ރޯދަ މަހު ފަލަސްތީނުގެ ރައްޔިތުން ހަނދާންކޮށް، ދުޢާ ކުރަން ސިޔާމް އިލްތިމާސްކުރައްވައިފި

އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މަޖިލިސް މެންބަރުން އަހްމަދު ސިޔާމް މުހައްމަދު -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

މި ފެށޭ ބަރަކާތްތެރި ރަމަޟާން މަހު، މުސްލިމް އަޚުންނާއި އުޚުތުން ކަމުގައިވާ ފަލަސްތީނު ރައްޔިތުންގެ މަތިން ހަނދާންކޮށް، އެ ރައްޔިތުންނަށްޓަކައި ގިނަގިނައިން ދުޢާ ކުރުމަށް އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މަޖިލިސް މެންބަރުން އަޙްމަދު ސިޔާމް މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.

ރަމަޟާން މަހުގެ ހެޔޮއެދުންތައް އެންމެހާ ރައްޔިތުންނަށް ފޮނުވުމަށްޓަކާ ނެރުއްވި ޚިޠާބެއްގައި ސިޔާމް ވިދާޅުވީ، ޣައްޒާގެ ރައްޔިތުންނަށް ޔަހޫދީ ޒަޔަނިސްޓުން ދެމުން ދަނީ ލާއިންސާނީ ހަމަލާތަކެއް ކަމަށެވެ. އެހެންކަމުން ނަސްލު ނައްތާލުމުގެ އެ ހަމަލާތައް ކުށްވެރި ކުރާކަމަށާއި މި އަނިޔާވެރި ހަނގުރާމަ ވަގުތުން ވަގުތަށް ހުއްޓާލުމަށް މަސައްކަތް ކުރުމަށް ދުނިޔޭގެ ކަމާގުޅުންހުރި އިދާރާތަކަށް ގޮވާލައްވާކަމަށް ޚިޠާބުގައި ވެއެވެ.

މި ޚިޠާބުގައި ވަނީ، ރަމަޟާން މަހަކީ ﷲތަޢާލާއާއި އެކަލާނގެ އަޅުތަކުންނާ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް އަމިއްލަ ނަފުސު އިސްލާހުކޮށް، އީމާންތެރިކަން ވަރުގަދަ ކުރުމަށް ހިތްވަރުދޭ މަހެއްކަމަށެވެ. އަދި މި ދުވަސްތަކަކީ ރޯދަ ހިފުމާއި، ނަމާދު ކުރުމާއި، ޞަދަގާތް ދިނުމާއި ރޭ އަޅުކަން ކުރުމުގެ މަހެއް ކަމަށް ޚިޠާބުގައިވެއެވެ.

ހަމައެހެންމެ، ރަމަޟާން މަހަކީ ޖިސްމާނީ އަދި ރޫހާނީ ގޮތުން ވެސް ނަފުސުތައް ހެޔޮގޮތުގައި ކުރިއެރުވުމަށް ލިބޭ އަގު ނުކުރެވޭ ފަދަ މާތް މަހެއްކަން ސިޔާމް ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން، މި ރަމަޟާން މަހުގެ ފުރިހަމަ ސަވާބާއި ދަރުމައަށް އެދި ރޯދަ ހިފުމާއި، ނަމާދަށް ރައްކާތެރިވެ، ރޭއަޅުކަން ކުރުމާއި ކީރިތި ގުރުއާން ގިނަގިނައިން ކިޔެވުމަށް ސިޔާމް ވަނީ އެންމެހާ ރައްޔިތުންނަށް ހަނދުމަ ކޮށްދެއްވައިފައެވެ.

comment ކޮމެންޓް