ކުރިމަތިލައިގެން އުޅެނީ ސަރުކާރު ކެންޑިޑޭޓެއްތޯ ނޫންތޯ ވަކިކުރާނެ ގޮތެއް ނެތް: އެމްޑީޕީ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ އިބްރާހިމް ޝަމްވީލް

ކުރިމަތިލައިގެން އުޅެނީ ސަރުކާރު ކެންޑިޑޭޓެއްތޯ ނޫންތޯ ވަކިކުރާނެ ގޮތެއް ނޭންގޭކަމަށް ބުނެ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި 'އަސްލު' ސަރުކާރުގެ ކެންޑިޑޭޓުންނަކީ ކޮބައިތޯ އެމްޑީޕީއިން މިރޭ ސުވާލު އުފައްދައިފިއެވެ.

މިރޭ އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ މަޖިލިސް އިންތިޚާބު ކެމްޕޭނުގެ ތަރުޖަމާނު ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ ވިދާޅުވީ މިކަހަލަ ކަންކަން ކުރިމަތި ވަނީ އެއްވެސް އުސޫލެއް ހަމައެއް ނެތި ހިންގާ ސިޔާސީ ޕާޓީތަކުގައި ކަމަށެވެ.

އެމްޑީޕީގައި އެކަހަލަ ކަންކަން ކުރިމަތި ނުވަނީ އެއީ އެމްޑީޕީގެ ފަރާތުން ނިކުންނަ ކެންޑީޑޭޓުންނަކީ ސީދާ ޕާޓީގެ ތިލަފަތުގައި ނިކުންނަ ކެކްޑިޑޭޓުން ކަމަށް ވާތީކަމަށް ވެސް އެ ބައްދަލުވުމުގައި އޭނާ ވިދާޅުވިއެވެ.

އީސާ ވިދާޅުވީ ވިދާޅުވީ ބައެއް މީހުން އެ މީހުންނަކީ ސަރުކާރު ކެންޑިޑޭޓުކަމަށް ބުނެ ނިކުމެގެން އުޅޭ ކަމަށެވެ. އެ ފަދަ ބައިވަރު ކެންޑިޑޭޓުން ތިބި ކަމަށް ފާހަގަވާކަމަށް ވެސް ވިދާޅުވިއެވެ.

ޕީއެންސީގެ ފަރާތުން ވާދަކުރުމުގެ ނަމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ފޮޓޯފުޅު ޖަހައިގެން ކެމްޕޭންކުރި ނަމަވެސް ރައީސަށް ވެސް އެ މީހަކީ ސަރުކާރު ކެންޑިޑޭޓެއްކަން ނޭނގޭކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ.

ޕީއެންސީގެ ތެރެއިން ޕާޓީގެ ޕްރައިމަރީން ނާކާމިޔާބުވި ގިނަ ބަޔަކު އަމިއްލަ ގޮތުން އަންނަނީ އިންތިޚާބުގައި ވާދަކުރަމުންނެވެ.

އެ ކެންޑިޑޭޓުން ވެސް ކެމްޕޭންކުރަމުން އަންނަނީ "އަސްލު ހަގީގީ" ކެންޑިޑޭޓުންނަކީ އެއީ ކަމަށް ބުނެއެވެ. އެ ފަދަ ބައެއް މީހުންގެ ކެމްޕޭނުގައި ސަރުކާރުގެ ބައެއް މިނިސްޓަރުން ވެސް ބައިވެރިވަމުން އައި މަންޒަރު ވަނީ އާންމުވެފައެވެ.

comment ކޮމެންޓް