ދައުލަތުގެ ކާރެއް އަމިއްލަ ޚަރަދުގައި މޮޑިފައިކުރުމުން މާނިއުއަށް ފާޑުކިޔުން

ކަސްޓަމްސްގެ ކާރު މޮޑިފައި ކޮށްފައި --

ދައުލަތުގެ ކާރެއް މޮޑިފައި ކުރުމުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއުއަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އޭނާ މޮޑިފައިކޮށްފައިވަނީ، ކަސްޓަމްސްގެ ބޭނުންތަކަށް ގެނެސްފައިވާ ކާރެކެވެ.

މޮޑިފައި ކޮށްފައިވާ މި ކާރުގެ ފޮޓޯ ޓްވިޓާގައި ހިއްސާކޮށް މާނިއު ބުނެފައިވަނީ، އެ ކާރަކީ ކަސްޓަމްސްއިން އިފްތިތާހު ކުރަން އުޅޭ އެނަފޯސްމަންޓް އެންޑް ބޯޑާ ޕްރޮޓެކްޝަން ޑިޕާޓްމަންޓުގައި ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ ކާރެއް ކަމަށެވެ.

މި ކާރުގެ ކުރީބައިގައާއި ލޯގޯ އަދި ފުރޮޅުތައް ވަނީ ރަން ކުލައިން ފަށަލައެއް އަޅާފައެވެ. މާނިއު ވިދާޅުވީ، ކަސްޓަމްސްގެ އާ ލޯގޯ އިންނާނީ ރަން ކުލައިން ކަމަށެވެ. އެހެން ކަމުން ކާރުގައި ރަން ކުލައިގެ ފަށަލައެއް އެޅީ ލޯގޯއާ ގުޅުވަން ކަމަށް އޭނާ ވިދާޅުވިއެވެ.

މާނިއު ހިއްސާކުރި މި ފޮޓޯއާއެކު އާންމުންގެ ގިނަ ބަޔަކު މިކަމުގެ ނުރުހުން ފާޅުކުރިއެވެ.

އެއާ އެކު، މާނިއު ވިދާޅުވީ ކާރަށް ގެނައި ބަދަލާ އެކު ގިނަ ބަޔަކު ނުުރުހުން ފާޅު ކުރުމުން ކާރުގައި އެޅި ރަން ފަށަލަ ނައްޓާލަން ނިންމާފައިވާ ކަމަށެވެ.

އަދި މިކަމަށް ދައުލަތުގެ އެއްވެސް ފައިސާއެއް ޚަރަދު ނުކުރާ ކަމަށާއި، އެއީ އޭނާގެ އަމިއްލަ ޚަރަދުގައި ކުރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމަށްޓަކައި މާނިއު ވަނީ އާންމުގެ ކިބައިން މާފަށް އެދިފައެވެ.

comment ކޮމެންޓް