މިއަދު މާލޭ މިސްކިތްތަކުގައި ހުކުުރު ކުރީ ޒުވާން ޚަތީބުން

ޒުވާން ޚަތީބު ޒައިން ހުޅުމާލޭ މިސްކިތުގައި ޚުތުބާ ކިޔަނީ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީގެ ފަރާތުން ޒުވާން ޚަތީބުން ތަމުރީނު ކުރުމަށް ފަހު މިއަދު މާލެއާއި ހުޅުމާލޭގެ ބައެއް މިސްކިތްތަކުގައި އިމާމުވެ، ހުކުރު ނަމާދުކުރީ ޒުވާން ޚަތީބުންނެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިދިޔަ ހޯމަ ދުވަހު ވަނީ މި ހުކުރުގައި ޒުވާން ޚަތީބުން އިމާމުވެ، ހުކުރު ނަމާދު ކުރާނެކަން އިއުލާނު ކުރައްވައިފައެވެ.

ރާއްޖޭގައި އިމާމުން ލިބުން މަދުވުމާ ގުޅިގެން ގްރޭޑް 10، 11 އަދި 12 ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ހުކުރު ނަމާދުކޮށް ޚުތުބާ ކިޔުމަށް ޝައުގުވެެރިވާ ކުދިންނަށް މިނިސްޓްރީން ވަނީ ޕްރޮގްރާމެއް ހިންގާ ސެޓްފިކެޓު ވެސް ހަވާލުކޮށްފައެވެ.

އަލަށް އިމާމުވެ މިސްކިތްތަކުގައި މިއަދު ހުކުރު ނަމާދު ކުރީ ހަތަރު ޚަތީބުންނެވެ. އޭގެ ތެރެއިން ތިން ޚަތީބަކު މާލޭގެ ތިން މިސްކިތެއްގައި އިމާމުވެ ހުކުރު ނަމާދު ކޮށްފައިވާއިިރު، އެއް ޚަތީބަކު ހުކުރު ނަމާދުކޮށްފައިވަނީ ހުޅުމާލޭ މިސްކިތެއްގައެވެ.

އަލަށް އިމާމުވެ ހުކުރު ކުރި ޚަތީބުންނަކީ:

  • ސުލައިމް މުޙައްމަދު ލަޠީފް (ތައިބާ މިސްކިތުގައި)
  • ޢަބްދުލްމަތީން މުޙައްމަދު (ޢީދު މިސްކިތުގައި)
  • ނައުފަން ނިޔާފް (މާލޭ ހުކުރު މިސްކިތުގައި)
  • ޙުސައިން ޒައިން ޢަލީ ( ހުޅުމާލޭގެ މަސްޖިދުލް އަމާނީގައި)

މިއަދު މާލެއާއި ހުޅުމާލޭގެ ބައެއް މިސްކިތްތަކުގައި އިމާމުވެ ހުކުރު ކުރީ ޒުވާން ޚަތީބުން -- ފޮޓޯ/ މިނިސްޓްރީ

ޚަތީބުން ތަމްރީނުކުރުމުގެ ފުރަތަމަ ބުރުގައި ސަލްމާން މިސްކިތުގައި ތަމްރީނުތަކެއް ބާއްވާފައިވާކަން ފާހަގަކޮށް އިސްލާމިކް މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގެ ތެރެއިން ޚަތީބުންނަށް ޚުތުބާ ކިޔުމަށާއި އިމާމުވެ ނަމާދު ކުރުމަށާއި ދީނާ ގުޅުން ހުރި އެހެނިހެން ޚާއްޞަ ތަމްރީނުތަކެއް ދެވިފައިވާ ކަމަށެވެ.

އިމާމުވެ ހުކުރު ނަމާދު ކުރަން ވަކި ސަނަދެއް ބޭނުންވެއެވެ. ކުރިން އެ ހުއްދަ ދޫކުރަނީ އެސްއެސްސީ ނުވަތަ އެޗްއެސްސީ އިމްތިހާނުގެ ދިވެހި އަދި އިސްލާމުން ދަށްވެގެން ސީ ފާސް، ނުވަތަ އަރަބި މީޑިއަމުން ސާނަވީ ދެވަނަ އަހަރުން ފާސްވެފައިވާނަމައެވެ. އަދި، ޤުރުއާނާއި ފިޤުހު ހިމެނޭހެން ގައުމީ ސަނަދުގެ ލެވެލް ތިނަކުން މަތީގެ ސެޓްފިކެޓެއް އޮންނަން ޖެހެއެވެ.

ނަމަވެސް މިހާރު ގެނެސްފައިވާ ބަދަލާ އެކު ސްކޫލު ނިންމާ ދަރިވަރުންނަށް ވެސް މިހާރު ޚުތުބާ ކިޔުމުގެ ސަނަދު ހޯދޭނެއެވެ.

comment ކޮމެންޓް