ބަޔޭން މިޔުނިކްއިން ޑާމްސްޓާޑް ނައިންޓީ އެއިޓް ބަލިކޮށްފި

ބަޔޭންގެ ފުރަތަމަ ދެ ލަނޑު ޖަހައިދިން މުސިއެލާ އާއި ކޭން / ފޮޓޯ: ބެވޭރިއަން ފުޓްބޯލް ވޯކްސް

ޖަރުމަނު ބުންޑަސްލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔޭން މިޔުނިކް އާއި ޑާމްސްޓާޑް ނައިންޓީ އެއިޓް ބައްދަލުކުރި މެޗު ބަޔޭންއިން ކާމިޔާބުކޮށް ބަޔާ ލެވަކޫސެންއާ ދެމެދުގައިވާ ފަރަގު ކުޑަކޮށްފިއެވެ.

ޑާމްސްޓާޑްގެ ދަނޑުގައި ކުޅުނު މިމެޗު ބަޔޭންއިން ކާމިޔާބު ކޮށްފައިވަނީ ފަސް ލަނޑު ދެ ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔޭންއިންނެވެ. ނަމަވެސް މިމެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑު ނަގައިފާވަނީ ޑާމްސްޓާޑްއިންނެވެ.

މެޗުގެ 28 ވަނަ މިނެޓުގައި ކާމިޔާބު ކުރި މިލަނޑު އެޓީމަށް ޖަހައިދިނީ ޓިމް ސްކާކާއެވެ. ނަމަވެސް މިލަނޑު ޖެހިތާ އަށް މިނެޓު ފަހުން ބަޔޭންއިން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ޖަމާލް މުސިއެލާއެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބަޔޭންއިން ވަނީ ހެރީ ކޭން ޖަހާދިން ލަނޑާއެކު މެޗުގެ ލީޑުވެސް ނަގައިފައެވެ. މިލަނޑާއެކު ކޭން މިވަނީ އޭނާގެ ކެރިއަރުގައި ލަނޑު ޖެހުމުގެ އަމިއްލަ ރިކޯޑެއް ގާއިމްކޮށްފައެވެ. މީގެކުރިން ދެ ސީޒަނެއްގައި 30 ލަނޑު އިންގްލިޝް ޕްރިމިއާ ލީގުގައި ކާމިޔާބު ކުރެވުނު ނަމަވެސް މިލަނޑާއެކު އޭނާ މިވަނީ 31 ލަނޑު މިސީޒަންގައި ކާމިޔާބުކޮށް އަމިއްލަ އާ ރިކޯޑެއް ގާއިމްކޮށްފައެވެ. މިސީޒަންގައި އަދިވެސް ގިނަ މެޗުތަކެއް ހުރުމާއެކު މިއަދަދު އިތުރުވާނެކަމަށްވަނީ ބެލެވިފައެވެ.

މިމެޗުގައި ބަޔޭންގެ ތިންވަނަ ލަނޑު މެޗުގެ 64 ވަނަ މިނެޓުގައި ޖަހައިިދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން މުސިއެލާއެވެ. އަދި ހަތަރުވަނަ ލަނޑު 74 ވަނަ މިނެޓުގައި ސާޖީ ގިނެބްރީ ކާމިޔާބު ކޮށްދިން އިރު އެޓީމްގެ ފަހު ލަނޑު އިތުރު ވަގުުތުގެ ތިން ވަނަ މިނެޓުގައި ޖަހައިިދިނީ މެތީސް ޓެލްއެވެ. މިމެޗުގައި ޑާމްސްޓާޑްއިން ކާމިޔާބުކުރި ދެވަނަ ލަނޑު އިތުރު ވަގުތުގެ ފަސް ވަނަ މިނެޓުގައި ޖަހައިދިނީ އޮސްކާ ވިލްހެލްމްސަންއެވެ.

މިކާމިޔާބީއާއެކު ބަޔޭން އިން މިވަނީ މިހާތަނަށް ކުޅުނު 26 މެޗުން ލިބިފައިވާ 60 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި އުޅޭ ލެވަކޫސެންއާ ދެމެދުގައިވާ ތަފާތު ހަތް ޕޮއިންޓަށް ކުޑަކޮށްފައެވެ. ނަމަވެސް ލެވަކޫސެން މި ހަފުތާގައި ކުޅޭ މެޗާއެކު މިފަހަރު އަނެއްކާވެސް 10 ޕޮއިންޓަށް އިތުރު ކުރުމުގެ ފުރުސަތު ލެވަކޫސެންއަށް ލިބޭނެއެވެ. މިމެޗުން ބަލިވުމާ އެކު ޑާމްސްޓާޑް އުޅެނީ 13 ޕޮއިންޓާއެކު ތާވަލްގެ އެންމެ ފުލުގައެވެ.

comment ކޮމެންޓް