ސަލްމާންގެ ބަދަލުގައި ސޫރަޖުގެ ފިލްމަށް ޝާހިދު

ޝާހިދު ކަޕޫރު، ސަލްމާން ޚާޏް އަދި ޑައިރެކްޓަރު ސޫރަޖުބަރްޖަތިޔާ-- ފޮޓޯ/ ބޮލީވުޑްހަންގާމާ

ރީތި ލޯބީގެ ފިލްމުތައް ބެލުންތެރިންނަށް ގެނެސްދީފައިވާ ޑައިރެކްޓަރު ސޫރަޖް ބަރްޖަތިޔާގެ ކުރިއަށް އޮތް ފިލްމު "ޕްރޭމް ކީ ޝާދީ"އިން ސަލްމާން ޚާންގެ ބަދަލުގައި ފެންނާނީ އެކްޓަރު ޝާހިދު ކަޕޫރު ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑް ހަންގާމައިގައި ބުނެފައިވާ ގޮތުން ސޫރަޖްއާ ވަރަށް ގާތް ގުޅުމެއް އޮންނަ ސަލްމާން ޚާން ފިލްމުން ވަކިވާން މެދުވެރިވީ ދެ މީހުންގެ މެދުގައި ފިލްމާ ގުޅޭގޮތުން ބައެއް ކަންކަމުގައި އެއްބަސްވުމަކަށް ނާދެވުމުންނެވެ. އެހެންވެ، ސަލްމާން ޚާން ނިންމީ ސުލްހަވެރިކަމާ އެކު ފިލްމުން ދުރަށް ދިޔުމަށް ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ސޫރަޖްއާ ސަލްމާން ޚާން އެކީގައި ކުޅުނު ރީތި ފިލްމުތަކުގެތެރޭ "މޭނޭ ޕިޔާރު ކިޔާ"، "ހަމް އާޕްކޭހޭ ކޯން"، "ހަމް ސާތު ސާތު ހޭ" އަދި "ޕްރޭމް ރަތަން ދަން ޕާޔޯ" ފަދަ ފިލްމުތައް ހިމެނެއެވެ.

ޝާހިދު ކަޕޫރާ އެކު ސޫރަޖް ބަރްޖަތިޔާ މަސައްކަތްކުރި ފިލްމު "ވިވާހް" އަކީ އެކްޓަރުގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. ބޮކްސް އޮފީހުގައި ފިލްމަށް ބޮޑު ކާމިޔާބީއެއް ލިބުނުއިރު "ވިވާހް" ވެފައިވަނީ އިންޑިއާގެ އިތުރުން ބޭރު ޤައުމުތަކުގައި ވެސް ބޮޑު ތަރުހީބެއް ލިބުނު ފިލްމަކަށެވެ.

ޝާހިދު ކަޕޫރު އަދި އަމްރީތާ ރާއޯ ފިލްމު "ވިވާހް"ގެ މަންޒަރެއްގައި-- ފޮޓޯ/ ފޭސްބުކް

ރީތި ހިތްގައިމު ލޯބީގެ ވާހަކައެއް ސްކްރީނަށް ގެންދަން ސޫރަޖް ތައްޔާރުވަމުން އަންނައިރު ފިލްމުގައި ޝާހިދު ކުޅޭ ރޯލްގެ ސްކްރިޕްޓަށް ބަދަލު ގެންނާނެކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ސަބަބަކީ ސަލްމާން ޚާން އާއި ޝާހިދުގެ އުމުރުގެ ތަފާތު ހުރުމުން ފިލްމު ބިނާކޮށްފައިވާ ވާހަކައަށް ވެސް ބަދަލުތަކެއް އަންނާނެތީއެވެ.

މިދިޔަ މަހު ސައިންސް ފިކްޝަން ލޯބީގެ ފިލްމު "ތޭރީ ބާތޯމެ އޭސަ އުލްޖާ ޖިއާ"އިން ބަތަލާ ކްރިތީ ސެނޮންއާ އެކު ފެނުނު އެކްޓަރު މި އަހަރު ދެ ފިލްމެއްގެ މަސައްކަތް ކުރާނެ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. އެއީ "ދޭވާ"ގެ ނަމުގައި ބަތަލާ ޕޫޖާ ހެގްޑޭއާ އެކު މަސައްކަތް ކުރާ ފިލްމު އަދި ޑައިރެކްޓަރު އަނީސް ބަޒްމީގެ ކޮމެޑީ އެންޓަޓެއިންއެއް މަސައްކަތެވެ.

comment ކޮމެންޓް