މަގުބޫލު އެކްޝަން ތުރިލާ އުފެއްދުމަށް މަޝްހޫރު ޑައިރެކްޓަރު ސްރީރާމް ރަގްވަންގެ ފިލްމު "މެރީ ކްރިސްމަސް" މިއަދު ނެޓްފްލިކްސްގައި ޕްރިމިއާކޮށްފިއެވެ. މި ފިލްމަކީ ބޮލީވުޑް ބަތަލާ ކެޓްރީނާ ކައިފް އަދި ވިޖޭ ސެތުޕަތިއާ ލީޑް ރޯލް ކުޅެފައިވާ ލޯބީގެ މިސްޓްރީ ތުރިލާއެކެވެ.
މި އަހަރުގެ ޖަނަވަރީ މަހު ސިނަމާތަކުގައި އެޅުވި މި ފިލްމަކީ، ކެޓްރީނާއާއި ސައުތު ސިނަމާގެ މަޝްހޫރު ފިލްމީ ތަރި ވިޖޭ އެކީގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމުވެސްމެއެވެ. ނުބައިބައި ރޯލްތައް ކުޅެން މަޝްހޫރު ވިޖޭ ބުނެފައިވަނީ "މެރީ ކްރިސްމަސް" އަކީ އެކްޓަރަށް ވަރަށް ތަފާތު ތަޖުރިބާތައް ކުރެވުނު ފިލްމެއްކަމަށެވެ. ހާއްސަކޮށް ބަތަލާ ކެޓްރީނާ ކައިފް ފަދަ ހުނަރުވެރި ބަތަލާއަކާ އެކު ފިލްމަކުން ލިބުނު ފުރުސަތާ އެކު އޭނާ މިހާރު ބޭނުންވަނީ ލޯބީގެ ރޯލްތައް ކުޅެން ކަމަށް ވިޖޭ ވަނީ މި ފިލްމުގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ވެސް ބުނެފައެވެ.

ފިލްމު 'ޓައިގާ ޒިންދާހޭ'ގެ ޕްރޮމޯޝަން ހަފްލާއެއްގައި ކެޓްރީނާ ކައިފް ސަލްމާން ޚާންއާ އެކު-- ފޮޓޯ/ ފިލްމުފެއަނިވްސް
ފިލްމު ނެޓްފްލިކްސްގައި ޕްރިމިއާކުރާނެކަން އިއުލާނު ކުރަމުން ނެޓްފްލިކްސްއިން ބުނެފައިވަނީ މި އަހަރުގެ ކްރިސްމަސް ހަދިޔާ ބެލުންތެރިންނަށް ހަދިޔާ މިކުރީ ތަންކޮޅެއް އަވަހަށް ކަމަށެވެ.
ފިލްމު "އަންދާދުން"ފަދަ މަގުބޫލު ފިލްމުތައް ގެނެސްދީފައިވާ ސްރީރާމްގެ "މެރީ ކްރިސްމަސް"ގެ މުހިއްމު ރޯލުން ކުރީގެ ފިލްމީ ތަރި ސަންޖޭ ކަޕޫރު، ވިނޭ ޕަތަކް، އަޝްވިނީ ކަލްސޭކަރު، ޓީނޫ އާނަންދު އަދި ރާދިކާ އަޕްޓޭ ފެންނާނެއެވެ.
އޯޑިއަންސްއިން ފިލްމަށް 4.6 ތަރި ދީފައިވާއިރު ފިލްމަށް ހޭދަކުރި ބަޖެޓަށްވުރެ ފައިދާގެ ގޮތުގައި ލިބުނު އާމްދަނީގެ އަދަދު ވަރަށް މަދެވެ. އެހެންވެ، މި ފިލްމަކީ އެވްރެޖް ފިލްމެއްގެ ގޮތުގައި އޯޑިއަންސްއިން ވަނީ ނިންމާފައެވެ.