ނަންބަރުތަކަށްވުރެ ކަރީނާއަށް މުހިއްމީ ހިތްހަމަޖެހުން

ބަތަލާ ކަރީނާ ކަޕޫރު ޚާން-- ފޮޓޯ/ޓެލެގްރާފްއިންޑިއާ

އިރެއްގައި ފިލްމު އިންޑަސްޓްރީގެ އެންމެ އުހުން ޖާގަ ހޯދަން މަސައްކަތްކުރި ނަމަވެސް މިހާރު އެ ވިސްނުން ބަދަލުވެއްޖެ ކަމަށް ކާމިޔާބު ބަތަލާ ކަރީނާ ކަޕޫރު ޚާން ބުނެފިއެވެ.

އިންޑިއާގެ އެންމެ ބޮޑު ފިލްމު ޚާންދާނަށް ނިސްބަތްވާ ބަތަލާ ބުނެފައިވަނީ ބޮކްސް އޮފީހުގައި ފިލްމުތަކަށް ލިބޭ ކާމިޔާބީއަށް ވުރެ ފިލްމުގައި ރަނގަޅު ހުށަހެޅުމެއް ބެލުންތެރިންނަށް ގެނެސްދެވޭކަން އިހުސާސްކުރެވުމުން ލިބޭ ހިތްހަމަޖެހުމާއި އުފާވެރިކަން މާ މުހިއްމު ކަމަށެވެ.

ދާދިފަހުން އިންޑިއާގައި ބޭއްވި އޭބީޕީ ނެޓްވޯކް އައިޑިއާސް އޮފް އިންޑިއާ ސަމިޓުގައި ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ބަތަލާ ވަނީ ފިލްމީ ކެރިއަރުގައި މިހާތަނަށް ހޭދަކުރެވުނު ދުވަސްތަކުގެ ތަޖުރިބާއާ އެކު ބަތަލާގެ ވިސްނުން މިހާރު ހުރިގޮތް އާއްމުންނާ ހިއްސާކޮށްފައެވެ. އޭނާ އަންހެނުން ބުނެފައިވަނީ ފިލްމީ ކެރިއަރަށް ވުރެ ބޮޑަށް މިހާރު އިޚުތިޔާރު ކުރަނީ އަމިއްލަ ނަފުސުގެ ހިތްހަމަޖެހުން ކަމަށެވެ. އެހެންނަމަވެސް އޭގެ މާނައަކީ ފިލްމީ ކެރިއަރާ ދުރުވުން ނޫންކަމަށް ކާމިޔާބު ގިނަ ފިލްމުތަކެއް ސިނަމާއަށް ގެނެސްދީފައިވާ ބަތަލާ ވަނީ ބުނެފައެވެ.

ބަތަލާ ކަރީނާ ކަޕޫރު ޚާން ފިރިމީހާ ސައިފް އަލީ ޚާންއާ އެކު-- ފޮޓޯ/ ބޮލީވުޑްހަންގާމާ

ފިލްމު އިންޑަސްޓްރީގައި އަންހެނުންނަށް ކުރާ އިހުތިރާމާއި އަންހެނުންގެ މަސައްކަތުގެ އަގު ވަޒަންކުރުން މިހާރު އިތުރުވެފައިވުމާ އެކު އެއީ އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ކަރީނާ ވަނީ ބުނެފައެވެ. ހަމައެއާއެކު އަންހެން ތަރިންނަށް ފިލްމަށް އަގު ކިޔުމުގައި ފިރިހެނުންނާ ފަރަގު ނުކުރާ ކަމަށާއި ވިމެން ސެންޓަ ރޯލްތައް އަންހެނުން ލިބޭ މިންވަރު އިތުރުވާ މަންޒަރަކީ ވަރަށް އުފާވެރި މަންޒަރެއް ކަމަށް ކަރީނާ ވަނީ ބުނެފައެވެ.

ކައިވެންޏަށް ފަހު ދެ ކުދިން ލިބިފައިވާ ބަތަލާ ބުނެފައިވަނީ ކުރިއާ ޚިލާފަށް މިހާރު އަހަރެއްގެ މައްޗަށް ކުޅޭ ފިލްމުގެ އަދަދު މަދުކޮށްފައިވާ ކަމަށެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ދެ ކުދިން ކަމަށްވާ ތައިމޫރު އަދި ޖޭއާ އެކު ވަގުތު ހޭދަކުރުމަށް ކަމަށް "ޖަބް ވީ މެޓް"ގެ ބަތަލާ ވަނީ ބުނެފައެވެ.

comment ކޮމެންޓް