މަސްވެރިންނަށް ނުދީހުރި ފައިސާ މިރޭ ދައްކައި ޚަލާސްކުރަނީ

މަސްވެރިން މަސް ބާނަނީ: މަސްވެރިންނަށް ނުދީހުރި ފައިސާ މިރޭ ދައްކައި ޚަލާސްކުރާނެ ކަމަށް މިފްކޯއިން ވަނީ ބުނެފައި --- ފައިލް ފޮޓޯ/ ދިވެހި މަސްވެެރިން

މަސްވެރިންނަށް ނުދީހުރި ފައިސާ މިރޭ ދައްކައި ޚަލާސްކުރުމުގެ މަސައްކަތުގެ ތެރެއިން ބޮޑު ބައެއް މިހާރު ވެސް ނިމިފައިވާ ކަމަށް މިފްކޯއިން ބުނެފިއެވެ.

މި ހިނގާ މާޗުމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މަސްވެރިންނަށް ނުދީހުރި ފައިސާ ދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ މިރޭ ބުނެފައެވެ.

މިކަމާ ގުޅިގެން މިފްކޯގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ މި މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ މިރެއިން މިރެޔަށް ދައްކައި ޚަލާސްކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިޔަށްދާ ކަމަށެވެ. އަދި މަސްވެރިންނަށް ނުދީ ހުރި ހުރިހާ ފައިސާއެއް މިރޭ ދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން މިހާރުވެސް ވަރަށް ގިނަ އަދަދެއްގެ ފައިސާ މަސްވެރިންނަށް ޖަމާކުރެވިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"ބޭންކުގެ މައްސަލައެއް ދިމާނުވާ ކަމަށް ވަންޏާ މިރޭ ހުރިހާ ފައިސާއެއް ޖަމާކޮށް ނިމޭނެ. އަޅުގަނޑުމެންގެ ޓީމުން ބުނޭ މިރޭ ހުރިހާ ފައިސާއެއް މަސްވެރިންނަށް ޖަމާކޮށް ނިމޭނެ ކަމަށް," އޮފިޝަލް ވިދާޅުވިއެވެ.

މަސްވެރިންނަށް ނުދީހުރި ހުރިހާ ފައިސާއެއް ރޯދައިގެ ކުރިން އެ މީހުންނަށް ޖަމާކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މިދިޔަ ފެބްރުއަރީމަހުގެ ތެރޭގައި މިފްކޯއިން ވަނީ މަސްވެރިންނަށް ނުދީހުރި ބިލްތަކުގެ ފައިސާގެ ގޮތުގައި ޖުމްލަ 105 މިލިއަން ރުފިޔާ ޖަމާކޮށްދީފައެވެ.

މި އާއެކު ފާއިތުވި ނޮވެމްބަރު 17ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ 26އާ ހަމައަށް ޖުމްލަ 561 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައި ވާކަމަށް މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ. އެ ފައިސާގެ ތެރޭގައި ތެލަށާއި އައިހަށް ދެވިފައިވާ ފައިސާ ވެސް ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

https://sun.mv/189170

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުލިބޭތާ މަސްތަކެއް ވެފައިވާކަމަށް ބުނެ، މަސްވެރިން ގއ. ކޫއްޑޫގައި މުޒާހަރާކޮށް، މިދިޔަ މަހުގެ 18ގައި ކޫއްޑޫގެ އޮޕަރޭޝަން ހުއްޓުމަކަށް ގެނައެވެ. އެ މުޒާހަރާ ހުއްޓާލީ ދެ ދުވަސް ފަހުން މަސްވެރިންނަށް ފައިސާ ދޫކުރަން ފެށުމުންނެވެ.

ފިޝަރީޒް މިނިސްޓްރީން ވެސް ބުނެފައިވަނީ ރޯދައިގެ ކުރިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ އެއްކޮށް ދައްކައި ޚަލާސް ކުރާނެ ކަމަށެވެ.

comment ކޮމެންޓް