ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރާލި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލި ނަމަވެސް ކުށް ސާބިތުނުވާ ކަމަށް ދަށު ކޯޓުން ކުރި ހުކުމާ އެކު މިނިވަންވި މީހަކު މަސްތުވާތަކެއްޗާއި ރަލާ އެކު ރޭ ހައްޔަރުކޮށްފިއެވެ.
ލިޓަސް ސާވިސް ސެންޓަރު ތެރޭގައި އަނަސްއަށް ހަމަލާދީ މަރާލާފައިވަނީ 2017ވަނަ އަހަރުގެ ޖުލައި މަހުގެ 31ވަނަ ދުވަހުގެ ރެއެވެ. އެ މަރުގެ ދައުވާ އުފުލި އެއްވެސް މީހަކަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 25 ގައި ވަނީ ހުކުމްކޮށްފައެވެ.
ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީން ވިދާޅުވީ، އަނަސްގެ މަރުގެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓު އަދިވެސް ކޯޓުން ފުލުހުންނަށް ވެސް އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ފޯރުކޮށްދީފައިނުވާ ކަމަށެވެ.
އެހެންވެ، ރިޕޯޓު ލިބުނުހާ އަވަހަކަށް މައްސަލަ އިސްތިއުނާފުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަވީން ވިދާޅުވީ، އެ މައްސަލައިގައި ދައުވާ ސާބިތުވުމުގެ ސަބަބުން މިނިވަންވި އެކަކު ރޭ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ކާކުކަން ހާމަނުކުރި ނަމަވެސް އޭނާ ވިދާޅުވީ އެ މީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ބަނގުރަލާ އެކު ދަތުރުކުރި ލޯންޗެއް ހުއްޓުވައި ބަލައި ފާސްކުރުމަށް ފަހުގައި ކަމަށެވެ.
"އަޅުގަނޑުމެންގެ ކަންބޮޑުވުން ހުރި މިންވަރު އަޅުގަނޑުމެން މި ފާހަގަކޮށްލީ،" މާ ބޮޑު ތަފުސީލެއް ނުދެއްވައި ނަވީން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ މައްސަލައިގައި ދައުވާ އުފުލި އެންމެން ސަލާމަތްވުމަކީ ފުލުހުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
އަނަސްއަށް ހަމަލާދީފައި ވަނީ ސައިކަލު ތަކެއްގައި އައި ހަތަރު މީހަކު ކަމަށާއި ހަމަލާ ދިނުމަށް ފަހު އެ މީހުން ފިލި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ މައްސަލައިގައި ދައުވާކޮށްފައި ވަނީ ލ. ގަން، ނަންނާރިގެ ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ޅ. ކުރެންދޫ އަސަރުމާގެ އަހުމަދު ޒަޔާނާއި މ. ދިމިޝްގު އުސްމާން ޝަރީފާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުއްރައްޒާގު އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒްގެ މައްޗަށެވެ.
އެ އެންމެންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 25 ގައި ވަނީ ހުކުމްކޮށްފައެވެ.
އަނަސް މަރާލިތާ ހަތް އަހަރު ފަހުން ކޯޓުން އިއްވި ހުކުމުގައި ބުނީ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ގަރީނާތަކަށް ރިއާޔަތްކޮށް، އެ ހަތް މީހުން ކުށުގައި ބައިވެރިވާ ކަމަށް އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކަނޑައެޅެން ނެތް ކަމަށެވެ.
އަނަސްއަށް ހަމަލާ ދީފައިވަނީ އަހުމަދު ޒަޔާނާއި އަފްރާހު އަބްދުއްރައްޒާގާއި އުސްމާން ޝަރީފު ކަމަށް ދައުލަތުން ތުހުމަތު ކުރިއެވެ. އަދި، އެ ތިން މީހުންގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.
އެ މީހުންގެ ތެރެއިން، މުހައްމަދު ސާޒާއި ޖުނައިހު އަބްދުﷲ އާއި ހަސަން މަހްފޫޒު އަދި ސިމާހު މޫސާގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއެވެ. އެ ހަތަރު މީހުންނަކީ އަނަސްއަށް ހަމަލާ ދިންމީހުން ގޮވައިގެން ސައިކަލްތަކުގައި އައި މީހުން ކަމަށް ދައުވާގައި ބުނެފައިވެއެވެ.
އެ މީހުން އަނަސްއަށް ހަމަލާދިނުމަށް އައުމުން، ސައިކަލެއް މަތީގައި އިށީންދެ އިން އަނަސް ވަނީ ދުވެފައި ގޮސް ލިޓަސް ސާވިސް ސެންޓަރަށް ވަދެފައެވެ. އަދި، އެ މީހުން އަނަސްއަށް ވަޅިން ހަމަލާދީފައިވަނީ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.
ހަމަލާއަށް ފަހު އަނަސް އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް އޭނާ ބެއްލެވި ޑރ. އިބްރާހިމް މުބީން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި އޭނާގެ 24 ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު ލިބިފައި ހުރި ޒަޚަމްތަކަކީ ވަގުތުން މީހާ މަރުވާފަދަ ޒަޚަމްތަކެއް ކަމަށް ވެސް ޑޮކްޓަރު ވިދާޅުވެފައިވެއެވެ.