ރޯދަމަހަށް ހާއްސަކޮށް އެސްއެސްޓީވީން ގެނެސްދޭ އެކިރަހަ ޕްރޮގްރާމްގައި އެހެން ދުވަސްތަކާ ޚިލާފަށް މިއަދުގެ އެޕިސޯޑުގައި ގެނެސްދެނީ ފޮނި އެއްޗެއް ތައްޔާރުކުރާނެ ގޮތެވެ. މިއަދުގެ އެޕިސޯޑުގައި ގެނެސްދޭނީ ޓީޖީއާރް ރެސްޓޯރަންޓުގެ ކްރެމް ބުރްލޭ ތައްޔާރު ކުރާނެ ގޮތެވެ.
ބޭނުންވާ ތަކެތި:
- ހެވީ ކްރީމް
- 2 ބިހުގެ ގޮބޮޅި
- 1 ބިސް
- ހަކުރު ކޮޅެއް
- އޮރެންޖް ޒެސްޓުކޮޅެއް
- 3 ރެމްކިންސް
ތައްޔާރު ކުރާނެ ގޮތް:
ކްރެމް ބުރްލޭ ތައްޔާރުކުރުމަށްޓަކައި އެންމެ ފުރަތަމަ ހެވީީ ކްރީމް ތެރެއަށް ހަކުރު އަޅައިލުމަށް ފަހު އެއްކޮށްލާނީއެވެ. އެއަށްފަހު ދެ ބިހުގެ ގޮބޮޅިއާއި ދެންއިން ބިސް ތަޅައިލުމަށް ފަހު އެއްކޮށްލާނީއެވެ.
އޭގެ ފަހުން އެއްކޮށްފައި ހުރި ހެވީ ކްރީމް ތެރެއަށް ބިސް އަޅައިލުމަށް ފަހު އެއްކޮށްލާނީއެވެ. އެއްކުރާއިރު މާ ގިނައިރު ވަންދެން އެއްނުކޮށް ބިސްކޮޅު އެއްވަން ދެން ގަށާލާނީއެވެ.
ދެން ހެވީ ކްރީމް ކޮޅު ފުރާނައިލާނީއެވެ. ދެން އޮރެންޖް ޒެސްޓު ކޮޅު އަޅާލުމަށް ފަހު އެއްކޮށްލާނީއެވެ.
އެއަށްފަހު ކްރެމް ބުރްލޭ ތައްޔާރުކުރުމަށް ޓްރޭއަކަށް ތިން ރެމްކިންލުމަށް ފަހު ފެން ފޮދެއް އަޅާލާނީއެވެ. ދެން އޭރު ތައްޔާރުކުރި ހެވީ ކްރީމް ކޮޅު ރެމްކިންތަކަށް އަޅާލުމަށްފަހު ފިހަން އަވަނަށް ލާނީއެވެ.
އަވަނަށް ފިހެން ލާނީ 160 ޑިގްރީގައި ބަހައްޓައިގެންނެވެ. ކްރެމް ބުރްލޭ ފިހެލުމަށް އަވަނުގައި ބައިންދާނީ 35 ވަރަކަށް މިނެޓެވެ.
އޭގެ ފަހުން ކްރެމް ބުރްލޭގެ މައްޗަށް ކުޑަ ހަކުރު ކޮޅެއް އަޅާލުމަށް ފަހު ފަތުރާލުމަށްފަހު ޓޯޗެއް ބޭނުން ކޮށްގެން ހަކުރު ކޮޅު ކެރަމަލައިޒް ކޮށްލާނީއެވެ. ގޭގައި ޓޯޗެއް ނެތްނަމަ ތަވައެއްގެ މަތީ ހަކުރުކޮޅު ކެރަމަލައިޒް ކޮށްލުމަށް ފަހު ކެރެމް ބުރްލެގެ މައްޗަށް އަޅާލެވިދާނެއެވެ. މިހާރު ހުންނާނީ ކްރެމް ބުރްލޭ ތައްޔާރުވެފައެވެ.
ކްރެމް ބުރްލޭ އަކީ ދިވެހިން ތައްޔާރުކުރާ ޕުޑިންއާ ވަރަށް އެއްގޮތް އެއްޗެކެވެ. ނަމަވެސް މީތި ތަފާތު ވަނީ މާ ގިނައިރު އެއްނުކޮށް މަޑު ގިނީގަ ފިހާތީއެވެ.
ވަރަށް މަދު އެއްޗެއް ބޭނުންކޮށްލައިގެން 45 ވަރަކަށް މިނެޓްތެރޭ ތައްޔާރުކޮށްލެވޭ މި ޑިޝް އަކީ ރޯދަ ވީއްލާ ގަޑީގައި ކާލުމަށް ވަރަށް ކަމުދާނެ ފޮނި އެއްޗަކަށް ވާނެއެވެ. ޕުޑިންއާއި ޚިލާފަށް މި ޑިޝްއަކީ ކާލެވޭ ވަރަށް ތައްޔާރުކުރާ ޑިޝްއަކަށް ވާތީ އިސްރާފު ކުރެވޭ މިންވަރު މަދުވާނެއެވެ.
އެހެންކަމުން ތިބޭފުޅުން ވެސް ގޭގައި މި ރެސިޕީ ބަލައިގެން ކްރެމް ބުރްލޭ ތައްޔާރުކޮށް ރަހަބަލައިލާނެ ކަމަށް އުންމީދު ކުރަމެވެ.