ދިވެހި އަނބު ކިލޯއެއް 120 ރުފިޔާއަށް، ކަނޑޫދޫ މިރުހުގެ އަގު ދަށަށް

ދަތުރުވެރިންގެ މާރުކޭޓްގައި އަނބު ވިއްކަން ބަހައްޓާފައި--- ސަން ފޮޓޯ

ރަމަޟާން މަސް ފެށުނުއިރު، މާލޭ ދަތުރުވެރިންގެ މާރުކޭޓުގައި ދިވެހި އަނބު ކިލޯއެއް 120 ރުފިޔާއަށް ވިއްކާއިރު، މަގުބޫލު ކަނޑޫދޫ މިރުސް ކިލޯއެއް ވިއްކާ އަގު ދަށްވެއްޖެއެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ރަމަޟާން މަހާ ދިމާކޮށް ކާބޯތަކެއްޗަށް އޮތް ޑިމާންޑު ބޮޑުވެ، ބައެއް ބާވަތްތަކުގެ އަގުތައް ވަނީ އުފުލިފައެވެ.

އެގޮތުން ލުނބޯ ކިލޯއެއް މީގެ ހަފުތާއެއް ކުރިން 40 ރުފިޔާއަށް ވިއްކިއިރު، މިއަދު ލުނބޯ ކިލޯއެއް ވިއްކަނީ 60 ރުފިޔާއަށެވެ. އަދި 20 ރުފިޔާއާއި 30 ރުފިޔާއާ ދެމެދު ކުރުނބާ ވިއްކަމުން ދިޔައިރު، މިއަދު ކުރުނބާގެ އަގު އުޅެނީ 50 ރުފިޔާއާއި 60 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.

އެހެނިހެން ބާވަތްތަކުގެ އަގުތަކަށް ބަލާއިރު، ދިވެހި އަނބު ކިލޯއެއް އުޅެނީ 120 ރުފިޔާއަށެވެ. އަދި އަލަނާސި ގަނޑެއް 60 ރުފިޔާއަށް ވިއްކާއިރު، އަލަނާސި ކަރާ ކިލޯއެއް ވިއްކަނީ 30 ރުފިޔާއަށެވެ. މީގެ އިތުރުން ބާޒާރުގައި ކެރެޓު ކިލޯއެއް މިއަދު އުޅެނީ 40 ރުފިޔާއަށެވެ.

ބާޒާރުގައި އަނބު: މިއީ ފައިދާ ގިނަ މޭވާއެއް -- ސަން ފޮޓޯ/ މޫސާ ނަދީމް

ބައެއް ބާވަތްތަކުގެ އަގުތައް އުފުލުނުއިރު، އަނެއްބައި ބާވަތްތަކުގެ އަގު ވަނީ މިއަދު ދަށްވެފައެވެ. އެގޮތުން އާންމުކޮށް ރޯދަ މަހުވެސް ޑިމާންޑު ބޮޑު ކަނޑޫދޫ މިރުސް ކިލޯއެއް 440 ރުފިޔާއާއި 480 ރުފިޔާއާ ދެމެދުގެ އަގަކުން 380 ރުފިޔާއާއި 430 ރުފިޔާއާ ދެމެދުގެ އަގަކަށް ދަށްވިއިރު، ރަތް ކަރާ ކިލޯއެއްގެ އަގު ވަނީ 25 ރުފިޔާއިން 20 ރުފިޔާއަށް ދަށްވެފައެވެ.

ކަރާ މިއީ ދިވެހީންނަށް ޚާއްސަ ބާވަތެއް ކަމަށްވާއިރު، އއ. ތޮއްޑުއާއި އެހެން ރަށްރަށުން ކަރާ ގެނެސް ވަނީ މާރުކޭޓުގައި ވިއްކަން ފަށައިފައެވެ. އެހެންވެ، މާރުކޭޓުގައި ކަރާ ވަރަށް ތިޔާގިވެއްޖެއެވެ.

ރޯދަމަހަށް ތައްޔާރުވުމަށް ތަރުކާރީ އާއި މޭވާ ގަންނަ މީހުން ވަނީ ބާޒާރުމަތި ފުރާލާފައި -- ސަން ފޮޓޯ/ މުޙައްމަދު މާވީ

ވިޔަފާރިވެރިން ބުނާގޮތުގައި މި ރޯދަ މަހު ވެސް ބައެއް ބާވަތްތަކުގެ އަގުތައް އުފުލުން އެކަށީގެންވެއެވެ.

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއިން ވަނީ, އަސާސީ ކާބޯތަކެތީގެ އަގުތައް އުފުލުނަ ނުދިނުމަށްޓަކައި އެތަކެތި ވިއްކަމުން ގެންދާނެ ކަމުގެ ޔަގީންކަން ދީފައެވެ.

comment ކޮމެންޓް