ލިވަޕޫލާއި ސިޓީ އެއްވަރުވެ، ފައިދާ އާސެނަލަށް

ޕްރިމިއާ ލީގުގައި ޕެޕްއާއި ކްލޮޕްގެ ފަހު ކުރިމަތިލުން ނިމުނީ އެއްވަރު ވެގެން -- ފޮޓޯ/ ޔޫރޯ ސްޕޯޓް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ. މި މެޗު ފެނިގެންދިޔައީ ކޮންމެ ޓީމަކުން ވެސް ކޮންމެ ވެސް އެއް ހާފެއް ކޮންޓްރޯލް ކުރި ތަނެވެ. ފުރަތަމަ ހާފުގައި ސިޓީން ބޮޑަށް މެޗު ކޮންޓްރޯލްކޮށް ގިނަ ހަމަލާ އުފެއްދިއިރު ދެވަނަ ހާފު ފެނިގެންދިޔައީ ލިވަޕޫލުން ބޮޑަށް ކޮންޓްރޯލްކޮށް ހަމަލާ އުފެއްދި ތަނެވެ.

ދެ ޓީމުން ވެސް ހަމަލާއަށް އިސްކަންދީގެން ކުޅުނު މި މެޗުގެ ފުރަތަމަ ލަނދު ޖަހައި މެޗުގެ ލީޑު ނަގާފައިވަނީ ސިޓީންނެވެ. މި ލަނޑު މެޗުގެ 23 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ކާމިޔާބުކޮށްފައިވަނީ ޖޯން ސްޓޯންސްއެވެ. މި ލަނޑާ އެކު ސިޓީން އިތުރަށް ހަމަޖެހިލައިގެން ކުޅުނު ތަންފެނިގެންދިޔައެވެ.

ދެވަނަ ހާފުގެ އޮއެވަރު ބަދަލުވެގެންދިޔައީ ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެވަނަ މިނެޓުގައި ސިޓީގެ ޑިފެންސަށް ހެދުނު ބޮޑު ގޯހެއްގެ ސަބަބުންނެވެ. މިގޮތުން ނެތަން އަކޭ އެ ޓީމުގެ ކީޕަރު އެޑިސަންއަށް ޖައްސާލި ބޯޅަ މަޑުވުމުގެ ސަބަބުން ކީޕަރަށް ވުރެ ކުރިން އެ ބޯޅައަށް ލިވަޕޫލްގެ ފޯވަޑް ޑާވިން ނޫނޭޒްއަށް އެރި އަދި އެ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި އެޑިސަންއަށް ފައުލް ކުރެވި ޕެނަލްޓީއެއް ލިބުނު ހިސާބުންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް މެޗުގެ ނަތީޖާ ލިވަޕޫލަށް ހަމަހަމަ ކޮށްދިނީ އެލެކްސިސް މެކް އެލިސްޓާއެވެ. އަދި، ފައުލްކުރި ހާދިސާގައި އެޑިސަންއަށް އަނިޔާވެ އޭނާއަށް އިތުރަށް ކުޅެވޭގޮތް ނުވުމުން އޭނާ ޖެހުނީ ބަދަލު ކުރާށެވެ.

މި މެޗު އެއްވަރުވުމާ އެކު ދެ ޓީމަށް ވެސް ތާވަލުގެ އެއްވަނައަށް އެރުމަށް ލިބިގެންދިޔަ ފުރުސަތު ވަނީ މި ވަގުތަށް ގެއްލިގެން ގޮސްފައެވެ.

ލިވަޕޫލް މިހާރު އުޅެނީ ކުޅުނު 28 މެޗުން ލިބިފައިވާ 64 ޕޮއިންޓާ އެކު ތާވަލުގެ ދެވަނަައިގައެވެ. އެއީ، ތާވަލުގެ އެއްވަނައިގައި މި ވަގުތު އުޅޭ އާސެނަލާއި އެއްވަރަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ފައިދާ ގޯލަށް ބަލާއިރު އާސެނަލް ކުރީގައި އުޅޭތީއެވެ. ސިޓީ އުޅެނީ 63 ޕޮއިންޓާ އެކު ތާވަލުގެ ތިންވަނައިގައެވެ.

comment ކޮމެންޓް