ފެނަކައަށް ބޮޑު ފައިދާ ހޯދުމުގެ ބަދަލުގައި ބެލީ ދެކޮޅު ޖައްސައިގެން ޚިދުމަތް ދޭން: ޞާލިޙް

ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓާ އަޙުމަދު ސަޢީދާއި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު --- ފޮޓޯ/ ރައީސް އޮފީސް

އެ މަނިކުފާނުގެ ސަރުކާރުގައި ފެނަކައަކީ މާބޮޑު ފައިދާތަކެއްވާ ކުންފުންޏަކަށް ހެދުމުގެ ބަދަލުގައި ބެއްލެވީ ދެކޮޅު ޖައްސައިގެން ޚިދުމަތް ދިނުމަށް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިރޭ ވިދާޅުވެއްޖެއެވެ.

ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ގައްދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވާ ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރި އަޙުމަދު ސަޢީދުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ޞާލިޙު ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒެއްގެ ގޮތުގައި ބެއްލެވީ ރައްޔިތުންނަށް ބޭނުންޖެހިފައިވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.

"އަޅުގަނޑުމެންނެއް ކޮންމެހެން ބޭނުމެއް ނުވި، ފެނަކައަކީ މާ ބޮޑު ފައިދާތަކެއްވާ ތަނަކަށް ހަދާކަށެއް. ދެކޮޅު ޖެހިގެން ހިނގަނިކޮށް ނިމުނީ ކަމަށް އަޅުގަނޑުމެންގެ ސިޔާސަތުގައި އޮތީ،" ޞާލިޙު ވިދާޅުވިއެވެ.

މީގެ އިތުރުން ޞާލިޙު ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުން މަސައްކަތް ކޮށްފައިވާނީ ގިނަ ވަޒީފާތަކެއް ދީގެން ދެކޮޅު ޖެހޭގޮތަށް ފެނަކައިން ޚިދުމަތް ދިނުމަށް ކަމަށެވެ.

ޞާލިޙުގެ ވެރިކަމިގައި ފެނަކައިން ބޮޑެތި ކޮރަޕްޝަންތައް ހިންގި ކަމަށް މި ސަރުކާރުން ތުހުމަތު ކުރެއެވެ. އެހެން ނަމަވެސް މިރޭ އޮތް ޖަލްސާގައި އެކަމާ ގުޅިގެން ޞާލިޙު ވާހަކަފުޅެއް ނުދައްކަވައެވެ.

ކުރީ ސަރުކާރުގައި ފެނަކައިގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށް ފެނަކައިގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު ވަނީ މި ފަހުން ވިދާޅުވެފައެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވީ އިރު، ފެނަކައިގެ 8000 މުވައްޒަފުން ތިބިކަން ފާހަގަ ކުރައްވައި މުއާޒް ވިދާޅުވީ، އާމްދަނީގެ ގޮތުގައި ފެނަކައަށް މަހެއްގެ މައްޗަށް 120 މިލިއަން ރުފިޔާ ލިބޭއިރު، އޭގެ ތެރެއިން މުވައްޒަފުންގެ މުސާރައަށް ކޮންމެ މަހަކު 86 މިލިއަން ރުފިޔާ ހަރަދުވާ ކަމަށެވެ.

https://sun.mv/189453

އޭނާ ވިދާޅުވިގޮތުގައި ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތް އިރު، ފެނަކައިގައި 4.3 ބިލިއަން ރުފިޔާގެ ދަރަނި އޮތެވެ. އޭގެ ތެރެއިން ދެ ބިލިއަން ރުފިޔާއަކީ ފެނަކައިން ގަނެފައިވާ ޑީސަލަށް، އެސްޓީއޯއަށް ދައްކަން ޖެހޭ ފައިސާކަމަށް އޭނާ ވިދާޅުވިއެވެ. ފެނަކައިން 2019ވަނަ އަހަރުން ފެށިގެން އެސްޓީއޯއަށް ދޭން ޖެހޭ ފައިސާ ދީފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް