ރޯދަމަހާ ދިމާކޮށް ގިނަ ބަޔަކު ބޭނުންކުރާ މިރުހުގެ އަގު ދަށްވެފައިވާ ކަމަށް ވިޔަފާރިވެރިން ބުނެފިއެވެ.
މާރުކޭޓު ގޮޅިއަކުން 'ސަން'އާ ވާހަކަ ދެއްކި ވިޔަފާރިވެރިއަކު ބުނީ މިއަދު މިރުހުގެ 100 ގުރާމް، 30 އާއި 50 ރުފިޔާގެ އަގުތަކެއްގައި ލިބެން ހުރިއިރު ކިލޯއެއް ލިބެން ހުރީ 400 އާއި 500 ރުފިޔާގެ އަގެއްގައި ކަމަށެވެ.
މިދިޔަ ހަފުތާގައި މިރުހުގެ 100 ގުރާމް 85 ރުފިޔާއަށް ހުރިއިރު، ކިލޯ ހުރީ 800 ރުފިޔާއަށެވެ.
ބާޒާރުގައި އިތުރަށް ހުރި ތަކެއްޗަށް ބަލާއިރު މިއަދު ގިނަ ވައްތަރުގެ މޭވާއާއި ތަރުކާރީ ތިޔާގިކަމަށް އޭނާ މައުލޫމާތުދިނެވެ.
"އަނެއްހެން އެވަރެޖްކޮށް އެއްވެސް އެއްޗެއް މަދެއް ނޫން. ހުރިހާ އެއްޗެއް ވެސް ލިބެން އެބަ ހުރި. ޖަނބުރޯލު. ދިވެހި އަނބު، މުރަނގަ ތޮޅި. މިހެން ގޮސް ހުރިހާ އެއްޗެއް ވެސް ލިބެން އެބަ ހުރި،" އޭނާ ބުންޏެވެ.
ކަރާ ކިލޯއެއް 12 ރުފިޔާއާއި 15 ރުފިޔާގެ އަގެއްގައި ބާޒާރު ގޮޅިތަކުން ލިބެން އެބަހުއްޓެވެ. ރޯދަމަސް ފެށުނުއިރު ކަރާގެ އަގު އުޅެނީ 20 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުގައެވެ.
ކެރެޓާއި ކިއުކަންބާ ކިލޯ ލިބެން ހުރީ 30 ރުފިޔާއަށެވެ. ތައިލޭންޑު އަނބު ކިލޯއެއް 120 ރުފިޔާއަށް ވިއްކާއިރު ދިވެހި އަނބު ކިލޯއެއް ލިބެން ހުރީ 150 ރުފިޔާއަށެވެ.
އިތުރަށް ހުރި ތަކެތީގެ އަގަށް ބަލާއިރު ދިވެހި ޖަނބުރޯލު ކިލޯއެއް 120 ރުފިޔާއަށް ލިބޭއިރު ދިވެހި ދަނޑިއަލުވި ހުރީ 150 ރުފިޔާއަށެވެ.
ދޮންކޭލުގެ ބާވަތްތަކުން ފުސް ކެޔޮ 90 އާއި 100 ރުފިޔާގެ އަގެއްގައި މާރުކޭޓުން ލިބެން އެބަ ހުއްޓެވެ.
މީގެއިތުރުން، މިއަދު ބާޒާރުގައި އެކި ބާވަތްތަކުގެ ފަތް ގިނަ ގޮޅިތަކުން ލިބެން ހުރި ކަމަށް މައުލޫމާތު ލިބެއެވެ.
އެގޮތުން ލެޓިއުސް ފަތް ބޮނޑިއެއް 65 ރުފިޔާއަށް ލިބެން ހުރިއިރު ކަންކުން ފަތް ބޮނޑިއެއް ވިއްކަނީ ފަސް ރުފިޔާއަށެވެ. އަދި ކުއްޅަފިލާފަތް ބޮނޑިއެއް ބާޒާރު ގޮޅިތަކުން ލިބެން ހުރީ 20 ރުފިޔާއަށެވެ.