ރެއާލްއިން އޮސަސޫނާ ބަލިކޮށް ލީޑު ފުޅާކޮށްފި

ވިނީޝިއަސް ޖޫނިއާ މިމެޗުގައިވަނީ ރެއާްލް އަށް ދެ ލަނޑު ޖަހައިދީފައި / ފޮޓޯ: ޔޫރޯ ސްޕޯޓް

ސްޕެނިޝް ލަލީގާގައި ތާވަލްގެ އެއްވަނައިގައި އުޅޭ ރެއާލް މެޑްރިޑާއި އޮސަސޫނާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގައި ރެއާލްއިން އެޓީމުގެ ލީޑު ފުޅާކޮށްފިއެވެ.

އޮސަސޫނާގެ ދަނޑުގައި ކުޅުނު މިމެޗު ރެއާލް އިން ކާމިޔާބު ކޮށްފައިވަނީ ހަތަރު ލަނޑު ދެ ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ރެއާލް އިންނެވެ. މިމެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑު ނަގާފައިވަނީ ރެއާލްއިންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ވިނީޝިއަސް ޖޫނިއާއެވެ. ނަމަވެސް މިލީޑު ރެއާލްއަށް ދެމެހެއްޓޭވަރުވީ ތިން މިނެޓު ވަންދެނެވެ.

މެޗުގެ ހަތް ވަނަ މިނެޓުގައި އޮސަސޫނާގެ އެންޓޭ ބުޑިމީރު ޖަހައިދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަވިއެވެ. މިމެޗުގައި ރެއާލްއިން ދެވަނަ ފަހަރަށް ލީޑު ނަގައިފާވަނީ މެޗުގެ 18 ވަނަ މިނެޓުގައި ޑާނީ ކާވަހާލް ޖަހައިދިން ލަނޑުންނެވެ. މިމެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ލިބިގެންދިޔަކަން ފާހަގަ ކޮށްލެވުނެވެ.

މިމެޗުގައި ރެއާލްގެ ތިންވަނަ ލަނޑު މެޗުގެ 61 ވަނަ މިނެޓްގައި ޖަހައިދިނީ ބްރަހީމް ޑިއާޒްއެވެ. އަދި ހަތަރުވަނަ ލަނޑު އޭގެ ތިން މިނެޓު ފަހުން ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ވިނީޝިއަސްއެވެ. މިމެޗުގައި ރެއާލްއިން ކާމިޔާބު ކުރި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހުމުގައި ބޯޅަ ތަނަވަސްކޮށްދީފައިވަނީ ފެޑެރީކޯ ވަލްވާޑޭއެވެ. އޮސަސޫނާއިން މިމެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑު އެޓީމަށް މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ އީކާ މުނޯޒްއެވެ.

މިކާމިޔާބީއާއެކު ރެއާލް މިހާރު އުޅެނީ ކުޅުނު 29 މެޗުން ލިބިފައިވާ 72 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި 10 ޕޮއިންޓްގެ ލީޑެއްގައެވެ. ރެއާލްއަށް 10 ޕޮއިންޓްގެ ލީޑެއްް ލިބުމުގައި ތާވަލްގެ ދެވަނައިގައި އުޅޭ ޖިރޯނާ ރަށުން ބޭރުގައި ގެޓާފޭއަތުން އެއް ލަނޑު ސުން ލަނޑުން ބަލިވުން ބޮޑުބައެއް ކުޅުނެވެ. ނަމަވެސް ތާވަލްގެ ތިންވަނައިގާ މިވަގުތު އޮތް އެންމެ ފަހުގެ ޗެމްޕިއަން އެފްސީ ބާސެލޯނާ މިހަފްގާއި ކުޅޭ މެޗު ކާމިޔާބު ކޮށްފިނަމަ މިލީޑު އަށް ޕޮއިންޓަށް ކުޑަވާނެއެވެ. އަދި ތާވަލްގެ ދެވަނައަށް އެރުމުގެ ފުރުސަތުވެސް ބާސާއަށް ލިބޭނެއެވެ.

އޮސަސޫނާގެ މައްޗަށް ހޯދި ކާމިޔާބީއާއެކު ރެއާލްއިން މިހާރުވަނީ އެޓީމުގެ ކޯޗު ކާލޯ އެންޗެލޯޓީގެ ބެލުމުގެ ދަށުން 200 މެޗު ކާމިޔާބު ކޮށްފައެވެ. މިމެޗުން ބަލިވުމުން އޮސަސޫނާ އުޅެނީ 36 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައިގައެވެ.

comment ކޮމެންޓް