ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ފެނަކައިގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށް އެ ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބ. ކެންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއާޒް ވަނީ މިދިޔަ ސަރުކާރުގައި ފެނަކައިގެ މެނޭޖްމެންޓުން ޚިޔާނާތުގެ ބޮޑެތި އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.
މުއާޒް ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ފެށި، ފެނަކަ އޮފީސް އިމާރާތް އެޅުމުގެ 60 ޕްރޮޖެކްޓެއް ހުއްޓިފައިވާ ކަމަށެވެ. މީގެ ތެރެއިން އެވަރެޖްކޮށް 45 އިންސައްތަ މަސައްކަތް ނިމުނުއިރު، އެ މަސައްކަތަށް ޖުމްލަ އެއް ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންވީމަ ވަރަށް ބޮޑު ޖަރީމާއެއް އިންހައުސްކޮށް ހިންގި ޕްރޮޖެކްޓުތަކުން މީގެ ކުރީގެ މެނޭޖްމެންޓުން، ސަރުކާރުން ހިންގާފައި އޮތީ. ވަރަށް ބޮޑު ޖަރީމާއެއް،" މުއާޒު ވިދާޅުވިއެވެ.
މުއާޒު ދެއްކެވި ވާހަކައިގައި ވަނީ މިދިޔަ ސަރުކާރުގެ އިހުމާލުގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި ފެނަކައިގެ ޖެނެރޭޓަރު ސެޓުތައް ހަލާކުވެފައިވާ ކަމަށް ވިދާޅުވެފައެވެ. އެ ގޮތުން ފެނަކައިގައި 502 ޖެނެރޭޓަރު ސެޓު ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރިއިރު، އޭގެ ތެރެއިން 302 ޖެނެރޭޓަރު ސެޓު، މެއިންޓެނެންސްގެ މަސައްކަތް ނުކުރުމުގެ ސަބަބުން ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ތި ބޭފޫޅުންނަށް އިނގޭނެ މިރަށުގެ އިންޖީނު ގެއަށް ދާންވީ، އިންޖީނުގެއަށް ގޮސް މައުލޫމާތު ސާފުކޮށްލަންވީ. ކޮންމެ ރަށަކުން ވެސް. އެ ރަށަކުން ބުނާނެ އެ ރަށުގަ ތިން ޖެންސެޓު ހުރެއްޖިއްޔާ ދެ ޖެންސެޓު ހަމަ އެއްކޮށް ހަލާކުވެފައޭ ހުންނާނީ. މެއިންޓެއިން ނުކުރީ. މިދިޔަ ފަސް އަހަރުގެ ތެރޭގައި މެއިންޓެނެންސަށް އެއްވެސް ހަރަދެއް ނުކުރޭ." މުއާޒު ވިދާޅުވިއެވެ.
މުއާޒު ވިދާޅުވީ ޖެނެރޭޓަރު ސެޓުތަކުގެ މެއިންޓެނެންސް މަސައްކަތަށް އަހަރަކު 100 މިލިއަން ރުފިޔާ ހަރަދުކޮށްފައި އޮތަސް، މެއިންޓެނެންސް މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. މިދިޔަ ސަރުކާރުން ޖެނެރޭޓަރު ސެޓުތައް ގަތުން ވެސް އޮތީ ވިޔަފާރިއަކަށް ހަދާފައި ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
އެ ގޮތުން 2022ވަނަ އަހަރާއި މިދިޔަ އަހަރު އެކަނި ވެސް ފެނަކައަށް 90 ޖެނެރޭޓަރު ސެޓު ގަތްއިރު، އޭގެ ސަބަބުން އެއްވެސް ފަސޭހައެއް ލިބިގެން ނުދިޔަކަން އޭނާ ވިދާޅުވިއެވެ.
މުއާޒް އިތުރަށް ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ފެނަކައިގެ މުދާ އުފުލުމަށް އެ ކުންފުނިން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. މިދިޔަ އަހަރު އެކަނި ވެސް މި ކަމަށް 117 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވީ އިރު، ފެނަކައިގެ 8000 މުވައްޒަފުން ތިބިކަން ފާހަގަ ކުރައްވައި މުއާޒް ވިދާޅުވީ، އާމްދަނީގެ ގޮތުގައި ފެނަކައަށް މަހެއްގެ މައްޗަށް 120 މިލިއަން ރުފިޔާ ލިބޭއިރު، އޭގެ ތެރެއިން މުވައްޒަފުންގެ މުސާރައަށް ކޮންމެ މަހަކު 86 މިލިއަން ރުފިޔާ ހަރަދުވާ ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތް އިރު، ފެނަކައިގައި 4.3 ބިލިއަން ރުފިޔާގެ ދަރަނި އޮތެވެ. އޭގެ ތެރެއިން ދެ ބިލިއަން ރުފިޔާއަކީ ފެނަކައިން ގަނެފައިވާ ޑީސަލަށް، އެސްޓީއޯއަށް ދައްކަން ޖެހޭ ފައިސާކަމުގައި އޭނާ ހާމަ ކުރައްވާފައެވެ. ފެނަކައިން 2019ވަނަ އަހަރުން ފެށިގެން އެސްޓީއޯއަށް ދޭން ޖެހޭ ފައިސާ ދީފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެސްޓީއޯއިން އަޅުގަނޑުމެންނަށް އެބަ އަންގާ މިހާރު ދެ ބިލިއަން ރުފިޔާގެ ކްރެޑިޓް މިހާރު ހަމަވެއްޖެޔޭ،" މުއާޒް ވިދާޅުވިއެވެ.
ފެނަކަ ބަނގުރޫޓުވެފައި އޮތް ނަމަވެސް، އެ ކުންފުނިން އެހެން ސަޕްލަޔަރުންނަށް ދޭން ޖެހޭ ފައިސާ ނުދޭ މައްސަލައިގައި ފެނަކައަށް ޕްރެޝަރު ބޮޑުވެފައިވާކަން މުއާޒް ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ އެ ކުންފުނިން ދައްކަން ޖެހޭ ދަރަނީގެ ފައިސާ ދެ އަހަރާއި ބައިގެ ތެރޭގައި ދައްކައި ނިންމުމަށް މިހާރު ޕްލޭންތަކެއް ހަދާފައިވާ ކަމަށެވެ.