ތާރީޚީ ރެޔެއް: އެމްއެންޑީއެފްގެ އެއާކޯގެ ޚިދުމަތް ތައާރަފްކޮށްފި

ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަހައްދު ނުވަތަ އީއީޒެޑް ދިވެހިން އަމިއްލައަށް ބެލެހެއްޓޭނެ ފެންވަރުގެ ގާބިލުކަމާއެކު މިރޭ ދިވެހި ސިފައިންގެ އެއާކޯގެ ޚިދުމަތް އިފްތިތާހުކޮށްފިއެވެ.

އެއާކޯ އިފްތިތާހުކުރީ އެމްއެންޑީއެފް އެއާކޯ އިފްތިތާހުކުރުމާއި، އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ޚިދުމަތް ތައާރަފްކުރުމަށް ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

މާފަރު އެއާޕޯޓުގައި އަސްކަރީ ޑްރޯންގެ އޮޕަރޭޝަންތަކަށް ޚާއްސަ ބޭސްއެއް ގާއިމުކުރަން ސިފައިން ވަނީ ނިންމައިފައެވެ. ރާއްޖޭގެ އިގްތިޞާދީ ސަރަހައްދު ބަލަހައްޓާނީ ސިފައިންގެ ބޭނުންތަކަށް އަސްކަރީ ޑްރޯން ގަންނަން ތުރުކީގެ ސަރުކާރާ އެކު ހެދި އެއްބަސްވުމުގެ ދަށުން ގެނައި "ބައިރަކްތާރު ޓީބީ2"ގެ ދެ ޑްރޯން ބޭނުން ކޮށްގެންނެވެ.

ދިގުމިނުގައި ހަ މީޓަރު، ފިޔަގަނޑުގައި 12 މީޓަރު ހުންނަ ގާތްގަނޑަކަށް 700 ކިލޯގެ މި އުޅަނދުގައި މުވާސަލާތީ ހިދުމަތްތަކުގެ ރޭންޖު 300 ކިލޯމީޓަރާ ހަމައަށް ހުރެއެވެ. އަދި، 150 ކިލޯގެ ޕޭލޯޑް ކެޕޭސިޓީއެއް ލިބިގެންވެއެވެ.

އެންމެ ޒަމާނީ އާލާތްތަކާ އެކު އުދުއްސޭ މި ޑްރޯން 70 އާއި 120 ނޮޓުގެ ސްޕީޑުގައި 27 ގަޑިއިރަށް ވުރެ ގިނައިރު ދުއްވޭނެއެވެ. އަދި، 25،000 ފޫޓަށްވުރެ މަތިން ދުއްވުމުގެ ގާބިލުކަން ވެސް މި ޑްރޯންގައި ހުރެއެވެ.

ސާޖިކަލް ޕްރިޒިޝަން ސްޓްރައިކްތައް ހެދުމުގެ ގާބިލުކަން ލިބިފައިވާ މި ޑްރޯން އޮޕަރޭޓްކުރާނީ އެމްއެންޑީއެފްގެ ހާއްސަ ޓީމަކުންނެވެ.

ރާއްޖޭގެ އީއީޒެޑް ދިވެހިން އަމިއްލައަށް ބެލެހެއްޓުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. މި ރަސްމިއްޔަތުގައި މަސްވެރިންނާއި ދަތުރުވެރިންގެ ރައްކާތެރިކަމަށްޓަކާ އެޕްލިކޭޝަނެއް ވެސް ތައާރަފް ކުރެވޭނެއެވެ.

comment ކޮމެންޓް