މަޖިލިސް އިންތިޚާބަށް ރީރެޖިސްޓާކުރީ 10،000 މީހުން

ވޯޓު ގުނަނީ: ކުރިއަށް އޮތް މަޖިލީސް އިންތިޚާބަށް ރީރެޖިސްޓާކުރީ 10،000 މީހުން -- ސަންފޮޓޯ/ ނާއިލް ހުސައިން

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލާން 10،028 މީހުން ރީރެޖިސްޓާވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނެފިއެވެ.

އަންނަ މަހު 21 ވަނަ ދުވަހު އޮންނަ މަޖިލީސް އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީވެފައި އޮތް ތަން ނޫން އެހެން ތަނަކަށް ރީރަޖިސްޓާކުރަން ހުޅުވައިލި ހަ ދުވަހުގެ މުއްދަތުގެ އިއްޔެގެ މެންދުރު ފަހު 3:00 އަށް ވަނީ ހަމަވެފައެވެ.

އީސީން ބުނީ އެ މުއްދަތުގައި އީފާސް މެދުވެރިކޮށް އަދި އޮންލައިންކޮށް ޖުމުލަ 11،169 މީހުން ރީރެޖިސްޓްރޭޝަން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން 1،141 ފޯމު ބާތިލުވެފައިވާއިރު، ޖުމުލަ 10،028 މީހުން ވަނީ ކުރިން ރެޖިސްޓްރީވެފައި އޮތް ތަން ނޫން އެހެން ތަނެއްގައި ރަޖިސްޓްރީވެފައެވެ.

އެ އަދަދުތަކާ ގުޅިގެން އީސީގެ ސެކެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ އެހެން އަހަރުތަކާ އަލައިބަލާއިރު ރީރެޖިސްޓްރީވި މީހުންގެ އަދަދު ނިސްބަތުން މަދު ކަމަށާއި އެކަމަކު ރީރެޖިސްޓާވި މީހުންގެ އަދަދު މަދު ނޫން ކަމަށެވެ.

އިންތިޚާބަށް ރީރެޖިސްޓާވި މީހުންގެ އަދަދު މަދުކަމުން މި ފަހަރު އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދަނީ ރާއްޖެއިން ބޭރުގެ އެންމެ ތިން ގައުމުގައެވެ. އެއީ، އަވައްޓެރި އިންޑިއާއިން ޓްރިވެންޑްރަމްއާއި ލަންކާއިން ކޮލޮމްބޯ އާއި މެލޭޝިއާއިން ކުއަލަލަމްޕޫރްއެވެ.

ރީރެޖިސްޓާވި މީހުންގެ އަދަދު މަދުކަމުން އިނގިރޭސިވިލާތާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަދި ތައިލޭންޑުގައި ވޯޓުލުން ނުބާއްވައެވެ. އީސީން މީގެ ކުރިން ވަނީ ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ އެ ފޮއްޓަކަށް ވޯޓުލާން 150 އަށްވުރެ ގިނަ މީހުން ރީރެޖިސްޓާކުރުމުން ކަމަށް ނިންމައިފައެވެ.

މަޖިލީސް އިންތިޚާބުގައި ޖުމުލަ 93 ދާއިރާއަށް 386 ކެންޑިޑޭޓުން ވާދަކުރެއެވެ.

އެއްވެސް ޕާޓީއަކުން ހުރިހާ ދާއިރާއަކަށް ކެންޑިޑޭޓުން ނުނެރޭއިރު އެންމެ ގިނަ ކެންޑިޑޭޓުން ނެރުނީ އިދިކޮޅު އެމްޑީޕީންނެވެ. އެ ޕާޓީން 90 ދާއިރާއަކަށް ވާދަކުރާއިރު ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޓިކެޓުގައި ކެންޑިޑޭޓުން ނުކުންނަނީ 89 ދާއިރާއަކަށެވެ.

comment ކޮމެންޓް