އެކިރަހަ: ޓީޖީއާރްގެ ބީފް ބާގާ

ޓީޖީއާރްގެ ބީފް ބާގާ --

ރޯދަމަހަށް ޚާއްސަކޮށް އެސްއެސްޓީވީން ގެނެސްދޭ އެކިރަހަ ޕްރޮގްރާމްގައި މިއަދު ގެނެސްދެނީ ޓީޖީއާރް ރެސްޓޯރަންޓުގެ ބީފް ބާގާ ތައްޔާރުކުރާނެ ގޮތެވެ. މިއީ ބާގާ ކާ ހިތްވާ މީހުންނަށް ގޭގައި ތިބެގެން ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭނެ ބާގާއެެކެވެ.

ބޭނުންވާ ތަކެތި:

  • ބީފް ޕެޓީ
  • ޓޮމާޓޯ ޖޭމް
  • ޕެޕާ ސޯސް
  • ކުޑަކޮށް ރަތްކޮށްލާފައި ހުރި ފިޔާކޮޅެއް
  • 3 ބީފް ބޭކަން (ފިހެލާފަ)
  • ލެޓިއުސް
  • ބަނަސް
  • ސްލައިސް ޗީޒް
  • މަޔޮނައިސް
  • ޓޮމާޓޯ ސޯސް

ތައްޔާރުކުރާނެ ގޮތް:

ބީފް ބާގާ ތައްޔާރުކުރުމަށް އެންމެ ފުރަތަމަ ބީފް ޕެޓީ ތައްޔާރުކޮށްލާނީއެވެ. އެއަށްފަހު ބާގާއަށް ބޭނުންވާ ބަނަސް ފަޅިކޮށް، ބަޓަރުކޮޅެއްގައި ފިހެލާނީއެވެ.

އޭގެފަހުން ބާގާ އެސެމްބަލް ކުރަން ފަށާނީއެވެ. އެންމެ ފުރަތަމަ ބަނަސް މަތީގައި މަޔޮނައިސް ސޯސްކޮޅެއް ހާކާލާނީއެވެ. އެއަށްފަހު ލެޓިއުސް ފަތްކޮޅެއް ބޭއްވުމަށް ފަހު އޭގެ މައްޗަށް ޓޮމާޓޯ ޖޭމް ކޮޅެއް އަޅާލާނީއެވެ.

ދެން ބީފް ބޭކަން އަތުރާލުމަށްފަހު ބީފް ޕެޓީ ބާއްވާނީއެވެ. އެއަށްފަހު ޕެޕާ ސޯސްކޮޅެއް އަޅާލުމަށްފަހު ޕެޓީ މަތީ ހާކާލާނީއެވެ.

ދެން ޗީޒް ސްލައިސެއް ބޭއްވުމަށްފަހު އޭގެމަތީ ފިޔާކޮޅު އަތުރާލާނީއެވެ. އޭގެފަހުން ފިޔާކޮޅު މަތީ ޓޮމާޓޯ ސޯސް ކޮޅެއް ހާކާލާނީއެވެ.

އެންމެ ފަހު ކަމަކަށް، މަތީގައި އޮންނަ ބަނަސް ފަޅީގައި މަޔޮނައިސް ސޯސްކޮޅެއް ހާކާލުމަށްފަހު ބާއްވާނީއެވެ. މިހާރު ހުންނާނީ ބީފް ބާގާ ތައްޔާރުވެފައެވެ.

ބީފް ބާގާއަކީ ރޯދަ ވީއްލާ ގަޑީގައި ކާލުމަށް ވަރަށް ކަމުދާނެ އެއްޗަކަށް ވާނެއެވެ. އެހެންކަމުން، މި ރެސިޕީ ބަލައިގެން ބާގާ ތައްޔާރުކޮށް މީގެ އަޖުމަ ބަލައިލާނެ ކަމަށް އުންމީދު ކުރަމެވެ.

comment ކޮމެންޓް