކުރަން މިސްރާބު ބަދަލުކުރުމަށް މަޝްވަރާކުރަމުންދާތީ ދާއިރާގެ ގިނަބައެއް ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.

މިވަގުތު އެމްއެމްޕީއާރުސީގެ ބޯޑުގައި އިންޑަސްޓްރީ ތަމްސީލްކުރާ މަންދޫބުން މަދުކަމާއި ބޯޑު މެމްބަރުންގެ އިންޑަސްޓްރީގެ ތަޖުރިބާ މަދުކަން މަޓާޓޯއިން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން ޓްރެވަލް އެޖެންޓުން، ގެސްޓްހައުސް އަދި ލިވްއަބޯޑްތަކުން ފެއާތަކުގައި ބައިވެރިވާން ނަގާފީ ބޮޑުކުރަން މަޝްވަރާ ކުރާތީ ވެސް މަޓާޓޯއިން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

މަޓާޓޯއިން ގޮވާލަނީ ރާއްޖޭގެ ފަތުރުވެރިކަމުގައި ހޯދަން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ޓަކައި، އެހެން ޤައުމުތަކުގެ ވާދަވެރިކަމަށް ބަލައި، އިޝްތިހާރުކުރުމަށް އިތުރު އަހައްމިޔަތެއް ދީގެން މިހާރު ޑެސްޓިނޭޝަން މާކެޓިންއަށް ކުރަމުން އަންނަ ޚަރަދު ތިންގުނައަށް އިތުރުކުރުމަށް ކަމަށް އެ ބަޔާނުގައިވެއެވެ.

އެގޮތުން ލޯ ސީޒަނަށް ދިމާކޮށް "ސަމާ ކެމްޕެއިން" ފަދަ "ޓާގެޓެޑް ކެމްޕެއިން"ތަކަށް ސަމާލުކަން ދިނުމަށް މަޓާޓޯއިން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން، ރާއްޖޭއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން ޗުއްޓީގައި ދިގު މުއްދަތު ހޭދަކުރާ ފަރާތްތަކަށް ސަމާލުކަން ދީގެން ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ އެވެރެޖް މުއްދަތު އިތުރުކުރުމުގެ މުހިއްމުކަމަށް ވެސް މަޓާޓޯއިން އަލިއަޅުވާލިއެވެ.

މަޓާޓޯއިން ބަޔާންކުރާ ގޮތުގައި މިކަންކަން ހާސިލްކުރުމަށް ޓަކައި މިހާރަށްވުރެ ރަނގަޅު މާކެޓިން އުކުޅުތައްބޭނުންކުރުމާއި، ހޯދާ ޑޭޓާގެ އަލީގައި އެކުލަވާލާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުން މުހިންމެވެ.

comment ކޮމެންޓް