'ކްރޫ'ގެ ޓްރެއިލާ ބަލައިފިންތަ؟

މި މަހު 29ގައި ސިނަމާތަކަށް ގެންނަން ތައްޔާރަށް އޮތް ފިލްމު "ކްރޫ"ގެ ޓްރެއިލާ ދައްކާލައިފިއެވެ.

ތިން ކެބީން ކުރޫއިންގެ ދިރިއުޅުން ދައްކުވައިދޭ މި ފިލްމަކީ ބަތަލާ ކަރީނާ ކަޕޫރު ޚާން، ތައްބޫ އަދި ކްރިތީ ސެނޮން ލީޑް ރޯލުން ފެންނަ ފިލްމެކެވެ.

ބޮލީވުޑްގެ އެންމެ ތަޖުރިބާހުރި ތިން ބަތަލާއިން ފުރަތަމަ ފަހަރަށް އެކީގައި ސިނަމާއިން ފެންނާނެ މި ފިލްމު ބިނާކޮށްފައިވަނީ އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ ތިން އަންހެނުންގެ ދިރިއުޅުމުގެ މައްޗަށެވެ. މަސައްކަތުގެ މާހައުލުގައި ދިމާވާ ހެއްވާ މަޖާ ހާދިސާތަކާ އެކު ކެބިން ކްރޫއަކަށްވުމުން ކުރިމަތިވާ ގޮންޖެހުންތައް ވެސް ފިލްމުގައި ދައްކުވައިދޭނެއެވެ.

މި ފިލްމަކީ މާ ސީރިއަސް ވާހަކަތަކެއް ކިޔައިދޭނެ ފިލްމެއް ނޫން ކަމަށާއި ނަމަވެސް ފިލްމަކީ ބެލުންތެރިން ހެއްވާލާނެ ގިނަ ހާދިސާތަކެއް ހިމެނޭ ފިލްމެއް ކަމަށް "ކްރޫ" ގެނެސްދޭ ބާލާޖީމޯޝަން ޕިކްޗާސްއިން ވަނީ ބުނެފައެވެ.

ފިލްމު "ކްރޫ"ގެ ޕްރޮޑިއުސަރުން، ރެއާ ކަޕޫރު އަދި އޭކްތާ ކަޕޫރު-- ފޮޓޯ/ޓެލެގްރާފްއިންޑިއާ
ފިލްމުގެ ޕްރޮމޯޝަން މަސައްކަތް މިހާރު ފެށިފައިވާއިރު ފިލްމާ ގުޅޭގޮތުން ކަރީނާ ބުނެފައިވަނީ މިއީ ތިން ކެބިން ކްރޫއިންގެ ޕޮޝް ދިރިއުޅުން ދައްކުވައިދޭނެ ފިލްމެއް ކަމަށާއި ފިލްމުގައި ކަރީނާ ފެންނަ ސްޓައިލާ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ސްޓައިލާ ވަރަށް ގުޅޭ ކަމަށެވެ.

މި ތިން ބަތަލާއިންގެ އިތުރުން "ކްރޫ"ގެ ވަރަށް މުހިއްމު ރޯލަކުން އެކްޓަރު ދިލްޖީތު ދޯސާންޖު އަދި މަޝްހޫރު ކޮމޭޑިއަން ކަޕިލް ޝަރުމާ ފެންނާނެއެވެ. މި ފިލްމަކީ އެކްތާ ކަޕޫރު އަދި އަނިލް ކަޕޫރުގެ ދަރިފުޅު ރެއާ ކަޕޫރު ޕްރޮޑިއުސްކޮށް ރާޖޭޝް ކްރިޝްނަން ޑައިރެކްޓްކުރާ ފިލްމެކެވެ.

ކަރީނާ ވަނީ މީގެ ކުރިން ވެސް ރެއާ ކަޕޫރާ އެކު މަސައްކަތް ކޮށްފައެވެ. ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބި ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެ ފިލްމަކީ ވެސް އަންހެން ތަރިން ލީޑް ރޯލުން ފެނުނު ފިލްމު "ވީރޭ ދި ވެޑިންގް"އެވެ.

comment ކޮމެންޓް