އިންސާނިއްޔަތަށްޓަކައި ވެސް ރަފަހްއަށް އަރައިނުގަންނަން ޑަބްލިޔުއެޗްއޯއިން ގޮވާލައިފި

ޣައްޒާގެ ރަފަހް ސިޓީގައި ޓެންޓު ޖަހައިގެން ދިރިއުޅޭ އާއިލާއެއް -- ފޮޓޯ/ބީބީސީ

އިންސާނިއްޔަތަށްޓަކައި ވެސް ޣައްޒާގެ ގިނަ އަދަދެއްގެ އާންމުން ހިމާޔަތް ހޯދައިގެން ތިބި ރަފަހްއަށް ނުވަނުމަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިޔުއެޗްއޯ)އިން އިސްރާއީލަށް ގޮވާލައިފިއެވެ.

"އެއްގަމު މަހުން ރަފަހްއަށް ވަނުމަށް އިސްރާއީލުން ރާވައިފައިވާ ކަމަށް ބުނާތީ އެކަމާ އަޅުގަނޑު ވަރަށް ކަންބޮޑުވޭ." ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރެޔެސަސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

އާންމުންގެ ގިނަ ބަޔަކު ތޮއްޖެހިފައިވާ އެ ސަރަހައްދަށް އިތުރަށް ހަމަލާ ދީފިނަމަ، އެތައް ބަޔަކު މަރުވެ ބޮޑެތި ގެއްލުންތައް ލިބިދާނެ ކަމަށާއި އިންސާނިއްޔަތަށްޓަކައި ވެސް އެ ސަރަހައްދަށް ނުވަނުމަށް އިސްރާއީލަށް ގޮވައިލާ ކަމަށް ޓެޑްރޯސްގެ ޓުވީޓުގައިވެއެވެ.

އަދި، ހަމަލާތައް ދޭން ފެށުމުގެ ކުރިން އެ ސަރަހައްދުން މީހުން ހުސް ކުރުމަކީ ހައްލެއް ނޫން ކަމަށާއި ރަފަހްގައި ތިބި 1.2 މިލިއަން މީހުންނަކީ ދާނެ ރައްކާތެރި އެއްވެސް ތަނެއް ނެތް މީހުން ކަމަށް ވެސް ޓެޑްރޮސް ވިދާޅުވިއެވެ.

ގިނަ މީހުންނަކީ ބަނޑުހައިހޫނުކަން ތަހައްމަލުކުރަމުންދާ ބަލި މީހުން ކަމަށާއި އެ އިންސާނީ ކާރިސާ އެ ސަރަހައްދުގައި އޮތްއިރު، އެ ހާލަތު އިތުރަށް ގޯސްވާން ދޫކޮށްލައިގެން ނުވާނެ ކަމަށް ވެސް ޓެޑްރޮސްގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ރަފަހްއަށް އަރައިގަތުމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ރާވައިފާ ރޭވުން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ފާސްކުރައްވައިފައިވާކަން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. ނަމަވެސް އެކަމުގެ އިތުރު ތަފުސީލެއް ބަޔާންކޮށްފައެއްނުވެއެވެ.

ރަފަހްއަށް އަރައި ހަމަލާނުދިނުމަށް އެމެރިކާއާއި އދ.އިން ވެސް ވަނީ ތަކުރާރުކޮށް އިސްރާއީލަށް ގޮވާލައިފައެވެ.

އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާއެއްގެ ބަދަލުގައި އިސްރާއީލުން އަންނަނީ ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ. އަދި، ހަމާސް ބަލިނުކުރެވެނީސް ހަމަލާތައް ނުހުއްޓާނެ ކަމަށް އިސްރާއީލުން ބުނެއެވެ.

ހަނގުރާމައިގައި މިހާތަނަށް ޣައްޒާގެ 31،553 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

comment ކޮމެންޓް