އެކިރަހަ: އާމިނަ ޕްރިމިއަމް ލޯންޖްގެ ކަޓްސޫ

އާމިނަ ޕްރިމިއަމް ލޯންޖުގެ ކަޓްސޫ ----

އެސްއެސްޓީވީން ރޯދަމަހަށް ޚާއްސަކޮށް ގެނެސްދޭ އެކިރަހަ ޕްރޮގްރާމްގައި މިއަދު ގެނެސްދޭނީ އާމިނަ ޕްރިމިއަމް ލޯންޖު ރެސްޓޯރަންޓުގެ ކަޓްސޫ ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

  • ގޮދަން ފުށް
  • ޗިކަން ބްރެސްޓު
  • ލޮނު
  • އަސޭމިރުސް
  • ތެޅިމިރުސް
  • 2 ބިސް
  • ފާރޮށި ކުނޑި
  • ތެޔޮ

ތައްޔާރު ކުރާނެ ގޮތް:

ކަޓްސޫ ޗިކަން ތައްޔާރުކުރުމަށްޓަކައި ޗިކަން ބްރެސްޓު ޓެންޑަރައިސްކޮށްލުމަށް ފަހު މެރިނޭޓް ކޮށްލާނީއެވެ. މެރިނޭޓްކުރުމަށް އެ ބޭފުޅަކު ބޭނުން ސީޒަނިންއެއް ބޭނުން ކުރެވޭނެއެވެ.

މެރިނޭޓްކުރުމަށް ފްރިޖްގައި މުޅި ރޭގަނޑު ބަހައްޓަންވާނެއެވެ. ނަމަވެސް އޯވާނައިޓްކޮށް މެރިނޭޓް ނުކުރެވޭނަމަ ދެ ތިން ގަޑިއިރު މެރިނޭޓް ކޮށްލުން ރަނގަޅު ވާނެއެވެ.

ދެން ގޮދަންފުށްކޮޅު ތައްޓަކަށް އަޅައިލާނީއެވެ. އެއަށްފަހު ރަހަލާ ވަރަށް ލޮނު ކޮޅަކާއި އަސޭމިރުސް ކޮޅެއްގެ އިތުރުން ތެޅި މިރުސް ކޮޅެއް އަޅައިލާނީއެވެ. އެއަށް ފަހު އެއްކޮށްލާނީއެވެ.

މީގެ އިތުރަށް، ހާބްސް ބޭނުންކުރަން ބޭނުންވާ ފަރާތްތަކަށް ހާބްސްވެސް ބޭނުން ކުރެވޭނެއެވެ. ހާބްސް ބޭނުންކުރުމުގައި ވީހާ ވެސް ހިކި ހާބްސް ބޭނުން ކުރަންވާނެއެވެ. އެހެންނޫން ނަމަ، ކަޓްސޫ ތެލުލާއިރު އެނދުމުގެ ފުރުސަތު ބޮޑެވެ.

ކަޓްސޫ ތައްޔާރުކުރުމަށް ޗިކަން ބެރެސްޓު އެއްކޮށް ގޮދަންފުށުން ކޯޓްކޮށްލަން ވާނެއެވެ.

އެއަށްފަހު ތައްޓަކަށް ދެ ބިސް ތަޅާލާނިއެވެ. ދެން ޗިކަން ބްރެސްޓުގެ ދެ ފަރާތުގައި ބިސް ހާކާލުމަށް ފަހު ފާރޮށި ކުނޑި ލާނިއެވެ.

ދެން އުނދުނަށް ތެޔޮ އުދާނީއެވެ. ތެޔޮގަނޑު މާ ބޮޑަށް ހޫނު ނުވާ ވަރަށް އުނދުނުގެ ހުޅު ބަހައްޓަން ވާނެއެވެ.

ތެޔޮގަނޑު ހޫނު ވުމުން ޗިކަން ބްރެސްޓު ތެޔޮ ގަނޑަށް ލާނީއެވެ. ތެޔޮ ގަނޑަށް ލާއިރު ގަޔާ ދުރަށް މަޑު މަޑުން ލުމަށް ސަމާލުވާން ވާނެއެވެ. އެއަށް ފަހު 10 ވަރަކަށް މިނެޓް ވަންދެން ޗިކަން ތެލުލާނީއެވެ. ތެލުލާއިރު މާ ބޮޑަށް ޗިކަން ނުހަލުވާ ކުޑަކޮށް ފުރޮޅާނީއެވެ.

ތެލުލައި ނިމުމުން ހުންނާނީ ކަޓްސޫގެ ފްރައިޑް ޗިކަން ތައްޔާރުވެފައެވެ.

އައިމިނަ ލޯންޖްއިން ތައްޔާރުކުރާ ކަޓްސޫއަކީ ތަރުކާރީއާއި ބަތާއި ސޯސްއާ އެކު ސާވް ކުރާ ކެއެމުކެވެ. މިގޮތަށް ކުކުޅު ތައްޔާރުކުރުމަށް ފަހު، އެ މީހަކު ކާން ބޭނުންވާ ގޮތަކަށް ގޭގައި ކާލެވޭނެއެވެ.

މި ޑިޝްއަކީ ރޯދަމަހުގެ ތަރާވިސް ގަޑިއަށް ވަރަށް ކަމުދާނެ ޑިޝްއަކަށް ވާނެއެވެ. ހުރިހާ ފަރާތްތަކުން ވެސް މި ޑިޝް ގޭގައި ތައްޔާރުކޮށް ރަހަ ބަލައިލާނެ ކަމަށް އުންމީދުކުރަމެވެ.

comment ކޮމެންޓް