ރޯދަ މަހު ފުރޭތަ އަޅުވާނީ ރޭގަނޑު 10 ގައި

ޑާކްރެއިންއިން މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަ ފިލްމު "ފުރޭތަ" މި އަހަރުގެ ރޯދަ މަހު ތެރޭގައި ދައްކާނެ ގަޑިތައް އާންމުކޮށްފިއެވެ.

ޑާކްރެއިންއިން މިދިޔަ ހަފުތާގައި ޕްރިމިއާ ކުރި ފުރޭތައަށް އަންނަނީ އާންމުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ލިބެމުންނެވެ. އެއާ ގުޅިގެން ފިލްމުގެ އިތުރު ޝޯތައް ދެއްކުމުގެ މަސައްކަތް ކުރަމުން އަންނައިރު މި މަސް އެއްކޮށް ފިލްމު ދައްކާނެ ކަމަށް ބެލެވެއެވެ.

ޑާކްރެއިންއިން ބުނެފައިވަނީ ރޯދަ މަހުގައި ފިލްމު ދައްކާނީ ކޮންމެ ރެއަކު 2200 ޖަހާއިރެވެ. އަދި ފިލްމަށް ޓިކެޓު ބަލައިގަތުމުގެ ފުރުސަތު މިހާރު ވެސް އޮތް އިރު ރޯދަ މަހު ޓިކެޓު ދޫކުރާ ގަޑިތަކަށް ބަދަލު އަންނާނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ރޯދަ މަހު ފިލްމުގެ ޓިކެޓު، އޮލިމްޕަހުން ބަލައިގަނެވޭނީ 1400 އާއި 1700 އާ ދެމެދުގައެވެ. އަދި ރޭގަނޑު ޓިކެޓު ދޫކުރާނީ 2130 އާއި 2300 އާ ދެމެދުގައެވެ.

މިއީ ޑާކްރެއިންއިން މި އަހަރު ނެރޭ ފުރަތަމަ ފިލްމެވެ. މިދިޔަ އަހަރު ނިމިގެން ދިޔައީ ޑާކްރެއިންއަށް ބިޒީ އަހަރެއްގެ ގޮތުގައެވެ. އެގޮތުން އަހަރުގެ އެންމެ ފަހު ފިލްމަކަށް ވީ ޑާކްރެއިންގެ "ނޮވެމްބަރު" އެވެ.

ނޮވެމްބަރާ ހިލާފަށް ފުރޭތަ އަކީ އެކްޝަން އަދި ތުރިލާ ފިލްމެކެވެ.

މި ފިލްމުގައި ލީޑުން ފެންނާނީ އިންޑަސްޓްރީގައި މިހާރު ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ތަރި ޝަރަފު ޢަބްދުﷲއެވެ. ފިލްމުގެ އިތުރު ރޯލުތަކުން ރަވީ ފާރޫގާއި މުހައްމަދު މަނިކާއި އަހުމަދު ސައީދު އަދި މުހައްމަދު ރިފްޝާނާއި އަލީ ނަދީހާއި އާމިނަތު އަސީލާ ފަދަ އެކްޓަރުން ފެންނާނެއެވެ.

މި ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް އަހުމަދު ތޮލާލު ކުރިއިރު ފިލްމުގެ ޑައިރެކްޓަރަކީ އަހުމަދު ޝިފާއު (ޗިއްޕެ)އެވެ. މި ފިލްމަކީ މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސް ކުރާ ފިލްމެކެވެ. މި ފިލްމުގެ މަންޒަރުތައް ނަގައިފައިވަނީ އަހުމަދު ޒިފާފެވެ.

comment ކޮމެންޓް