އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުން ކުރާ ސީޕްލޭންގެ ޚިދުމަތް މިއަދު ފަށަން ނިންމައިފިއެވެ.
މިކަން މޯލްޑިވިއަނުން ވަނީ "ސަން"އަށް ކަށަވަރު ކޮށްދެއްވާފައެވެ. މޯލްޑިވިއަނުން ބުނީ، ސީޕްލޭންގެ ޚިދުމަތް އިފްތިތާހުކުރުމަށް މިއަދު 2:30 ހާއިރު ކުޑަ ރަސްމިއްޔާތެއް ބާއްވާނެ ކަމަށެވެ.
ސަރުކާރުން އެއާ އެމްބިއުލާންސްގެ ގޮތުގައި ދެ ބޯޓެއް ހާއްސަ ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން އިއުލާނު ކުރެއްވިއެވެ. އެއީ, DHC-8-200ގެ ބޯޓަކާއި ސީ ޕްލޭނެވެ.
މި ސީޕްލޭންގެ ފޮޓޯއެއް އެ މަނިކުފާނު މިއަދު ޓްވީޓު ކުރައްވާފައިވާއިރު، ބަލާބެލުމަށް މި މަހުގެ އެއްވަނަ ދުވަހު އިފްތިތާހުކުރި އެއާ އެމްބިއުލާންސާއި މި ސީޕްލޭންގެ ބޭރު ޑިޒައިން އެއްގޮތެވެ.
މި ސީޕްލޭންގެ އެތެރޭގެ ފޮޓޯއެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
މީގެ ކުރިން ހެލްތު މިނިސްޓްރީން ބުނީ، އެއާ އެމްބިއުލާންސްގައި ބަލިމީހުން އުފުލުމުގައި އަވަސް ސިއްހީ ފަރުވާ ދެވޭގޮތަށް، ތަމްރީނު ވެފިވާ 15 ސިއްޙީ ޚިދުމަތްތެރިންނާއި ވަސީލަތްތައް ހުންނާނެ ކަމަށެވެ.
އެއާ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި، ސަރުކާރުގެ ހަފުތާ 14 މަގުޗާޓުގައި ހިމަނުއްވާފައިވާ މުހިއްމު މަސައްކަތެކެވެ.
ސަރުކާރުގެ އަމާޒަކީ އެއާ އެމްބިއުލާންސްގައި ބަލި މީހުން ރާއްޖެއިން ބޭރަށް ވެސް ގެންދިއުމެވެ. އެގޮތުން، އެ ކަމުގެ މަޝްވަރާތައް އަވަށްޓެރި ސްރީލަންކާއާ އެކު ކޮށްފައިވާއިރު، އެ ގައުމުގެ ސަރުކާރުން ވަނީ އިމަޖެންސީ ހާލަތްތަކުގައި ދެ ގަޑިއިރު ތެރޭގައި ފްލައިޓު ދަތުރުކުރަން ހުއްދަ ދޭން ނިންމައިފައެވެ.
ސަރުކާރުގެ ވައުދާ އެއްގޮތަށް އެއާ އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދޭން ފަށާފައިވާއިރު، މީގެ ކުރިން ބަލި މީހުން އުފުލަމުން އައި އިންޑިއާއިން ހަދިޔާކޮށްފައިވާ މިލިޓަރީ ހެލްކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ބޭނުންކޮށްގެންނެވެ.
އެ އުޅަނދުތައް އޮޕަރޭޓުކުރަން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވައިލުމަކީ ވެސް މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. ވައުދާ އެއްގޮތަށް އިންޑިއާ ސިފައިން ފޮނުވައިލަން ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް ރައީސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
އެއާ އެމްބިއުލާންސްގެ ޚިދުމަތް ދެނީ މިނިސްޓްރީއާއި އެންސްޕާ އަދި އައިލެންޑް އޭވިއޭޝަން ގުޅިގެންނެވެ.