މަގުތަކަށް ކުނި އަޅާ މީހުން ލައްވާ މަގުތައް ސާފުކުރަނީ

މާވެޔޮ މަގުގައި ބަހައްޓާފައި ހުރި ކުނިތަކެއް --- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

މާލޭ މަގުތަކަށް ކުނި އަޅާ މީހުން ދެނެގަނެވޭ ނަމަ, އެ މީހެއް ލައްވާ ކުނި ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ރޯދައަށް ގޭގެ ސާފުކުރުމަށް ފަހު އެއްލައިލައި ކުނި މަގުމަތީގައި ބަހައްޓާ މައްސަލަ މި ފަހުން ވަނީ ބޮޑުވެފައެވެ.

ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭ ސިޓީގެ މަގުތަކަށް ކުނިއަޅާ މީހުންނަށް ނަސޭހަތްދީ ޖޫރިމަނާ ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ އެކު ކުރަމުން އަންނަ ކަމަށެވެ.

https://sun.mv/189818

ފުލުހުން ބުނީ މަގަށް ކުނި އަޅާ މީހުން ނުވަތަ ބަޔަކު ދެނެގަނެވޭނަމަ އެ ބަޔަކު ލައްވާ މަގު ސާފުކޮށް، ކުނިތައް ނަގުވާ ކަމަށެވެ.

މީގެ އިތުރުން، މާލެ މަގުތަކަކީ ސާފުތާހިރު ތަނަކަށް ހެދުމަށް، މާލެ ސިޓީގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ފުލުހުން ބުނެއެވެ.

މިގޮތުން ކުރެވޭ މަސައްކަތުގައި ފަރުދީ ޒިންމާ އަދާކޮށް ބަލިތައް ފެތުރުމުން ރައްކާތެރިވުމަށް މަގުތަކަށް ކުނި ނޭޅުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މާލޭގެ މަގުތަކަށް ކުނި އަޅައި މީހުން ދެނެގަނެ، އެ މީހުން 500 ރުފިޔާއިން ޖޫރިމަނާކުރަން ވެސް މިއަދު ވަނީ ފަށައިފައެވެ. މިގޮތަށް ގަވާއިދާ ޙިލާފަށް މަގުމަތީގައި ކުނި ބެހެއްޓި މީހަކު މާފަންނު ވިލީ ފުލުހާއި ކައުނަސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓާ ގުޅިގެން ހޯދައި ފުލުހަށް ހާޒިރުކޮށް ޖޫރިމަނާ ކުރިކަމަށް ސިޓީ ކައުންސިލުން މިއަދު ބުންޏެވެ.

ރޯދައަށް ގެތައް ސާފުކުރުމަށް ފަހު، ބާ ފަރުނީޗަރުތަކާއި ކުނިތަކުން މަގުމަތި ފުރާލައި މުޅި މަގު އޮތީ ގޮނޑުކޮށްލައިފައެވެ. އެހެންވެ، ސިޓީ ކައުންސިލުން އަންނަނީ މާލެ މަގުތައް ސާފު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވި ގޮތުގައި މިދިޔަ 18 ދުވަސް ތެރޭ އެކަނި ވެސް އެ ކައުންސިލުން ވަނީ މާލޭ މަގުމަތިން 305.65 ޓަނުގެ ކުނި ނަގައި އުކާލައިފައެވެ. އިއްޔެ އެކަނި ވެސް 42 ޓަނަށްވުރެ ގިނަ ކުނި ނަގައި އުކައިލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ވަނީ މަގުމައްޗަށް ކުނި ނޭޅުމަށާއި، ދިރިއުޅޭ ގެދޮރާއި ތިމާވެށި ސާފުކޮށް ބޭއްވުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

މީގެ ކުރީ އަހަރުތަކުގައި ވެސް ރޯދަ މަސްތަކުގައި ގެތައް ސާފުކުރުމަށް ފަހު އެއްލައިލައި ކުނިން މަގުތައް ފުރާލައި މައްސަލަ ބޮޑުވެފައިވެއެވެ.

comment ކޮމެންޓް