ފަލަސްތީނަށް ތާއީދުކޮށް އިހުތިޖާޖުކުރި އިންޖިނިއަރަކު ގޫގުލް ‎އިން ވަކިކޮށްފި

ފަލަސްތީނަށް ތާއީދުކޮށް އިހުތިޖާޖު ކުރި އިންޖިނިއަރަކު ގޫގުލް‎ގެ ވަޒީފާއިން ވަކިކޮށްފިއެވެ.

‎އެމެރިކާގެ ނިއުޔޯކް ސިޓީގައި ބޭއްވި އެ ކުންފުނީގެ ބޮޑު އިވެންޓެއްގައި ފަލަސްތީނަށް ތާއީދުކޮށް އިހުތިޖާޖުކުރި އިންޖިނިއަރަކު ގޫގުލް ‎‎އިން ވަޒީފާއިން ވަކިކޮށްފައިވާއިރު، އޭނާ ވަޒީފާއިން ވަކިކުރީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމަށް ހިތްވަރުލިބޭ ސޮފްޓްވެއާއެއް ހަދަން ދެކޮޅު ހެދުމުންކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.

‎އެ މުވައްޒަފު އިހުތިޖާޖުކުރީ ގޫގުލް އިޒްރޭލުގެ ވެރިޔާ ބަރަކް ރެގެވް ހޯމަ ދުވަހު އިންޑަސްޓްރީ ކޮންފަރެންސެއްގައި ތަގުރީރުކުރައްވަމުން ‎‎ދަނިކޮށެވެ.‎

‎ގޫގުލްގެ ތަރުޖަމާނަކު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މުވައްޒަފު ވަޒީފާއިން ވަކިކުރީ "ކުންފުނިން ސްޕޮންސަރުކޮށްފައިވާ ‎‎ރަސްމީ އިވެންޓަކަށް ނުފޫޒު ފޯރުވުމުގެ ސަބަބުން" ކަމަށެވެ.‎

‎ގޫގުލްގެ ތަރުޖަމާނު ވިދާޅުވީ ކޮންމެ މައްސަލައެއް ދިމާވި ނަމަވެސް މި އަމަލަކީ ބަލައިގަނެވޭނޭ އަމަލެއް ނޫން ކަމަށާއި މުވައްޒަފު ވަޒީފާއިން ވަކިކުރީ ‎‎ގޫގުލްގެ އުސޫލުތަކާ ޚިލާފުވެގެން ކަމަށެވެ.‎

‎ޓެކް ފޯކަސްޑް ވަޔާޑް ނިއުސް ވެބްސައިޓްގައިވާ ގޮތުން މި ހަފުތާގައި ގޫގުލްގެ 600 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ގޫގުލްގެ މާކެޓިން ‎‎ލީޑަޝިޕަށް އިންޓާނަލް ސިޓީއެއް ފޮނުވައި، ރެގެވް ވާހަކަ ދެއްކެވި މައިންޑް ދަ ޓެކް ފޯރަމްގެ ސްޕޮންސާޝިޕް ޓެކް ކުންފުނިން ދޫކޮށްލުމަށް ‎‎އެދިފައެވެ.

މި އެއްވުމަކީ އިސްރާއީލުގެ ޓެކް އިންޑަސްޓްރީގެ ތެރޭގައި ހުރި ކުރިއެރުންތައް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތެކެވެ.‎

‎ޕްރޮޖެކްޓް ނިމްބަސް އަކީ ޒަމާނުއްސުރެ ފަލަސްތީނަށް ތާއީދުކުރާ ވަކާލާތުކުރާ ފަރާތްތަކުން ކުށްވެރިކުރަމުން އަންނަ ޕްރޮޖެކްޓެކެވެ. ‎‎އޭގެ ތެރޭގައި ގޫގުލް އާއި އެމެޒޯން އާއި އިޒްރޭލު ސަރުކާރާއި އަސްކަރިއްޔާއާ ދެމެދު އެއް ބިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރުގެ ‎‎އެއްބަސްވުމެއްގެ ދަށުން ތެލް އަވީވް އަށް ކްލައުޑް ކޮމްޕިއުޓިންގެ ހިދުމަތް ފޯރުކޮށްދިނުން ހިމެނެއެވެ.‎

‎ގާޑިއަންގައި 2021 ވަނަ އަހަރު ޝާއިއުކުރި ގޫގުލް އަދި އެމެޒޯންގެ މުވައްޒަފުންގެ އޯޕަން ސިޓީގައި ވަނީ އެ އެއްބަސްވުން ކުށްވެރިކޮށް، ‎‎"އިސްރާއީލުގެ އަސްކަރިއްޔާ އާއި ސަރުކާރުން ހިންގާ ސިސްޓަމެޓިކް ތަފާތުކުރުންތަކާއި ޑިސްޕްލޭސްމަންޓްގެ ސަބަބުން ‎‎ފަލަސްތީނަށް އިތުރަށް އަނިޔާވެރި އަދި ނުރައްކާތެރި ކަމަކަށް ވެގެންދާނެ" ކަމަށް ބުނެފައެވެ.‎

comment ކޮމެންޓް