ކެމްޕެއިނާއި ރޯދަ: މި ޝައިޚްގެ ނަސޭހަތް އަޑުއަހާލަބަލަ!

ޝައިޚް ހާތިމް ޔޫސުފް ދީނީ މައުލޫމާތު ދެއްވަނީ--ފޮޓޯ/ފޭސްބުކް

ރަމަޟާން މަހަކީ އަޅުކަމާއި، ތައުބާވުމުގެ އިތުރުން، އިންސާނާގެ ހިތް މާތްﷲގެ މަގަށް ސީދާކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.

މި ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ނަސޭހަތްތެރިވެވަޑައިގެން ޒުވާން ޝައިޚް ހާތިމް ޔޫސުފް ވަނީ ސޯޝަލް މީޑިއާގައި ވަރަށް ވަރުގަދަ އިލްތިމާސެއް އާއްމުންނަށް ކުރައްވާފައެވެ.

ކުރިއަށް އޮތް މަދު ހަފުތާތަކެއްގެ ތެރޭގައި، ލޯކަލް ކައުންސިލް އިންތިޚާބުގެ ފޯރިގަދަވެ، ކެމްޕޭނުގެ އަޑުތައް ގަދަވާނެ ކަމަށާއި ތަފާތު ވަޢުދުތައް ވަރަށް ގިނަ ބަޔަކު ވަމުން އަންނާނެ ކަމަށް ޝައިޚްގެ މި ޕޯސްޓުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

އެގޮތުން އެކި މީހުން ވަކި ފަރާތްތަކަށް ޖެހި، ޖަޒުބާތުތައް އުތުރި އަރާނެ ކަމަށާއި ނަމަވެސް، ރަމަޟާން މަސް ނިމިގެންދާއިރު، އަޅުގަނޑުމެން ކަށްވަޅަށް ގެންދާނީ ކޮން އެއްޗެއްތޯ އާއި އެއީ ކެމްޕޭނަށްޓަކައި ކުރި ޕޯސްޓުތައް ތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލުމަށް ޝައިޚް ވަނީ އެދިވަޑައިގެންފައެވެ.

"ނުވަތަ ކުރި ނަމާދުތައް ހެއްޔެވެ؟ ކުރި ބަހުސްތައް ހެއްޔެވެ؟ ނުވަތަ ކިޔެވި ގުރުއާން ހެއްޔެވެ؟ ޕާޓީއަށް އޮތް ވަފާތެރިކަން ހެއްޔެވެ؟ ނުވަތަ މާތްﷲގެ ކުރިމަތީގައި އޮތް އިޚްލާޞްތެރިކަން ހެއްޔެވެ؟" ޝައިޚް ހާތިމް ސުވާލު އުފެއްދެވިއެވެ.

ޝައިޚް ހާތިމް ޔޫސުފްގެ ދީނީ މައުލޫމާތު ސެޝަންގައި ދަރިވަރުންތަކެއް ބައިވެރިވެފައި--ފޮޓޯ/ފޭސްބުކް

ދާއިމީ ސަވާބާއި ދަރުމަ، ވަގުތީ ސިޔާސީ ކަންކަމަށްޓަކައި ދޫކޮށްނުލާ އަޅުކަމަށް އިސްކަންދީ ދުލަށް ރައްކާތެރިވުމަށް ޝައިޚް ހާތިމް ވަނީ އާއްމުންގެ ކިބައިން އެދިވަޑައިގެންފައެވެ. ހަމައެއާއެކު ގިނަގިނައިން ގުރުއާން ކިޔަވައި، މާތްﷲއާ އޮތް ގުޅުން ބަދަހިކުރުމަށް ޝައިޚް ވަނީ އިލްތިމާސް ކުރައްވާ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ހުރިހާ ކަމަކަށްވުރެ ކުރިން އާޚިރަތް ބާއްޖަވެރިކުރުމަށް މަސައްކަތްކޮށް އެ ނޫން ހުރިހާ ކަމަކީ ދެވަނަ ދަރަޖައިގެ ކަންކަމަށް ހަދަން ޝައިޚް ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ސިޔާސީ މަސައްކަތްތަކުގައި ހަރަކާތްތެރިވާއިރު އަމިއްލަ ނަފްސަށް ތެދުވެރިވެ ވަކި ކެންޑިޑޭޓެއްގެ ދިފާއުގައި ނުކުމެ، މީސްމީޑިއާގައި ބަހުސްކޮށް، މީހުންނަށް ނެތިނުބައި ކިޔައި، އާއިލީ އަދި ރަހުމަތްތެރިކަމުގެ ގުޅުންތައް ކަނޑާލި ކިތައް މީހުން އުޅޭނެ ކަމާމެދު ސުވާލު އުފެދޭ ކަމަށް ވެސް ޝައިޚް ވަނީ ވިދާޅުވެފައެވެ.

ސިޔާސީ ކުޅިވަރަކީ އެނބުރި އެނބުރި އަންނަ ފުރޮޅެއް ކަމަށާއި އުންމީދުތައް އާލާކޮށްދިނުމަށްފަހު، އެންމެ ފަހުން ހަގީގަތާ ކުރިމަތިލާން ޖެހި ތާއީދުކުރާ ކެންޑިޑޭޓުންގެ ފަރާތުން މާޔޫސްކަން ލިބުމަކީ ދުރުކަމެއް ނޫން ކަމަށް ވެސް ރ. ހުޅުދުއްފާރަށް ނިސްބަތްވާ ޝައިޚް ވަނީ ވިދާޅުވެފައެވެ.

ކެމްޕޭނުގެ އަޑުތައް މަޑުވެ، ދަމާފައިވާ ބެނާތައް ނެގުމުން، ބާކީ އޮންނާނީ ހަމައެކަނި ތިމާ ކުރި ހެޔޮ އަމަލުތައް ކަމަށާއި ދައުލަތުގެ ބައިތުލްމާލުން ވައްކަންކުރާ މީހުންނަށް، މިއަހަރުގެ ރޯދަ މަހުގެ ބަރަކާތާއި ސަވާބު ތިބާގެ ކިބައިން ފޭރިގަތުމުގެ ފުރުސަތު ނުދިނުމަށް މަދީނާގެ ޔުނިވާސިޓީއިން އިސްލާމީ ތައުލީމު އުނގެނިވަޑައިގެންފައިވާ ޝައިޚް ވަނީ އިލްތިމާސް ކުރައްވާފައެވެ.

comment ކޮމެންޓް