އިސްރާއިލަށް ހަތިޔާރު ވިއްކުން މަނާކުރުމަށް ރާއްޖޭން އދ.ގެ އާންމު މަޖިލީހުގައި ގޮވާލައިފި

އދ.ގެ އާންމު މަޖިލިސް -- ފޮޓޯ/ އދ.

އިސްރާއީލަށް ހަތިޔާރު ވިއްކުން މަނާ ކުރުމަށް ދިވެހިރާއްޖެއިން އދ.ގެ އާންމު މަޖިލީހުގައި ގޮވާލައިފިއެވެ.

ދިވެހިރާއްޖެއިން މިގޮތަށް ގޮވާލާފައިވަނީ، އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް މިހާރު ކުރަމުންގެންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލައި އދ.ގެ އާންމު މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގައި، ދިވެހިރާއްޖެއިން އދ.އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. އަލީ ނަސީރު މުހައްމަދު ދެއްކެވި ވާހަކައިގައެވެ.

އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވައިލައި އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ޤަރާރު މިދިޔަ މަހުގެ 20ގައި ވީޓޯ ކުރުމާ ގުޅިގެން އެ މައްސަލައާ ގުޅޭ ގޮތުން ބަހުސް ކުރުމަށް އދ.ގެ އާންމު މަޖިލީހުގައި ބޭއްވި ބައްދަލުވުމުގައި ޑރ. އަލީ ނަސީރު ވިދާޅުވީ، އެ ވީޓޯއަކީ އިސްރާއީލުން ހިންގާ އަމަލުތައް ކުރިއަށް ގެންދިއުމަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ.

މީގެ އިތުރުން، މިދިޔަ ބުރާސްފަތި ދުވަހު، ޣައްޒާގައި ކާބޯތަކެތި ހޯދަން އެއްވެ ތިބި މީހުންނަށް އިސްރާއީލުން ދިން ހަމަލާތަކަށް ވެސް އޭނާ އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން އެ ހަމަލާތަކުގައި ފަލަސްތީނުގެ ސަތޭކައަށް ވުރެ ގިނަ ރައްޔިތުން ޝަހީދުކޮށް، ޒަޚަމް ކޮށްފައިވާ ކަމަށާއި ފަލަސްތީނުގެ ރައްޔިތުން ފެނާއި ކާބޯތަކެއްޗާއި އަސާސީ ބޭނުންތަކުން މަޙްރޫމް ކުރުމަށް ފަހު އިސްރާއީލުން އެ މީހުން މަރަމުން ގެންދިއުމަށް ހުއްޓުމެއް ނުގެނެވުމަކީ މުޅި ދުނިޔެ އެކަމާ ލަދު ގަންނަން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޑރ. އަލީ ނަސީރުގެ ވާހަކަފުޅުގައި އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ޖެނޮސައިޑް ނުވަތަ ނަސްލު ނައްތާލުން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވެސް އދ.ގެ ސަލާމަތީ މަޖިލީހަށް ގޮވާލެއްވިއެވެ. އަދި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓުވައި ޖަވާބުދާރީކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމައަށް ވެސް ގޮވާލެއްވިއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 30،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ހަމަލާތަކުގެ ސަބަބުން ޒަޚަމުވި މީހުންގެ އަދަދު ވަނީ 71،000އަށް އުފުލިފައެވެ.

comment ކޮމެންޓް