ވުލްވްސް ހައިރާން ކޮށްލުމަށްފަހު އިނގިރޭސި އެފްއޭ ކަޕްގެ ސެމީފައިނަލުން ކޮވެންޓްރީ ޖާގަހޯދައިފި

ކޮވެންޓްރީގެ ތިންވަނަ ލަނޑާއެކު އެޓީމުގެ ކުޅުންތެރިން އުފާފާޅު ކުރަނީ / ފޮޓޯ: ޔޫރޯ ސްޕޯޓް

އިންގްލިޝް ޕްރިމިއާ ލީގަށް ނިސްބަތްވާ ވުލްވަހެމްޕްޓަން ވޮންޑަރާސް ހައިރާން ކޮށްލުމަށްފަހު ޗެމްޕިއަންޝިޕަށް ނިސްބަތްވާ ކޮވެންޓްރީ ސިޓީއިން އިނގިރޭސި އެފް އޭ ކަޕްގެ ސެމީފައިނަލްއިން ޖާގަހޯދައިފިއެވެ.

ވުލްވްސްގެ ދަނޑުގައި ކުޅުނު މިމެޗު ކޮވެންޓްރީއިން ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު ދެ ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ވުލްވްސްއިން ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ކޮވެންޓްރީއެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހޭގޮތެއްނުވިއެވެ. އަދި މިމެޗުގެ ފޯރި ގަދަވެގެންދިޔައީ ދެވަނަ ހާފުގައި ލަނޑުތައް ފެންނަން ފެށުމާއެކުއެވެ. މިގޮތުން މެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑު ނަގާފައިވަނީ ކޮވެންޓްރީއިންނެވެ. މިލަނޑު މެޗުގެ 53 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ އެލީސް ސިމްސްއެވެ.

މިމެޗުގައި ވުލްވްސްއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރި ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި ޖަހައިދިނީ ރަޔާން އައިޓް ނޫރީއެވެ. އަދި މެޗުގެ 88 ވަނަ މިނެޓުގައި ހޫގޯ ބުއެނޯ ޖަހައިދިން ލަނޑާއެކު މިމެޗު ވުލްވްސްއިން ކާމިޔާބު ކުރާނެކަމަށް ގިނަ ބަޔަކަށް ގަބޫލް ކުރެވުނެވެ. ނަމަވެސް މިހުރިހާ ކަމެއް ބަދަލުވީ މެޗުގެ އިތުރު ވަގުތުގެ ހަތް ވަނަ މިނެޓުގައި ކޮވެންޓްރީގެ ފުރަތަމަ ލަނޑު ޖަހައިދިން ސިމްސް އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިން ހިސާބުންނެވެ. އަދި މިލަނޑު ޖެހިތާ ތިން މިނެޓް ފަހުން ހާޖީ ރައިޓު ޖަހައިދިން ލަނޑާއެކު ވުލްވްސްގެ ކުޅުންތެރިންނަށް ސިހުން ލިބުނެވެ.

މިކާމިޔާބީއާއެކު މިމުބާރާތުގެ ސެމީފައިނަލްގެ ޖާގައެއް މިވަނީ ކޮވެންޓްރީއިން ކަށަވަރު ކޮށްފައެވެ. އަދި މިއީ ކޮވެންޓްރީގެ ތާރީޚުގައި މިމުބާރާތުގެ ސެމީފައިނަލުން ޖާގަހޯދި ދެވަނަ ފަހަރެވެ. މީގެކުރިން މިމުބާރާތުގެ ސެމީފައިނަލުން ކޮވެންޓްރީއަށް ޖާގަހޯދިފައިވަނީ 1987 ވަނަ އަހަރުއެވެ. އެފަހަރު ޓޮޓްނަމް ހޮޓްސްޕާ ބަލިކޮށް ތަށި އުފުލާލާފައިވަނީވެސް ކޮވެންޓްރީ ސިޓީއެވެ.

comment ކޮމެންޓް