ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިންޑިއާއާ "ޖައްސާލައިގެން" އުޅުއްވާކަމުގެ އަޑުތައް އިވޭ ކަމަށާއި ނަމަވެސް، ރައީސް އިންޑިއާ އަދި އެއްވެސް ގައުމަކާ ޖައްސާލައިގެން ނޫޅުއްވާ ކަމަށް އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މަޖިލިސް މެމްބަރު އަޙްމަދު ސިޔާމް މުޙައްމަދު މިރޭ ވިދާޅުވެއްޖެއެވެ.
ދ. މީދޫގެ ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ، މި ސަރުކާރުން އަންނަނީ ހުރިހާ ގައުމަކާއެކު ގާތް ގުޅުމެއް ގާއިމް ކުރަމުން ކަމަށެވެ. އެގޮތުން ސަރުކާރުން ބޭނުންވަނީ ކުރިހާ ގައުމަކާއެކު ގުޅުން ބަދަހިކޮށް ސުލްހަ މަސަލަސްކަމާ އެކު ކުރިއަށް ދާންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ، ރައީސް ކުރައްވަން ވައުދުވެ ވަޑައިގަންވާ ކަންކަން އެމަނިކުފާނު ފުއްދަވާނެ ކަމަށެވެ. އަދި އެކަން ކުރަން ރައީސަށް އެނގިވަޑައިގަންނަވާ ކަމަށާއި އެކަންކަމަށް ބޭނުންވާ ފައިސާ ވެސް ސަރުކާރުން ހޯދާކަމަށް ސިޔާމް ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާއަށް ލާރި ދެއްވާނެ ބޭފުޅުން އެބަ ތިއްބެވި. އެކި ގައުމުތައް. ގައުމުތަކާ ގުޅުން ބަދަހި ކުރަމުން އެ ގެންދަނީ. ހުރިހާ ގައުމަކާ. ވަކި ގައުމަކާ ވެސް ނޫން،" އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރަށް ސިޔާމް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް ޕީއެންސީއާއެކު ކޯލިޝަން ހަދަން ނިންމެވީ ވަރަށް ބޮޑަށް ވިސްނެވުމަށް ފަހު ކަމަށެވެ. އެއީ ޕީއެންސީގެ އޭރުގެ ކެންޑިޑޭޓު އަދި މިހާރުގެ ރައީސް ޑރ. މުއިއްޒާއެކު ގާތުން މަސައްކަތް ކުރައްވައި، މަސައްކަތުގެ ފެންވަރު ތަޖުރިބާ ކުރެވިފައި ވާތީ ކަމަށް ސިޔާމު ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ، ރައީސް މުއިއްޒު އެމްޑީއޭގެ ސްލޮޓެއްގައި ހައުސިން މިނިސްޓަރުކަމުގައި ހުންނެވި އިރު މަސައްކަތް ކުރެއްވީ އެއްވެސް ހައުސިން މިނިސްޓަރަކު މަސައްކަތް ނުކުރައްވާހާ ފުރިހަމައަށް ކަމަށެވެ.
"...އެހެންވީމައި އަޅުގަނޑުމެންނަށް އެބަ އެނގޭ އެމަނިކުފާނުގެ ސްޕީޑާއި، އެމަނިކުފާނު ކަންތައްތައް ކުރައްވާނެ ގޮތް އަޅުގަނޑު ޝައްކެއް ނުކުރަން،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވަނީ މީދޫ ދާއިރާގެ ރައްޔިތުން އެންމެ ބޭނުންވާ އެއް ކަންތައް ރައީސަށް ދަންނަވާފައެވެ. އެގޮތުން އެ ދާއިރާއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ފާހަގަ ކުރައްވައި، މީދޫ، ބަނޑިދޫ، ރިނބުދޫ އަދި ހުޅުދެލީގައި ބާކީ ހުރި ގެވަޅުތަކުގައި ރޯހައުސް އެޅުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި، މީދޫ ދާއިރާގެ އިތުރު ދައުރަކަށް ސިޔާމް ވާދަކުރައްވާނެއެވެ.